ރާއްޖެއަށް އައިއިރު ބޫޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރި މީހަކު، އެއީ ރާއްޖޭގައި މަނާ ބާވަތެއްކަން ނޭނގޭ ކަމަށް ބުނެފިއެވެ.
މިދިޔަ މޭ މަހު ހައްޔަރުކުރި އުމުރުން 30 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސޫރަޖް ކަރުވާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ މިފަދައިން ބުނެ ދިފާއުވެފައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، ސޫރަޖް ކަރުވާރު ހައްޔަރުކުރީ އޭނާގެ ލަގެޖް ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން ފެނުނު ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓު ކިބައިގެ ތެރޭގައި މަސްތުވާތަކެތި ހުރުމުންނެވެ.
ނަމަވެސް އޭނާ ކޯޓުގައި ބުނެފައިވަނީ އެއީ "ހާބަލް" ނުވަތަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށާއި، އެއީ އިންޑިއާގައި ބޭނުންކުރުން ހުއްދަ އެއްޗެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި މަނާ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލާގައި ތުހުމަތުކުރެވެނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައަކަށް ކަމަށް އަމުރުގައި ބަޔާންކޮށްފައި ވިޔަސް، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ. މަނާ އެއްޗެއްކަން ނޭނގޭ ކަމަށް އޭނާ ބުނި ނަމަވެސް، އެ ތަކެތި ބޫޓު ތެރޭގައި ފޮރުވައިގެން ގެނައި ސަބަބެއް އޭނާ ސާފުކޮށްދީފައެއް ނުވެއެވެ.
ތަހުގީގުގެ ބޭނުމަށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން ސޫރަޖްގެ ބަންދު މުއްދަތު އިތުރުކޮށްފައިވާއިރު، އިއްޔެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހަކަށް އައިސް އިންޑިއާ މީހުން އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. މި މައްސަލަ ބޮޑުވެ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.