އަންހެނަކަށް ފޮނުވި މެސެޖުތަކެއްގެ މައްސަލައިގައި ސިންގަޕޫރުގެ މުސްލިމް ވަޒީރަކު އިސްތިއުފާދެއްވައިފި

ސިންގަޕޫރުގެ އެކްޓިން މިނިސްޓަރ އިން-ޗާޖް އޮފް މުސްލިމް އެފެއާޒް އަދި ސީނިއަރ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް މުހައްމަދު ފައިޝަލް އިބްރާހީމް---

އަންހެނަކާ އެކު ބޭއްވި ގުޅުންތަކަކާ ގުޅިގެން، ސިންގަޕޫރުގެ އެކްޓިން މިނިސްޓާ އިން-ޗާޖް އޮފް މުސްލިމް އެފެއާޒް އަދި ސީނިއާ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް މުހައްމަދު ފައިޝަލް އިބްރާހީމް މިއަދު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޯންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ފައިޝަލް އިސްތިއުފާދެއްވީ އާންމު ރައްޔިތެއް ކަމަށްވާ އަންހެނަކާ އެކު ބޭއްވި މުއާމަލާތްތަކެއްގައި އޭނާގެ އަމަލުތައް ހުންނަންޖެހޭ މިންގަނޑަށް ނުފެތޭކަމަށް އޭނާ އަމިއްލައަށް އެއްބަސްވެވަޑައިގަތުމަށް ފަހުގައެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، އެ ދެ މީހުންގެ މެދުގައި ގިނައިން މުއާމަލާތްކޮށްފައިވަނީ އޮންލައިން މެސެޖުތައް މެދުވެރިކޮށެވެ. އަދި ބައެއް އާންމު ހަރަކާތްތަކުގެ ތެރެއިން ވެސް އެ ދެ މީހުން ބައްދަލުވެފައިވާ ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ދެ ފަރާތުން ވެސް އެކަކު އަނެކަކުގެ މައްޗަށް ފުރައްސާރަކުރުމުގެ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ޖިނާއީ ކުށެއް ކޮށްފައިނުވާކަމަށް ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ބޮޑުވަޒީރުގެ ބަޔާނުގައިވެއެވެ.

ފައިޝަލްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، އެ އަންހެން މީހާއާ އެކު އެއްވެސް ޖިސްމާނީ ގުޅުމެއް ހިންގައިފައިނުވާނެ ކަމަށާއި، އަދި އެފަދަ ގުޅުމަކަށް މަގުފަހިކުރުމުގެ ނިޔަތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް، އެ މުއާމަލާތްތައް ކުރިއަށްގެންދިޔަ ގޮތުގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށާއި، ކުރީބައިގައި ވަކި ހުދޫދެއް ކަނޑައެޅިފައި ނެތްކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.

ސިންގަޕޫރުގެ ވެރިކަންކުރާ ޕާޓީއަކީ ކޮރަޕްޝަނާއި ނޭދެވޭ އަމަލުތަކުން ސަލާމަތްވެފައިވާ ސާފު ޕާޓީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕާޓީއެއް ނަމަވެސް، ފަހަކަށް އައިސް އެ ޕާޓީއަށް ވަނީ ސިޔާސީ އެކި މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، 2024 ވަނަ އަހަރު ކުރީގެ ޓްރާންސްޕޯޓް މިނިސްޓާ އެސް. އިސްވަރަންގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 12 މަހަށް ޖަލަށްލައިފައިވާއިރު، އެހެން ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެކި މައްސަލަތަކާ ގުޅިގެން މީގެ ކުރިން އިސްތިއުފާދެއްވައިފައެވެ.

މަގާމުން އިސްތިއުފާދެއްވުމުގެ އިތުރުން، ފައިޝަލް ވަނީ ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިންނާއި ޕާލަމެންޓް މެންބަރުކަމުން ވެސް އިސްތިއުފާދެއްވައިފައެވެ. އޭނާ ޕާލަމެންޓް މެންބަރުކަން ކުރައްވަމުން ގެންދެވީ 2006 ވަނަ އަހަރުން ފެށިގެންނެވެ. ފައިޝަލްގެ ބަދަލުގައި މުސްލިމް އެފެއާޒް މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެވަޑައިގަންނަވާނީ ޒާކީ މުހައްމަދު ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް