އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރުމަށް އެކުލަވާލާފައިވާ ޓީވީ ނެޓްވޯކްތަކުގެ ޕޫލް ކަވަރޭޖް، އެމެރިކާގެ ބޮޑެތި މީޑިއާތަކުން ހުއްޓާލައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ، ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައުއަށް ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެންނެވެ.
މިދިޔަ ހުކުރު ދުވަހު ޓްރަމްޕް މި ނިންމެވުން އިއުލާންކުރައްވަމުން ވިދާޅުވީ، އެ އިދާރާތަކުން އޭނާގެ ސަރުކާރާ ގުޅޭގޮތުން ލިޔަނީ "ހިޔާލީ ވާހަކަ ނުވަތަ ދޮގު" ކަމަށެވެ. އަދި ހޮނިހިރު ދުވަހު އެ ނޫސްވެރިންނަށް ވައިޓް ހައުސްއަށް ނުވަދެވުނު ކަމަށް އެ ކުންފުނިތަކުން ބުނެފައިވެއެވެ.
ފޮކްސް ނިއުސްގެ ވޮޝިންޓަން ބިއުރޯ ޗީފް ބްރަޔަން ބޯޓަން ފޮނުއްވި އީމެއިލެއްގައި ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ކަވަރޭޖްތަކުގައި ޓީވީ ޕޫލުން ދެން ބައިވެރިނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެހެން ޕޫލެއް ނުހަދާނެ ކަމަށެވެ. މީގެ އިތުރުން، ނިއުޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓް ފަދަ ނޫސްތަކުން ވެސް ވަނީ ޓްރަމްޕްގެ ހަރަކާތްތަކުގެ ފޮޓޯ ހިއްސާނުކުރާނެ ކަމަށް ބުނެފައެވެ.
ވައިޓް ހައުސްއިން މަނާކުރި ތިން މީޑިއާއިން ވަނީ ވޮޝިންޓަންގެ ޑިސްޓްރިކްޓް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ ފަރާތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް އެންގުމަކާ ނުލައި ނޫސްވެރިންގެ ހުއްދަ ބާތިލުކުރީ އެ މީހުންގެ ރިޕޯޓިންއާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ނޫސްވެރިކަމަށް އޮތް ނުރައްކާއެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީޑިއާތަކުގެ މި ބޮއިކޮޓާ ގުޅިގެން، އދ. ގެ އާންމު މަޖިލީހަށް ވަޑައިގަތުމަށް ޓްރަމްޕް އެއާ ފޯސް ވަން އަށް އަރާވަޑައިގަތް މަންޒަރާއި ނިއުޔޯކަށް ވަޑައިގަތް މަންޒަރުގެ އެއްވެސް ވީޑިއޯއެއް ނެޓްވޯކްތަކުން ގެނެސްދީފައެއް ނުވެއެވެ. އަދި ވައިޓް ހައުސްގައި އޮތް މެރިން ވަން ހެލިޕޭޑް ހުޅުވުމުގެ ރަސްމިއްޔާތު ވައިޓް ހައުސްގެ ވެބްސައިޓުން ސްޓްރީމްކުރި ނަމަވެސް، ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގެ އަޑު ސާފެއް ނޫނެވެ. މީގެ ކުޑަ އިރުކޮޅެއް ފަހުން ވައިޓް ހައުސްއިން ވަނީ ޓްރަމްޕްގެ ވީޑިއޯތައް 24 ގަޑިއިރު ދައްކާ "ޓްރަމްޕް ޓީވީ" ގެ ނަމުގައި ސްޓްރީމިން ޗެނަލެއް ތައާރަފުކޮށްފައެވެ.
ނިއުޔޯކްގެ މޭޔަރު ޒޯހްރާން މަމްދާނީއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ޓްރަމްޕް ވިދާޅުވީ، މީޑިއާތަކުން އޭނާ ބޮއިކޮޓްކުރާނެ ކަމަށް ބުނި ނަމަވެސް އެކަން ނުކުރާ ކަމަށާއި، އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.