ފުންފަޅު ގޭގައި އަލިފާން ރޯވުން: ބައެއް އެޕާޓްމެންޓުތަކުން ފެން ކެނޑި، 58 މީހަކަށް އެހީ ފޯރުކޮށްދިން

ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓުމަންޓަކަށް ގެއްލުންވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ދިރިއުޅޭ 58 މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ، ރޭ 10:49ގައެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ، އޭގެ ގަޑިއިރެއްހާއިރު ފަހުން 11:48 ހާއިރެވެ.

އަލިފާން ރޯވީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށްވާއިރު، ބޭނުންނުކުރޭ ވަރަށް އެ ފަންގިފިލާގެ ސާމާނުތައް ވަނީ އަނދާފައެވެ. އެ މަންޒަރު އެންޑީއެމްއޭއާއި އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.

ފުންފަޅު ގޭގެ އެޕާޓުމަންޓަކަށް ދުމުގެ އަސަރުކޮށްފައި: މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން --- ފޮޓޯ/ އެންޑީއެމްއޭ

މި ހާދިސާއާ ގުޅިގެން އެހީތެރިކަން ދިނުމަށް ގަލޮޅު މަދަރުސާގައި އިވެކުއޭޝަން ސެންޓަރެއް ގާއިމުކުރިއެވެ.

އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ސެންޓަރުން 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެފައެވެ. އެއީ، 24 ފިރިހެނުންނާއި 30 އަންހެނުންނާއި ހަތަރު ކުޑަކުދިންނެވެ.

https://sun.mv/224262

މީގެއިތުރުން، އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިންއިރު، އޭޑީކޭގައި ތިން މީހަކަށް ފަރުވާ ދިނެވެ. އަދި، އަލިފާން ރޯވި ފަންގިފިލާގެ ތިން އެޕާޓުމަންޓާއި ފެންވައިރުގެ މައްސަލަ ދިމާވެގެން ފެން ނުލިބޭ އެޕާޓުމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެކަމަކު، އެ މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް