ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން ބިމެއް ހަމަޖައްސައި، އެ ކުންފުންޏާ އެ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫއަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ހައްލެއް ހޯދައިދިނުމަށް ފަށާ ފްލެޓު އެޅުމުގެ މަޝްރޫއެކެވެ.
ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.
އެނގިފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ބިމެއް ވެސް އެޗްޑީސީން ވަނީ ދީފައެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުން މީގެ ކުރިން ވެސް ވަނީ ހުޅުމާލޭގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިފައެވެ.
އޭގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ 384 އެޕާޓްމަންޓުގެ ދެ ޓަވަރުގެ އިތުރުން، އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުންނަށް ފްލެޓް އަޅައި ހަވާލުކޮށްފައެވެ.