މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި މި މަހުގެ ނުވަނަ ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ ދޯނި އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ ނުވަނަ ދުވަހުގެ ރޭ 21:10 ހާއިރުއެވެ.
އެކްސިޑެންޓު ހިނގި ރޭ ފުލުހުން ބުނެފައިވަނީ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން މާލޭގެ އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 21:16 ހާއިރެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ ހާދިސާއަށް ފަހު މަޑުނުކޮށް ފިލާފައެވެ. އެކްސިޑެންޓަށް ފަސް ދުވަސް ވެގެންދިޔައިރު ވެސް، ފިލައިގެން ދިޔަ އެ އުޅަނދު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
އެކްސިޑެންޓުވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިއެވެ. އެކްސިޑެންޓުގެ މި ހާދިސާ ހިންގިރޭ ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި "ލީޖަން 1" ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މެރިން ޕޮލިހުންނާއި ފުލުހުންގެ ތަހުގީގު ޓީމުން އަދިވެސް ދަނީ ބަލަމުންކަމަށް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ މިބާވަތުގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ވެސް ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވެއެވެ. އެ ހާދިސާގައި ވެސް ދޯނި މަޑުނުކޮށް ދިޔަ ނަމަވެސް، ފަހުން އެ ދޯނި ހޯދައި އެ މައްސަލަ ފުލުހުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.