25 ހަފުތާގައި ވިހޭ ތުއްތު ކުއްޖަކު 90 ދުވަހުގެ ފަރުވާއަށްފަހު ގެއަށް ދޫކޮށްލައިފި: "މިއީ ކާމިޔާބީއެއް"

25 ހަފުތާގައި ވިހޭ ތުއްތު ކުއްޖަކު އެންއައިސީޔޫގައި ވިދިވިދިގެން 90 ދުވަސް ވަންދެން ފަރުވާއަށް ފަހު ހާލަތު ރަނގަޅުވެ، އާއިލާއާ ހަވާލުކުރުން -- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް

ބަނޑަށް އެންމެ 25 ހަފުތާގައި ދުވަސްނުފުރާ ވިހެއުމަށްފަހު، ހުޅުމާލެ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ވިދިވިދިގެން 90 ދުވަސް ވަންދެން ފަރުވާދިން ތުއްތު ކުއްޖެއްގެ ހާލަތު ރަނގަޅުވެ، އާއިލާއާ އެކު ގެއަށް ދޫކޮށްލައިފިއެވެ.

މިއީ ހުޅުމާލެ ހޮސްޕިޓަލުގެ ތާރީޚުގައި އަދި އެ ހޮސްޕިޓަލުގެ އެންއައިސީޔޫގެ ޚިދުމަތުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ދުވަސް ނުފުރާ ވިހާ ތުއްތު ކުދިންނަށް ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭއިރު، އެ ކުއްޖާއަށް ވަނީ ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންނާއި ނަރުހުންގެ ބެލުމުގެ ދަށުން މެދުކެނޑުމެއްނެތި ތިން މަސް ދުވަހުގެ ދިގު މުއްދަތުގެ ފަރުވާއެއް ދީފައެވެ.

25 ހަފުތާގައި ވިހޭ ތުއްތު ކުއްޖަކު އެންއައިސީޔޫގައި ވިދިވިދިގެން 90 ދުވަސް ވަންދެން ފަރުވާއަށް ފަހު ހާލަތު ރަނގަޅުވެ، އާއިލާއާ ހަވާލުކުރުން -- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް

މި ކާމިޔާބީ ފާހަގަކޮށް ހޮސްޕިޓަލުން ބުނެފައި ވަނީ، މިއީ ހޮސްޕިޓަލުގެ މުޅި ޓީމަށާއި، ވަކިން ޚާއްސަކޮށް ތުއްތު ކުއްޖާގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. އެންއައިސީޔޫ ޓީމުގެ ބުރަ މަސައްކަތާއި އަޅާލުމާއެކު، ތުއްތު ކުއްޖާގެ ސިއްހީ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައިކަމަށް ހުޅުމާލެ ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވށާދިން ޓީމުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ސިފަކުރި ގޮތުގައި، 90 ދުވަހުގެ މި ދިގު ފަރުވާއަކީ އުންމީދާއި، އޯގާތެރި ފަރުވާއާއި، އަދި އިޚްލާޞްތެރި ޓީމްވޯކުގެ ދަތުރެކެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓަކީ އުފަންވާއިރު ޚާއްސަ ފަރުވާ ބޭނުންވާ ތުއްތުކުދިންނާއި ދުވަސްނުފުރާ ވިހާ ކުދިންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. މި ޔުނިޓުން 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ލިބެން ހުރެއެވެ.

އެގޮތުން އަމިއްލައަށް ނޭވާލާން ދަތިވާ ކުދިންނަށް ވެންޓިލޭޓަރާއި ސީޕެޕް މެޝިން މެދުވެރިކޮށް ފަރުވާ ދިނުންމާއި ދުވަސްނުފުރާ އުފަންވާ ކުދިންގެ ހަށިގަނޑުގެ ފިނިހޫނުމިން ހަމަހަމަކޮށް ބެހެއްޓުމަށް ޚާއްސަ އިންކިއުބޭޓަރު ބޭނުންކުރުން ހިމެނެއެވެ.

comment ކޮމެންޓް