އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި، މޭރީގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައިގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.
އެ މައްސަލައިގައި މޭރީ މަރާލި ކަމަށް މާވިންގެ މައްޗަށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ލަމްހާގެ މައްޗަށް ސާބިތުވީ މޭރީ މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި އެހެން މީހެއްގެ މުދަލެއް ހުއްދަ ނޫން ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއަކާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާވެސް ލަމްހާގެ މައްޗަށް ސާބިތުވެފައިވެއެވެ.
މި މައްސަލައިގައި، މާވިންއެކޭ އެއްގޮތަށް ލަމްހާގެ މައްޗަށް ވެސް ދައުލަތުން އެދުނީ ގާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެކަމަކު ލަމްހާ އެދުނީ ލުއި އަދަބެއް ދިނުމަށެވެ. އެގޮތުން ގޭބަންދު ނުވަތަ ޖޫރިމަނާ އަދަބަކަށް ވެސް ލަމްހާގެ ފަރާތުންވަނީ އެދިފައެވެ. އެއީ، އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވާތީ އާއި ލަމްހާއަކީ ޓިއުޝަންދީގެންނާއި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށްވާތީ ކަމަށް ބުނެއެވެ.
ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ.
އެހެންވެ، މިއަދު ކޯޓުން ވަނީ ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
މޭރީ މަރާލުމުގުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވީ އޭނާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން ހުށަހެޅި ފަހުންނެވެ. އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިގެންވެސް ދައުލަތުން ހެކި ހުށަހެޅިއެވެ.
ލަމްހާގެ ދިފާއުގައި ލަމްހާގެ ފަރާތުން ހުށަހެޅީ 11 މީހުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ އަލީ ޝާން އާއި ޑެޕިއުޓީ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް އާއި މޭރީގެ ޕޯސްޓްމޯޓަމް ހެދި ބޭރުގެ ދެ ޑޮކްޓަރުންނާއި ލަމްހާ ދިރިއުޅުނު ގޭގެ ބައެއް މީހުން ހިމެނެއެވެ. އަދި ތަހުގީގަށް ލަމްހާ އުޅުނު ގެ ފާސްކުރި ދެ ފުލުހަކާއި ނޫހެއްގައި ޝާއިއުކުރި އިންޓަވިއުއަކާ ގުޅިގެން ނޫސްވެރިއަކާއި އިތުރު މީހަކު ވެސް ހިމެނެއެވެ.