ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރާ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ

ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގެ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ -- ސަން ފޮޓޯ

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފާހަގަކުރާ އަލިމަސް ޔޫބީލް ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ) ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްއެސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެސްއެސް ޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީނެވެ. ހިތާދޫގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް ހާފިޒް ޚާލިދެވެ.

މި އެއްބަސްވުމުގެ ދަށުން ހިތާދޫ ސްކޫލްގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކާއި، އެ ރަށާ ގުޅުންހުރި މުހިންމު ވާހަކަތައް އެސްއެސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން އާންމުންނާ ހަމައަށް ގެނެސްދޭނެއެވެ. މީގެ އިތުރުން، މި ހަރަކާތްތައް ކަވަރުކުރުމަށްޓަކައި އެސްއެސް ޓީވީގެ ޓީމެއް އެ ރަށަށް ދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެސްއެސް ޓީވީގެ ސީސީއޯ ޒަހީން ވިދާޅުވީ، "ތަޢުލީމީ ދާއިރާގައި 75 އަހަރު ފުރުން ފާހަގަކުރާ މިފަދަ މުހިންމު ހަރަކާތެއްގައި ބައިވެރިވުމަކީ އެސްއެސް މީޑިއާއަށް ލިބޭ ފަޚުރެއް" ކަމަށެވެ.

ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގެ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ -- ސަން ފޮޓޯ

ސްކޫލުގެ އަހަރީ ދުވަހާ ގުޅޭ ހަރަކާތްތައް ޖުލައި މަހުގެ ހަތް ވަނަ ދުވަހު ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި އަލިމަސް ޔޫބީލްގެ ލޯގޯ އިފްތިތާޙު ކުރުމާއި މީޑިއާ ޕްލެޓްފޯމްތައް ލޯންޗުކުރުން ހިމެނެއެވެ. މީގެ އިތުރުން، މާލޭގައި ތިބި ހިތާދޫގެ އިސްވެރިންނާއި ބެލެނިވެރިންގެ ބައިވެރިވުމާއެކު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ހިތާދޫ ސްކޫލުގެ އިސްދަރިވަރު އަދި ޓާސްކްފޯހުގައި އިސްކޮށް ހަރަކާތްތެރިވާ ޒީބާ ޢަޠާ މުޙައްމަދު "ސަން" އަށް މައުލޫމާތު ދެއްވި ގޮތުގައި، ސްކޫލަށް 75 އަހަރު ފުރުމުގެ މި މުނާސަބަތާ ގުޅިގެން ރަށު ފެންވަރުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އެގޮތުން ރަށް ސާފުކުރުމާއި ސްކޫލުގެ މާހައުލު ރީތިކުރުމުގެ މަސައްކަތްތައް ފޯރިއާއެކު ކުރިއަށްދާއިރު، ސްކޫލުގެ މިހާރުގެ ހާލަތު އަންގައިދޭ ފޮޓޯއާއި މައުލޫމާތު ހިމެނޭ ކެޕްސޫލެއް ސްކޫލް ގޯތިތެރޭގައި ވަޅުލުމަށް ވަނީ ރޭވިފައެވެ.

މި ކެޕްސޫލް ވަޅުލާ ތަނުގައި މޮނިއުމެންޓެއް ބެހެއްޓޭނެ ކަމަށާއި، ކެޕްސޫލް ނެގުމަށް ހަމަޖެހިފައި ވަނީ ސްކޫލަށް 100 އަހަރު ފުރޭ ތާރީޚުގައެވެ.

ހިތާދޫ ސްކޫލުން ފާހަގަކޮށްފައިވާ ގޮތުގައި، މިވަގުތު ސްކޫލަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ އިތުރު ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތަކެވެ. ހަމައެއާއެކު އަލިމަސް ޔޫބީލްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ރަށުގެ ފަރާތުން ސްކޫލުގައި ނަމާދުކުރާނެ ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ ރަށުން މަޢުލޫމާތު ދެއެވެ.

ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ވަނީ ހަމަޖައްސާފައެވެ. މި އެއްބަސްވުމުގެ ދަށުން، އެސްއެސް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް މި ޚާއްޞަ މުނާސަބަތުގެ ހަރަކާތްތައް އާންމުންނަށް ގެނެސްދޭނެއެވެ. މީގެ އިތުރުން، ރަށު ފެންވަރުގައި ތަފާތު ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، ސްކޫލުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަކޮށް، އެކަންކަން ހާސިލުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

  • އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްއެސް ޓީވީގެ ސީސީއޯ މުޙައްމަދު ޒަހީނާއި ހިތާދޫ ކައުންސިލްގެ ރައީސް ހާފިޒް ޚާލިދެވެ.
  • އަލިމަސް ޔޫބީލްގެ ހަރަކާތްތައް ޖުލައި 7 ވަނަ ދުވަހު ފަށާފައިވާއިރު، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
  • ސްކޫލުގެ 100 ވަނަ އަހަރީ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ޚާއްޞަ ކެޕްސޫލެއް ވަޅުލުމަށް ވަނީ ނިންމާފައެވެ.
  • ސްކޫލަށް އިތުރު ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ވަސީލަތްތައް ބޭނުންވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
  • އެންމެ ފަހު ހަރަކާތެއްގެ ގޮތުން ސްކޫލުގައި ނަމާދުކުރާނެ ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
  • މީޑިއާ ކަވަރޭޖް ފުޅާކުރުމަށް އެސްއެސް މީޑިއާއާއެކު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމުކުރުން.
  • ތާރީޚީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްޞަ ކެޕްސޫލެއް ވަޅުލުން.
  • ސްކޫލުގެ އުމްރާނީ ތަރައްޤީއާއި ވަސީލަތްތައް ހޯދުމަށް އިސްކަންދިނުން.
  • --
  • މަސްދަރު: ފޯރުކޮށްދީފައިވާ ލިޔުން
comment ކޮމެންޓް