މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނީ ކީލިއަން އެމްބާޕޭ އާއި ފްރާންސް ޓީމު ކަމަށާއި މި މުބާރާތުގައި ކިރިޔާވެސް ފްރާންސް ހުއްޓުވުމުގެ ފެންވަރު ހުރި ޓީމަކީ ސްޕެއިން ކަމަށް އާސެނަލްގެ ކުރީގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ ބުނެފިއެވެ.
ފީފާގެ މިހާރުގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް ހެޑުކަންވެސް ކުރަމުން އަންނަ ވެންގާ ބުނީ ފްރާންސް ޓީމުން މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ.
ވެންގާގެ މި ޚިޔާލު ފާޅުކުރީ ފެލިކްސް އަދި ޓޯނީ ކުރޫޒްގެ ޕޮޑްކާސްޓެއްގައެވެ. އޭނާ ބުނިގޮތުގައި މިއީ ފްރާންސް މީހަކަށް ވީތީ ބުނި އެއްޗެއް ނޫން ކަމަށާއި، މިއީ މުބާރާތުގެ ޓެކްނިކަލް އެނަލިސިސްއަށް ބަލާފައި ބުނި ބުނުމެއް ކަމަށެވެ. އަދި މި ވަގުތު ފްރާންސްގެ ދުވެލި ހުއްޓުވުމުގެ ގާބިލުކަން އޮތީ ހަމައެކަނި ސްޕެއިން ޓީމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ވެންގާ އިތުރަށް ގަބޫލުކުރާ ގޮތުގައި އިންގްލެންޑް، އާޖެންޓީނާއަށް ވެސް ފްރާންސް ހުއްޓުވަން އުނދަގޫވާނެއެވެ. ނަމަވެސް ލުއިސް ޑެ ލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ޓީމުގައި ތަފާތު ސިފަތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި ސްޕެއިންގެ ޓެކްނިކަލް ލެވެލް ފްރާންސަށްވުރެ މިހާރު ރަނގަޅުވުމާއި، އެކުގައި ގުޅިގެން ކުޅުމުގެ ސަގާފަތެއް މި ވަގުތު ދުނިޔޭގައި ސްޕެއިން ނޫން ބަޔަކަށް އެ ފެންވަރުގައި ނުދެއްކޭކަން އޭނާ ފާހަގަކުރިއެވެ.
ވެންގާގެ ނަޒަރުގައި މި ވަގުތު ފްރާންސް ބަލިކުރެވޭނެ އެއްވެސް ޓީމެއް އޮތް ނަމަ އެއީ ސްޕެއިން ކަމަށް ބުންޏެވެ. ސްޕެއިން ޓީމު ކުޅުން މާ ފުރިހަމަ ނަމަވެސް، ފިޒިކަލް ގޮތުން ފްރާންސް މާ ވަރުގަދަވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.