މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު އެ ހަފުތާގެ ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އެކަމަކު މާ ބޮޑު ދިރާސާއެއް ކުރުމެއްނެތި ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި، އިއްޔެގެ މަޖިލިސް ޖަލްސާގައި، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުން ބިލް ވަނީ ފާސްކޮށްފައެވެ.
އެއަށްފަހު، މިއަދު ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގުކުރައްވައިފައެވެ. އެއާއެކު، އެ އިސްލާހު ގެޒެޓުކޮށް، އަމަލުކުރަން ވެސް ވަނީ ފަށައިފައެވެ.
އެ ބިލުގައި ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ހިމަނައިފައެވެ.

މީހަކު ސިނގިރޭޓެއް ބޮނީ: މި ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށް ފަހު މިހާރު ވަނީ ކުޑަކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އެ ބަދަލާއެކު އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ ގައުމުގެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުން ވެސް ބުނެފައިވެއެވެ.
ސަރުކާރުން އޭރު ބުނެފައިވަނީ، މަދުވި ފައިސާއަށް ވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށެވެ.
ދުންފަތުގެ ޑިއުޓީ ކުޑަ ކުރުމުގެ އިޝާރާތެއް ފުރަތަމަ ކުރެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އެގޮތުން، މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ޑިއުޓީ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ޑަބްލިޔުއެޗްއޯއިން ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި ސިއްހީ މާހިރުން ވަނީ ޑިއުޓީ ކުޑަކުރުމަކީ ދުންފަތުން ރައްކާތެރިކުރުމުގެ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، ބިލް ތަސްދީގު ނުކުރުމަށް ވެސް މީގެ ކުރިން ގޮވާލައިފައެވެ.
މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި 2024ގައި ވޭޕް މަނާކުރުން ހިމެނެއެވެ. އަދި 2007އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.