މި ސަރުކާރަށް އިގުތިޞާދު އަންދާޒާކުރަން ނޭނގޭ، ކަންކަން ކުރަނީ މޮޅެތި ސުރުޚީ އަޅަން: ޙުސައިން

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ: ވިދާޅުވީ މި ސަރުކާރުގެ އިސްވެރިންނަށް ރާއްޖޭގެ އިގުތިޞާދު އަންދާޒާކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރުގެ އިސްވެރިންނަށް ރާއްޖޭގެ އިގުތިޞާދު އަންދާޒާކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި، މި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ ނޫސްތަކުގައި ސުރުޚީ އަޅަން ކަމަށް ވިދާޅުވެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

'އެސްއެސްޓީވީ'ން ގެނެސްދޭ "ބާރު ހަތަރެއް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޙުސައިން ވިދާޅުވީ، ހަގީގީ މާނައިގައި ޑޮލަރު ރޭޓު ދަށްކުރުމަށް ސަރުކާރުން ރަނގަޅު މަސައްކަތެއް ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޙުސައިން ވިދާޅުވީ ރައްޔިތުން ޑޮލަރު ބޭނުންވާ ވަރާއި ގައުމަށް އާމްދަނީ ލިބޭ ވަރާއި ދަރަނި ހުރި މިންވަރު ސަރުކާރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

ނަމަވެސް ފެނިގެން ދިޔައީ ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް އިންތިހާއަށް ބޮޑުވެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާ އަދަދު އިތުރުވި މަންޒަރު ކަމަށް ޙުސައިން ވިދާޅުވިއެވެ.

ފައިސާ އޭޓީއެމްއަކަށް ލުން: -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ކޮވިޑް-19 ނިމި، އެމްޑީޕީ ސަރުކާރު ނިމެން ކައިރިވިއިރު އިގުތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އިސްލާހީ ފިޔަވަޅުތައް އަޅަމުން ދިޔަ ކަމަށް ޙުސައިން ވިދާޅުވިއެވެ. އެގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ދެން ތަންފީޒުކުރާނީ ކޮންޓްރެކްޝަނަލް ސިޔާސަތަކަށް ދިއުމަށް ކަމަށް އެ އިދާރާއިން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެމްއެމްއޭއިން އެ ސިޔާސަތު ތަންފީޒުކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙުސައިން ވިދާޅުވިގޮތުގައި ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން ސަރުކާރުން މަސައްކަތްކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް އެމްއެމްއޭއިން ސަރުކާރަށް ފައިސާ ހޯދައިދޭން މަސައްކަތްކުރި މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ޙުސައިން ވިދާޅުވިއެވެ.

"އެހެންވީމާ ހަގީގަތުގައި ޑޮލަރަށް މި ވަނީ ފަހާ ދުވަން އިތުރަށް ރުފިޔާތައް މި ނެރެނީ އެމްއެމްއޭއިން، ނެރުމުގެ ސަބަބުން ޑޮލަރުގެ ރޭޓު ހައްތަހާ މި ދަނީ މައްޗަށް،" ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުން ފޮރެކްސް ގާނޫނަށް ގެނައި އިސްލާހާއެކީ ޑޮލަރު ރޭޓު މައްޗަށް ނުދާނެ ކަމަށް ސަރުކާރުން ބުނެފައިވާކަން ޙުސައިން ފާހަގަކުރެއްވިއެވެ.

އެކަމަކު 17 ރުފިޔާއަށް ލިބެންހުރި ޑޮލަރު ކަޅު ބާޒާރުގައި މިހާރު ލިބެނީ 21 ރުފިޔާއަށް ކަން ވެސް ޙުސައިން ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އެބަ އެނގޭ ރައީސް މުޢިއްޒަކަށްވެސް ސަރުކާރަކަށްވެސް، މި ބޭފުޅުންނަކަށް އަސްލު ހަގީގަތުގައި އިގުތިޞާދަށް މި ވަނީ ކީއްކަން އަންދާޒާކުރަންވެސް ނޭނގޭކަން، އެއަށްވުރެ މާ ނާގާބިލު، ނާގާބިލު އަދި އިތުރަށް ކަންކަން މި ކުރަނީ ހަމައެކަނި މީހުންނަށް ހެޑްލައިން ހެދުމަށްޓަކައި ކަން،" އޭނާ ވިދާޅުވިއެވެ.

ޙުސައިން ވިދާޅުވީ ސަރުކާރުން އިސްލާހީ އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ހަގީގީ މާނައިގައި އިގުތިޞާދު ރަނގަޅުކުރަން އެއްވެސް ސިޔާސަތެއް ސަރުކާރުން ތަންފީޒުނުކުރާ ކަމަށެވެ.

comment ކޮމެންޓް