އައިލެންޑް އޭވިއޭޝަންގެ ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަނީ

މޯލްޑިވިއަންގެ ކެބިން ކުރޫންތަކެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އިމާރާތްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ފަރުމާކޮށް, އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު (އީއޯއައި) ހުޅުވާލައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ކޮންޓްރެކްޓާ ފައިނޭންސިންގ މޮޑެލްގެ ދަށުން، މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ މަސައްކަތްކުރާ ކޮންޓްރެކްޓަރެވެ. އަދި ކުންފުނިން އެ ފައިސާ ދައްކާނީ ދިގު މުއްދަތަކަށް ބަހާލައިގެންނެވެ.

https://www.sun.mv/224379

މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. އައިއޭއެސްއެލް އިން ގެޒެޓުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޝައުޤުވެރިކަން ފާޅުކުރާ ފޯމު ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އައިއޭއެސްއެލް އިން ވަނީ މި މަހުގެ އަށް ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބިމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހުޅުމާލެއިން ބިން ހަމަޖެއްސުމަށް ވެވުނު މި އެއްބަސްވުމުގައި އައިއޭއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ޢަލީ ޒުހައިރުއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަކީ ރާއްޖޭގައި މިހާރު އާންމުވަމުން އަންނަ ކަމެކެވެ. މީގެ ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 384 އެޕާޓްމަންޓް ހިމެނޭ ދެ ޓަވަރު އިމާރާތްކޮށްފައެވެ. ހަމައެހެންމެ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެސްޓީއޯގެ އިތުރުން ސްޓެލްކޯ ފަދަ ކުންފުނިތަކުންވެސް ވަނީ މުވައްޒަފުންގެ ވެލްފެއާ ކުރިއެރުވުމުގެ ގޮތުން ފްލެޓްތައް އިމާރާތްކޮށް، މުވައްޒަފުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް