އަންނަ މަހުން ފެށިގެން ކައުންސިލުތަކުގެ އެސްޖީންގެ މުސާރަތައް ކުޑަކުރަނީ

މުޖުތާޒް އަދި ރައީސް މުއިއްޒު -- ފޮޓޯ/ ރައިސް އޮފީސް

ސިވިލް ސާވިސް ކޮމިޝަނުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ކުޑަކުރަން ނިންމައިފިއެވެ.

ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ކުޑަކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޮގަސްޓު މަހުން ފެށިގެންނެވެ.

ޕާމަނަންޓް ސެކްރެޓަރީންނަށާއި ކައުންސިލުތަކުގެ ޒިންމާދާރުވެރިންނަށާއި ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ސަޢީދު ފޮނުއްވި ސިޓީއެއްގައި ވަނީ ޕޭ ކޮމިޝަނުން ގެނައި ބަދަލުތަކާ އެއްގޮތަށް އަންނަ މަހުން ފެށިގެން މުސާރަ ދިނުމަށް އެދިވަޑައިގެންފައެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ބަދަލު ގެނެސްފައި ވަނީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އެގްޒެކެޓިވް އެލަވަންސަށެވެ.

އެގޮތުން އެގުޒެކެޓިވް އެލަވަންސްގެ ގޮތުގައި ސިޓީ ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މަހަކު 28،095 ރުފިޔާ ލިބޭއިރު، އައު އުސޫލުގެ ދަށުން ސެކްރެޓަރީ ޖެނެރަލުންނަށް ދެން ލިބޭނީ އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 23،065 ރުފިޔާއެވެ. އެހެންކަމުން މިއީ 5،030 ރުފިޔާގެ ދަށްވުމެކެވެ.

ނަން ހާމަނުކުރުމަށް އެދި، ކައުންސިލެއްގެ އިސް ބޭފުޅަކު 'ސަން'އަށް މިއަދު ވިދާޅުވީ މި ބަދަލާއެކު ސެކްރެޓަރީ ޖެނެރަލުންގެ ދަށުން މަސައްކަތްކުރާ ޑިރެކްޓަރުންނަށް ލިބޭ މުސާރަ ބޮޑުވާނެ ކަމަށެވެ.

ކައުންސިލުތަކުގައި މަސައްކަތްކުރާ ގިނަ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރި ބައެއްގެ ގޮތުގައި އެ ބޭފުޅާ ވިދާޅުވިއެވެ. ކައުންސިލުތަކުގައި ސެކްރެޓަރީ ޖެނެރަލުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި މިއީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު މިފަދަ ޝަކުވާތައް ގިނަވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ފަހުން މުސާރަތައް ބޮޑު ކުރެއްވިއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ގާނޫނީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ އަދިވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް