ދިވެހި ފުލުހުން ތަމްރީނުކުރުމަށާއި މުއައްސަސާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް އިއްޔެ ކުރިއަށްގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަޙްތާނީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިއްޔެ ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުން ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން، ފުލުހުންނަށް ބޭނުންވާ ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ސައުދީ އަރަބިއްޔާގެ ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަށް ކުރެވުނު މަޝްވަރާތަކެވެ. މީގެ އިތުރުން، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ތަމްރީނުތައް ހޯދުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި ތަހުގީގުގެ ދާއިރާ ކުރިއެރުވުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ސަފީރާއި ކޮމިޝަނާ އޮފް ޕޮލިސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ކަންކަމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.