އަދަދު ނޫހުން ގެނައި ކޮންޓެންޓަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާދީ ނެރެފައިވާ އޯޑަރެއް ނޫން ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ގެނައި ކޮންޓެންޓަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާދީ ނެރެފައިވާ އޯޑަރެއް ނޫން ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ ވިދާޅުވީ، އެ ގެގް އޯޑަރު ބާތިލުކުރުމަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވަނިކޮށް، އެ ނިންމުން މުރާޖަރާ ކުރުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ނިންމި ނިންމުމުގައެވެ.
އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި އެ އަމުރު، ހައިކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ.
ރަޖިސްޓްރާގެ ނިންމުން އަލުން ރިވިއު ކުރުމަށް އެމްޖޭއޭއިން ހުށަހެޅުމުން، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަކުން އެ ނިންމުން އަލުން ރިވިއުކޮށް، މައްސަލަ ބޭރުކޮށްލީ ގޯސްކޮށް ކަމަށްވަނީ ކަނޑައަޅައިފައެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ދީބާނާޒް ފަހުމީ އަދި އިބްރާހީމް މާހިރު ހިމެނޭ ބެންޗަކުން އެ ނިންމުން ރިވިއު ކުރެެއްވުމަށް ފަހު، އެ މައްސަލަ ހައިކޯޓަށް ބަލައިގަންނަން ފެންނަ ކަމަށް، ފަނޑިޔާރުންގެ އަގުލަބިއްޔަތުންވަނީ ނިންމަވައިފައެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ނިންމެވީ، ފަނޑިޔާރު ދީބާނާޒްއެވެ. އަނެއް ދެ ފަނޑިޔާރުން ނިންމެވީ މައްސަލަ ބަލައިގަންނާށެވެ.
މައްސަލަ ބަލައިގަންނަން ނިންމެވި ދެ ފަނޑިޔާރުންގެ ރައުޔުގައި، އެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ހަވާލާ ނުދީ ކަމަށްވަނީ ވިދާޅުވެފައެވެ. އަދި އެ އަމުރަކީ ޝަރިއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ނެރުނު އަމުރެއް ނޫންކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވިއިރު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އޮތީ އުފުލާފައެވެ. ދެ ނޫސްވެރިންގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ވަނީ ސިއްރުކޮށްގެން ފަށާފައެވެ.
އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމު ނުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސިޔާސީ ޕާޓީތަކަށް ވެސް އެންގުމެއް ވަނީ ފޮނުވައިފައެވެ.