ތަރުކާރީއާއި މަހުގެ ބާވަތްތައް ހިމެނޭހެން، މިދިޔަ މަހު އަސާސީ ތަކެތީގެ އަގު ހަ ޕަސެންޓް އުފުލިއްޖެ

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ހުރި ބާވަތްތަކެއް، މީހަކު ބަލައިލަނީ: ތަރުކާރީއާއި މަހުގެ ބާވަތްތައް ހިމެނޭހެން، މިދިޔަ މަހު އަސާސީ ތަކެތީގެ އަގު ވަނީ ހަ ޕަސެންޓް އުފުލިފައި -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު، ނިމުނު އޯގަސްޓު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ހަ ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ، އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު މި އަހަރުގެ އޯގަސްޓު މަހު އަސާސީ ބާވަތްތަކުގެ އަގު ވަނީ 6.26 ޕަސެންޓް އިތުރުވެފައެވެ. މަހުން މަހަށް އައި ބަދަލަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.42 ޕަސެންޓް އިތުރުވެފައި ކަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވަނީ، މިދިޔަ މަހު ކެއުމުގެ ބާވަތްތަކުގެ އަގު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.93 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ އެއްގަމު ބާވަތްތަކުގެ އަގަށް ކަމަށްވާއިރު، އެފަދަ ބާވަތްތަކުގެ އަގު ވަނީ 23.13 ޕަސެންޓް އުފުލިފައެވެ. އަދި ކިރާއި ކިރުގެ ބާވަތްތަކާއި ބިހުގެ އަގު 12.10 ޕަސެންޓް އުފުލިފައިވާއިރު، ތަރުކާރީގެ އަގު ވަނީ 5.45 ޕަސެންޓް ބޮޑުވެފައެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު މޭވާގެ އަގު ދަށްވި ނަމަވެސް، މިދިޔަ ޖުލައ މަހާ އަޅައިބަލާއިރު މޭވާގެ އަގުން 3.50 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މީހަކު ބިސް ކޭސްތަކެއް އުފުލަނީ: މިދިޔަ މަހު ކިރާއި ކިރުގެ ބާވަތްތަކާއި ބިހުގެ އަގު ވެސް ވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، މަހުން މަހަށް ބަލާއިރު ގޭހާއި ތެލުގެ އަގުތައް އުފުލިފައިނުވި ނަމަވެސް، މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅައިބަލާއިރު އެފަދަ ބާވަތްތަކުގެ އަގު ހުރީ 14.54 ޕަސެންޓް އުފުލިފައި ކަމަށް އެ ރިޕޯޓުގައިވެއެވެ.

ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން، ރާއްޖޭގައި ވެސް ތެލާއި އެހެނިހެން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ.

https://sun.mv/224417

މި އަހަރަކީ ރާއްޖޭން ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ އަހަރެއް ކަމަަށްވާއިރު، ބޭރުގެ އިދާރާތަކުން މިދިޔަ އަހަރު ވެސް ވަނީ މި އަހަރު ރާއްޖޭގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ދިގުދެމިގެންގޮސްފައިވާއިރު، ތަކެތީގެ އަގު އުފުލުމުގެ ބިރު ވަނީ އިތުރަށް ބޮޑުވެފައެވެ. އެގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުގައި ވެސް ވަނީ، ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އަންދާޒާކޮށްފައެވެ.

comment ކޮމެންޓް