ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑިސީ)ގެ ފްލެޓުތަކަށް ވާރޭ ވެހޭއިރު ފެން ވަންނަނީ އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އަމިއްލައަށް އޭސީ ހަރުކުރުމަށް ކުޑަދޮރު ނައްޓުވައި ހަރުކުރުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން އެފަދައިން ވިދާޅުވެފައިވަނީ ނިމުނު މަހުގެ ފަހުކޮޅު ބޯކޮށް ވާރޭވެހި އެފްޑީސީގެ ފްލެޓުތަކަށް ފެންވަދެ އެކަމުގެ ޝަކުވާ އެ ތަނުގައި ދިރިއުޅޭ ރައްޔިތުން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ފްލެޓްތަކަށް ފެން ވަންނަ މައްސަލައާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ހަމްދާން ވިދާޅުވީ، އެ ފްލެޓުތަކަށް ފެން ވަންނަނީ އެތަނުގައި ދިރިއުޅޭ މީހުން އަމިއްލައަށް އޭސީ ހަރުކުރުމަށް ކުޑަދޮރުތައް ނައްޓައިހެދުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން ފެން ވަންނަން މެދުވެރިވަނީ ކުޑަދޮރު ނެއްޓުވުމަށްފަހު ކުރިން ހުރި ގޮތަށް ހަރުނުކުރެވުމުން ކަމަށް އޭނާ ވިދާޅުވެފައެވެ. އޭނާ ވަނީ އެ ފްލެޓުތަކުގެ ކުޑަދޮރުތައް ހެދުމަށް ބޭނުންކޮށްފައިހުރީ ކޮލިޓީ ސާމާނު ކަމަށް ވިދާޅުވެފައެވެ.
ޕެކިނެއްގެ މައްސަލައެއް ނޫން. އޭސީ ހަރުކުރުމަށް އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ކުޑަ ދޮރުތައް އަމިއްލައަށް ނައްޓުވައި އެ ހަރުކުރީމާ ދިމާވެގެން އުޅޭ އިޝޫއެއް ތިއީ. މައްސަލައެއް އުޅޭކަމުގައިވާނަމަ އަޅުގަނޑުމެން ކައިރީގައި އެކަމެއްގެ ވާހަކަ ބުނުމުން އަޅުގަނޑުމެންގެ އިންޖީނިއަރުން ފޮނުވައިގެން ހައްލުކުރެވޭނެ ކަންކަން މިއީ. އެކަމު އަޅުގަނޑުމެންނަށް ފެނިފަ އެބަހުރި އޭސީ ހަރުކުރަން ވާގަނޑެއް ގައިގައި އައްސާލައިގެން އެތަނުގައި އެކޮޅުކޮޅުން މީހަކު އޮއްވާ ވެސް، އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް
ބައެއް އެޕާޓްމެންޓްތަކުގެ ޓައިލްސްތައް މައްޗަށް އަރާފައިވާ ކަމަށްބުނެ އާންމުން ކުރާ ޝަކުވާއާ ގުޅިގެން ސުވާލުކުރުމުން ހަމްދާން ވިދާޅުވީ އެފަދަ ކަންތައްތަކަކީ ހަމައެކަނި އެފްޑީސީގެ ފްލެޓްތަކަށް ދިމާވާ މައްސަލައެއް ނޫން ކަމަށާއި އަލަށް ހަދާފައިވާ ފްލެޓްތަކަށް މީހުން ބަދަލުވުމުން އެފަދަ މައްސަލަތައް މީގެ ކުރިން އެހެން ތަންތަނުން ވެސް ފެންމަތިވެފައި އެބަހުރި ކަމަށެެވެ.
އޭނާ ވަނީ އެފަދަ މައްސަލަތައް އެންގުމުން އެ ކުންފުނީގެ އިންޖީނިއަރުން އެ ތަނަކަށް ގޮސް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމްދާން މިފަދައިން ވިދާޅުވިއިރު ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވަނީ އެ އެޕާޓްމެންޓްތަކަށް ފެން ވަންނަނީ އެތަން އިމާރާތްކުރިއިރު ކުޑަދޮރުތަކުގައި ބޭނުންކޮށްފައި ހުރި ޕެކިންގެ މައްސަލައިންކަން ފާހަގަކުރައްވައިފައެވެ.
'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް' ޕްރޮގްރާމުގައި ޒާޔާ ވަނީ އެ ޕްލެޓުތަކުގައި ބޭނުންކޮށްފައިވަނީ ވަރަށް ތުނި ޕެކިނެއް ކަމަށާއި އެކަމުގެ ސަބަބުން ކިތަންމެ ތުނިކޮށް ވާރޭ ވެހުނަސް އެޕާޓްމެންޓަށް ފެން ވަންނަ ކަމަށް ވިދާޅުވެފައެވެ.