އެއާ އިންޑިއާއަށް އިތުރު ފައިސާ ދިނުމުގައި ސިންގަޕޯ އެއާލައިންސުން ހަރުކަށި ޝަރުތުތަކެއް!

އެއާ އިންޑިއާގެ ފްލައިޓެއް-- ފޮޓޯ: ރޮއިޓާސް

އެއާ އިންޑިއާއަށް އިތުރު ކެޕިޓަލް ދިނުމަށް ރުހުން ދިނުމުގެ ކުރިން، އެ ކުންފުނީގެ މެނޭޖްމަންޓުގެ މައްޗަށް ބާރު ފޯރުވުމަށާއި ކޯޕަރޭޓް ގަވަނަންސް ހަރުދަނާކުރުމަށް ސިންގަޕޯ އެއާލައިންސުން ހަރުކަށި ޝަރުތުތަކެއް ހުށަހަޅަން ނިންމައިފިއެވެ.

މި ކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޝަރުތުތަކާ މެދު މަޝްވަރާކުރާނީ އެއާ އިންޑިއާގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ޓާޓާ ސަންސްއާއެކުގައެވެ. އޭގެ ތެރޭގައި ބޯޑުގައި ވޯޓުލުމުގެ ބާރު އިތުރުކުރުމާއި، އެއާ އިންޑިއާއަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ލާޒިމުކުރުން ހިމެނެއެވެ. އެއާ އިންޑިއާއިން ދަނީ އެ ކުންފުނީގެ ހިއްސާދާރުންގެ އަތުން 1.5 ބިލިއަން ޑޮލަރުގެ އާ އިކުއިޓީއެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. މީގެ ތެރެއިން ޓާޓާގެ ހިއްސާއަށްވާ 1.1 ބިލިއަން ޑޮލަރު ދިނުމަށް އެ ކުންފުނިން ވަނީ ފާސްކޮށްފައެވެ. އެއާ އިންޑިއާގެ ބާކީ 25.1 އިންސައްތަ ހިއްސާ އޮންނަނީ ސިންގަޕޯ އެއާލައިންސްގެ އަތުގައެވެ.

ސިންގަޕޯ އެއާލައިންސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިތުރު ކެޕިޓަލް ދިނުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއްވެސް އެ ކުންފުނީގެ ބޯޑުން ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރާނެ ކަމަށެވެ. މިގޮތުން އެއާ އިންޑިއާގެ ވިޔަފާރީގެ ސްޓްރެޓެޖީއާއި، ކުންފުނީގެ ކޭޝް ފްލޯއަށް ރިއާޔަތްކުރާނެ ކަމަށް ބުނެފައިވެއެވެ.

ސިންގަޕޯ އެއާލައިންސްގެ ދެ ފްލައިޓެއް-- ފޮޓޯ: ރޮއިޓާސް

މާޗް މަހުގެ ނިޔަލަށް ނިމުނު މާލީ އަހަރުގައި އެއާ އިންޑިއާއަށް ވަނީ 2.33 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން ސިންގަޕޯ އެއާލައިންސްގެ ފައިދާއަށްވެސް ވަނީ އަސަރުކޮށްފައެވެ. އެއާ އިންޑިއާ ކޮޅަށްޖެހުމަށް ދިހަވަރަކަށް އަހަރު ނަގާނެ ކަމަށް ޓާޓާއިން ޖުލައި މަހު ބުނެފައިވާއިރު، އެ ކުންފުނީގެ އާ ސީއީއޯގެ ގޮތުގައި އިތިއޯޕިއަން އެއާލައިންސްގެ ކުރީގެ ވެރިޔާ ޓެވޯލްޑޭ ގަބްރެމަރިއަމް ވަނީ އައްޔަންކޮށްފައެވެ. މިހާރު އެއާ އިންޑިއާގެ ބޯޑުގައި ސިންގަޕޯ އެއާލައިންސް ތަމްސީލުކުރައްވަނީ އެ ކުންފުނީގެ ސީއީއޯ ގޯ ޗޫން ފޮންގް އެކަންޏެވެ. ނަމަވެސް، 25 އިންސައްތައަށް ވުރެ ގިނަ ހިއްސާ އޮތުމުން، ކުންފުނި އެއްކޮށްލުން ފަދަ ބޮޑެތި ނިންމުންތައް ހުއްޓުވުމުގެ ބާރު އިންޑިއާގެ ގާނޫނުގެ ދަށުން ސިންގަޕޯ އެއާލައިންސަށް ލިބިގެންވެއެވެ.

ސިންގަޕޯ އެއާލައިންސްގެ މެޖޯރިޓީ ހިއްސާދާރު ކަމަށްވާ ސިންގަޕޫރު ސަރުކާރުގެ ޓެމަސެކް ކުންފުނިން ސީދާ ގޮތެއްގައި މި ކަމަށް ފައިސާ ނުދޭނެ ކަމަށާއި، އެއާ އިންޑިއާގެ ނިންމުންތަކުގެ ތެރެއަށް ނުވަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސިންގަޕޯ އެއާލައިންސުން އިއްޔެ ބުނި ގޮތުގައި، އިންޑިއާގައި ކުރާ އިންވެސްޓްމަންޓްތަކަށް ފައިސާ ހަމަޖައްސަނީ ކުންފުނީގެ އެތެރޭގެ ވަސީލަތްތަކުންނެވެ. ޖޫން މަހުގެ ނިޔަލަށް އެ ކުންފުނީގެ ރިޒާވްގައި 8.29 ބިލިއަން ޑޮލަރު (10.48 ބިލިއަން ސިންގަޕޯ ޑޮލަރު) ހުރި ކަމަށް ވަނީ ހާމަކޮށްފައެވެ.

ސިންގަޕޫރުގެ ސީނިއާ މިނިސްޓަރު ކޭ. ޝަންމުގަމް ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، އެއާ އިންޑިއާގައި އިންވެސްޓްކުރުމުގެ އެންމެހާ ނިންމުންތަކެއް ނިންމާނީ ސިންގަޕޯ އެއާލައިންސުންނެވެ.

comment ކޮމެންޓް