އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު، އޭނާ އުފަންވެވަޑައިގަތް ރަށް ކަމަށްވާ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި ފަސްދާނުލައިފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީ އަވަހާރަވިތާ ހަތަރު މަސް ދުވަސް ފަހުން ބޭއްވި މި ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އީރާނާއި އިރާގުގެ އެކި ސަހަރުތަކުގައި އެއް ހަފުތާ ވަންދެން ބޭއްވި ބޮޑެތި ހިނގާލުންތަކަކަށް ފަހުގައެވެ.
ޚާމަނާއީގެ ޖަނާޒާ އެންމެ ފުރަތަމަ ބާއްވަން ތާވަލުކޮށްފައި އޮތީ މާޗް މަހުއެވެ. ނަމަވެސް އީރާނާއި އެމެރިކާއާ ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން ޖަނާޒާ ވަނީ ފަސްކުރެވިފައެވެ.
ޚާމަނާއީ ފަސްދާނުލުމަށް އޭނާ ވަސިއްޔަތްކުރައްވާފައިވާ އިމާމް ރިޒާގެ މަގުބަރާއަކީ ޝީއީ މުސްލިމުންގެ އަށްވަނަ އިމާމްގެ މަގުބަރާ ހިމެނޭ، 657 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ގާއިމުކޮށްފައިވާ، ޖާގައިގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް މިސްކިތެވެ. ކޮންމެ އަހަރަކުވެސް 30 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ މި ތަނަކީ އީރާނުގެ އެންމެ މުހިންމު އެއް ދީނީ ބިނާއެވެ.
މި ޖަނާޒާގެ ރަސްމީ ހަރަކާތްތައް ފަށާފައިވަނީ ހޮނިހިރު ދުވަހު ތެހެރާންގައި ހުންނަ ގްރޭންޑް މުސައްލާގައެވެ. އެއަށްފަހު ހޯމަ ދުވަހު ތެހެރާންގެ މަގުތަކުގައި 10 ކިލޯމީޓަރުގެ ރާސްތާއަކަށް ހިނގާލުމެއް ބާއްވައި، އާޒާދީ މައިދާނަށް ހަށިކޮޅު ގެންދިޔައެވެ. 1971 ވަނަ އަހަރު ބިނާކޮށްފައިވާ 45 މީޓަރުގެ އުސްމިން ހުންނަ އާޒާދީ ޓަވަރު ހިމެނޭ މި މައިދާނަކީ 1979 ގެ އިންގިލާބަށްފަހު އީރާނުގެ އެންމެ ބޮޑެތި އެއްވުންތައް ބާއްވާ މައި މަރުކަޒެވެ.
އީރާނުގެ ރަސްމީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، 50،000 އަކަމީޓަރުގެ ބޮޑުމިން ހުންނަ އާޒާދީ މައިދާނާއި ތެހެރާންގެ މަގުތަކުގައި ބޭއްވި ހިނގާލުމުގައި އެކަނިވެސް 12 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އަދި މުޅި ޖަނާޒާގެ އެކި ހަރަކާތްތަކުގައި ޖުމްލަ 15 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އަންދާޒާކުރެވެއެވެ. ތެހެރާންގެ އިތުރުން، އަންގާރަ ދުވަހު އީރާނުގެ މުގައްދަސު ރަށެއް ކަމަށްވާ ގުމްގައި އެތައް ލައްކަ ބަޔަކާއެކު ހިނގާލުމެއް ބޭއްވިއެވެ. އެއަށްފަހު ބުދަ ދުވަހު އިރާގުގެ ނަޖަފް އާއި ކަރްބަލާގައިވެސް ޚާމަނާއީގެ ހަށިކޮޅާއެކު ހިނގާލުންތައް ބޭއްވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާގެ ވައިގެ ހަމަލާތަކުގައި މަރުވި އީރާނުގެ މަރުހޫމް ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ މަޝްހާދަށް ވަޅުލި ދުވަހު ގިނަ ބަޔަކު އެއްވެފައި. ފޮޓޯ/ރޮއިޓާސް
