ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ނިކުތުމުގެ ކުރިން، މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަށަވަރުކޮށްދީފިއެވެ.
ނަމަވެސް، އޭނާ ރިޓަޔާކުރާނެ ވަގުތެއް ނިންމާނީ މީޑިއާއިން ބޭނުންވެގެން ނޫން ކަމަށާއި، އެއީ އަމިއްލަ ނިންމުމެއް ކަމަށްބުނެ ރޮނާލްޑޯ ވަނީ ނޫސްވެރިންނަށް ހޫނު ރައްދެއްދީފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ، ޑެލަސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބުނީ، އޭނާއަކީ ކުރީގެ ފެންވަރުގެ ކުޅުންތެރިއެއް ނޫންކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ނުފޫޒު އަދިވެސް ކުޑަނުވާކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ، މި ފަހަރުގެ މުބާރާތުގައިވެސް މިހާތަނަށް 3 ލަނޑު ޖަހާފައިވާނެ ކަމަށެވެ.
"އަހަރެން ރިޓަޔާކުރާނީ އަހަރެން ބޭނުންވީމާ، އެހެންމީހުން ބޭނުންވެގެންނެއް ނޫން. އަހަރެން ދަނޑުގައި ކުޅުނަސް ނުވަތަ ބެންޗުގައި އިނަސް، ޓީމަށް އޮތް އަހަރެންގެ ނުފޫޒަކަށް ބަދަލެއް ނާންނާނެ." ކްރިސްޓިއާނޯ ރޮނާލްޑޯ ބުންޏެވެ.
އުމުރުން 18 އަހަރުން ފެށިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އިޝާރާތްކޮށް ރޮނާލްޑޯ ބުނީ، ވޭތުވެދިޔަ 23 އަހަރު ތެރޭގައި ނޫސްވެރިން އުޅުނީ އޭނާގެ ކެރިއަރު ދުއްވާލަން ކަމަށެވެ. ނަމަވެސް އެއީ ވަގުތު ބޭކާރުކުރުންކަން މިހާރު އެނގޭނެ ކަމަށާއި، 40 އަހަރުން މަތިވުމުން އަންނަ ފާޑުކިޔުންތަކުގެ ސަބަބުން އޭނާ އިތުރަށް ވަރުގަދަވާތީ އެކަމަށް ޝުކުރުވެރިވާ ކަމަށްވެސް ބުންޏެވެ.
ވޯލްޑް ކަޕް ކާމިޔާބުވިޔަސް ނުވިޔަސް އޭނާގެ ތާރީޚީ ކެރިއަރަށް ބަދަލެއް ނާންނާނެ ކަމަށާއި، މިއީ އޭނާގެ ކެރިއަރުގައި އެންމެ އުފާވެރި އަދި ޖަޒުބާތުން ފުރިގެންވާ އެއް މުބާރާތް ކަމަށް ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލްއަށް 232 މެޗު ކުޅެދީ 146 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ބުނީ، ކުރިއަށްއޮތް ސްޕެއިން މެޗަކީ އުނދަގޫ މެޗަކަށްވާނެ ކަމަށާއި، އެކަމަކު މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އޭނާ ދަނޑުން ފައިބާނީ ގައުމަށްޓަކައި 1000% ދިނުމަށްފަހު ސާފު ހިތަކާއެކު ކަމަށެވެ.