ސްޕީޑަށް އަމާޒުވި ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ފީފާއިން ތަހުގީގުކުރަނީ

ފީފާ ވޯލްޑް ކަޕް 2026 ގައި ސްޕީޑް--

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި އާޖެންޓީނާ އާއި ކޭޕް ވާޑާ ބައްދަލުކުރި މެޗުގެ ތެރެއިން، އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރ "އައިޝޯސްޕީޑް" އަށް އަމާޒުވި ނަސްލީ ތަފާތުކުރުމުގެ މައްސަލައެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ތަހުގީގުކުރަން ފަށައިފިއެވެ.

ޔޫޓިއުބުގައި 57 މިލިއަން ސަބްސްކްރައިބަރުން އަދި ޓިކްޓޮކްގައި 53 މިލިއަން ފޮލޯވަރުން ތިބި އައިޝޯސްޕީޑަށް އަމާޒުކޮށް ހިނގި މި ހާދިސާ ހިނގާފައިވަނީ 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވި ފޯރިގަދަ މެޗުގެ ތެރޭގައެވެ.

އޭނާ ދަނީ މުބާރާތުގެ މެޗުތައް ލައިވްސްޓްރީމް ކުރަމުންނެވެ. އޭނާގެ ބައެއް ލައިވްސްޓްރީމްތަކުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން ބާސެލޯނާ އާއި އޭސީ މިލާންގެ ކުރީގެ ތަރި ޒްލަޓާން އިބްރަހިމޮވިޗްވެސް ވަނީ ބައިވެރިވެފައެވެ.

ފީފާއިން ހާމަކުރި ގޮތުގައި، މިމަހުގެ 3 ވަނަ ދުވަހު އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ތެރޭގައި ހިނގި ހާދިސާގެ މައުލޫމާތު ލިބުމާއެކު ވަގުތުން ވަނީ ތަހުގީގު ފަށާފައެވެ.

އަސްލު ނަމުންނަމަ ޑެރަން ޖޭސަން ވަޓްކިންސް ޖޫނިއަރ (އައިޝޯސްޕީޑް) ކޭޕް ވާޑްގެ ޖާޒީގައި ހުއްޓާ، އާޖެންޓީނާގެ ސަޕޯޓަރަކާ ދެމެދު ހިނގި ހަމަނުޖެހުމުގެ މަންޒަރުތައް އޭނާގެ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީފާ ވޯލްޑް ކަޕަކީ އެކުވެރިކަމާއި، ތަފާތު ސަގާފަތްތަކަށް އިހުތިރާމުކުރުމުގެ ރޫހު އާލާކުރާ މުބާރާތެއް ކަމަށެވެ.

''ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނާއި ސަގާފަތްތައް ބައްދަލުކުރާ މިފަދަ ބޮޑު ހަރަކާތެއްގެ ތެރެއިން، މި އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ފުޓްބޯޅައިގެ ތެރެއިން ޖާގައެއް ނުލިބޭނެ'' ފީފާގެ ބަޔާނުގައިވެއެވެ.

އައިޝޯސްޕީޑަށް މި ހާދިސާ ކުރިމަތިވެފައި މިވަނީ، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ނަސްލަށް ފުރައްސާރަކޮށް ވާހަކަދެއްކި ޕެރަގުއޭގެ ސެނެޓަރަކަށް، އެމްބާޕޭ ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. އެމްބާޕޭ ވަނީ އެ ސެނެޓަރަކީ އެފަދަ މަގާމަކަށް ކުފޫ ހަމަނުވާ، ދަށު ދަރަޖައިގެ މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީއަށް ނިސްބަތްވާ ސެނެޓަރު ސެލެސްޓޭ އަމަރީޔާ، އެމްބާޕޭއާ ބެހޭގޮތުން ނަސްލީ ތަފާތުކުރުމުގެ އިބާރާތްތަކެއް ބޭނުންކޮށްފައިވަނީ، ވޯލްޑް ކަޕުގެ ގަދަ 16 ގެ މެޗުން ފްރާންސް އަތުން ޕެރަގުއޭ ބަލިވި މެޗަށްފަހު 'އެކްސް' (ކުރީގެ ޓްވިޓަރ) ގައެވެ.

މި މައްސަލައިގައި ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަމަރީޔާގެ ވާހަކަތަކަކީ ދުވަހަކުވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ބުނެ، އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރާނެކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް