މިދިޔަ ހަ މަހު ހދ. އަތޮޅުގައި 102 ކައިވެނި ކުރިއިރު، 90 ވަރި

ބަޔަކު ކައިވެނި ކުރުމަށް ފެމެލީ ކޯޓު ސަރަހައްދުގައި-- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ ހަ މަހު ހދ. އަތޮޅުގައި 102 ކައިވެނި ކުރިއިރު، 90 ވަރި ވެސް ކޮށްފައިވާ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިދިޔަ ބުދަ ދުވަހު އާންމުކުރި ހިސާބުތަކަށް ބަލާއިރު، ހދ. އަތޮޅުގައި އެންމެ ގިނައިން ކައިވެނި ކުރީ, އެންމެ އާބާދީ ބޮޑު ކުޅުދުއްފުށި ސިޓީގައެވެ.

އެ ރަށުގައި 54 ކައިވެނި ކުރިއިރު، ދެވަނައަށް އެންމެ ގިނައިން ކައިވެނި ކޮށްފައި ވަނީ ހދ. ނޮޅިވަރަމުގައެވެ. އެ ރަށުގައި އަށް ކައިވެނި ކުރިއިރު، މިދިޔަ ހަ މަހު އެ އަތޮޅު ނޮޅިވަރަންފަރުގައި ހަތް ކައިވެނި ކުރިއެވެ.

ފެމިލީ ކޯޓްގެ ކޯޓް ރޫމެއްގައި ވަކީލަކު މަޑުކޮށްލައިގެން-- ފޮޓޯ: ފެމިލީ ކޯޓް

އޭގެއިތުރަށް، އެ އަތޮޅު ވައިކަރަދުއާއި މަކުނުދޫއާއި ހަނިމާދޫގައި ކޮންމެ ރަށެއްގައި ހަ ކައިވެނި ކުރިއެވެ. އަދި، ހދ. ނޭކުރެންދުއާއި ހިރިމަރަދުއާއި ފިނޭއާއި ނެއްލައިދޫގައި މިދިޔަ ހަ މަހު ކޮށްފައި ވަނީ ތިން ކައިވެންޏެކެވެ.

ހދ. އަތޮޅުން ނައިވަދުއާއި ކުރިނބިއާއި ކުމުންދޫގައި ކޮށްފައި ވަނީ އެންމެ ކައިވެންޏެކެވެ.

މިދިޔަ ހަ މަހު އެ އަތޮޅުގެ ވަރީގެ ހިސާބުތަކަށް ބަލާއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ކުޅުދުއްފުއްޓެވެ. އެ ރަށުގައި އެކަނި 49 ވަރި މިދިޔަ ހަ މަހު ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ވަރި ކުރި ރަށުގެ ޖާގައިގައި ހަނިމާދޫ އޮތީ 11 ވަރި ކޮށްފައިވާތީއެވެ.

މިދިޔަ ހަ މަހުގެ ތެރޭގައި ހދ. އަތޮޅުގެ ނެއްލައިދުއާއި ހިރިމަރަދުއާއި ނޭކުރެންދޫގައި އެންމެ ވަރިއެއް ވެސް ކޮށްފައެއްނުވެއެވެ.

ހދ. އަތޮޅުގައި ކައިވެންޏާއި ގާތް ކުރާ އަދަދެއްގައި ވަރީގެ ހިސާބުތައް ހުރިއިރު، ރާއްޖެއަކީ ދުނިޔޭގައި ވެސް ވަރި އެންމެ ގިނަ ގައުމެވެ.

comment ކޮމެންޓް