"ޚާމަނާއީގެ ޖަނާޒާއަށް ރާއްޖެއަށް ދައުވަތު ލިބުނު، ބައިވެރިނުވެވުނީ ސަފީރު ފެންވަރުގެ ބޭފުޅުންނަށް ބައިވެރިނުވެވޭކަން އެންގުމުން"

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން --

އިރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި ރާއްޖެއަށް ދައުވަތު ލިބި، ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ފަހުވަގުތު އިރާނުގެ ޕްރޮޓޮކޯލަށް އައި ބަދަލަކާ ގުޅިގެން ރާއްޖެއަށް އެ ޖަނާޒާގައި ބައިވެރިވެވޭ ގޮތް ނުވީކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު އޮތް ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނެވެ. އަދި ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ރަސްމީކޮށް އޮތީ އަންގާފައެވެ.

ނަމަވެސް، ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އަންގާފައިވަނީ، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން، ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިނުވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މައުލޫމާތު ލިބުމާއެކު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ޖަނާޒާގައި ބައިވެރިވުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.

އެހެންނަމަވެސް، ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅިގެން އިރާން ސަރުކާރުން ވަނީ ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުވުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކޮށްފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އެ ގައުމަށް ޒިޔާރަތް ކުރެއްވުމަށް އިރާނުން ލަފާދިން ކަމަށް ބުންޏެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އިރާނުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގިނަ ބަޔަކު ވަނީ ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިނުވީ ކީއްވެތޯ ސުވާލު އުފައްދާފައެެވެ. އެއީ މީގެ ކުރިން އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުން ވެސް ރައީސީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންފައިވާތީއެވެ.

comment ކޮމެންޓް