މި ހަރަކާތްތަކުގައި އީރާނުގެ ސަރަހައްދީ ބައިވެރިން ކަމަށްވާ ފަލަސްތީނުގެ ހަމާސް އާއި އިސްލާމިކް ޖިހާދު، ލުބުނާނުގެ ހިޒްބުﷲ، އަދި ޔަމަނުގެ ހޫތީންގެ މަންދޫބުން ބައިވެރިވިއެވެ. ޚާމަނާއީގެ އިތުރުން، ފެބްރުއަރީ މަހު ދިން ހަމަލާގައި އަވަހާރަވި އޭނާގެ އާއިލާގެ ހަތަރު މެންބަރެއްގެ ހަށިކޮޅުވެސް މި ޖަނާޒާގައި ވަޅުލާފައިވެއެވެ. ނަމަވެސް، ޚާމަނާއީގެ ދަރިކަލުން އަދި އޭނާގެ ބަދަލުގައި ސުޕްރީމް ލީޑަރުގެ މަގާމަށް ވަޑައިގެންނެވި މުޖްތަބާ ޚާމަނާއީ މި ޖަނާޒާގެ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފެބްރުއަރީ 28 ގެ ހަމަލާއަށްފަހު މުޖްތަބާ އާންމު ތަންތަނުން ފެނިފައެއް ނުވެއެވެ. މިއާއެކު އީރާނުގެ އާންމުންގެ މެދުގައި ސަލާމަތީ ކަންކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ބުރާސްފަތި ދުވަހު މަޝްހަދުގައި ބޭއްވި އެންމެ ފަހުގެ ހިނގާލުމުގައި މީހުން ގިނަވުމުގެ ސަބަބުން، ޚާމަނާއީގެ ހަށިކޮޅު އުފުލި އުޅަނދަށް ކުރިއަށް ނުދެވިގެން، އިމާމް ރިޒާގެ މަގުބަރާއަށް ހަށިކޮޅު ގެންދިޔައީ ހެލިކޮޕްޓަރެއްގައެވެ. ކަޅު ހެދުމުގައި ތިބި އާންމުން ވަނީ އީރާނުގެ ދިދަތަކާއި ޚާމަނާއީގެ ފޮޓޯތައް ހިފައިގެން ނުކުމެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އަޑުއުފުލައި، ބަދަލުހިފުމަށް ގޮވާލާފައެވެ.
މި ޖަނާޒާ ކުރިއަށްދިޔައިރު، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް ޖޫން 17 ގައި ވެފައިވާ އެއްބަސްވުން ވަނީ ރޫޅިފައެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 25 އިންސައްތަ އަދި ގޭހުގެ 20 އިންސައްތަ އުފުލާ މުހިންމު މަގެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅީގައި އީރާނުން އަންގާރަ ދުވަހު ތިން ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން ވަނީ ވިދިވިދިގެން ދެ ރޭ އީރާނަށް ހަމަލާދީފައެވެ. ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އީރާނުގެ ވެރިންނަކީ ބަލިކަށި އަދި އަނިޔާވެރި ބައެއް ކަމަށާއި، އެ މީހުންނާ އިތުރަށް މުއާމަލާތްކުރަން ބޭނުންފުޅުނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ކުވޭތު، ބަހްރެއިން، ގަތަރު އަދި އުރުދުންގައި ހުރި އެމެރިކާއާ ގުޅުންހުރި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.
ޚާމަނާއީ ވަޅުލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އީރާނުގެ ހަމައެކަނި ނިއުކްލިއާ އިންޖީނުގެ ހުންނަ ބޫޝެހެރު އަދި ކައިރީގައި އޮންނަ ޗޮގަދަކް ސަރަހައްދުން ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް މެހެރު ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
އެއްހާސް މެގަވޮޓްގެ ކަރަންޓު އުފައްދާ މި އިންޖީނުގެއަކީ ރަޝިއާގެ އެހީތެރިކަމާއެކު ހިންގާ ތަނެކެވެ. މީގެ އިތުރުން އޮމާން ކަނޑުގެ އައްސޭރީގައި އޮންނަ އަދި އީރާނުގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމުކޮށްފައިވާ ދެކުނުގެ ރަށެއް ކަމަށްވާ ކޮނާރަކް އިންވެސް ތިން ގޮވުމެއްގެ އަޑު އިވުނު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަލް ޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި، ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އެއްވެސް ހަމަލާއެއް ދީފައެއް ނުވެއެވެ. ދެ ފަރާތުންވެސް ހަމަލާތައް ބަދަލުކުރަމުންދިޔަ ނަމަވެސް، ފުރިހަމަ ހަނގުރާމައަކަށް ދިއުމުގެ ޝައުގުވެރިކަން އަދި ފެންނަން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.