ބޭހާއި ކާޑު ބަރާބަރަށް ލިބޭ، ޓިކެޓު ގަންނަން ޑޮލަރު ލިބޭ، ރައްޔިތުން ތިބީ "ހެޕީ"ކޮށް: ޝުޖާޢު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އޭނާ ވިދާޅުވީ ރައްޔިތުން ތިބީ ހެޕީކޮށް ކަމަށް -- ފޮޓޯ/ މަޖިލިސް

މިއަދު ބޭހާއި ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބި، ގައުމީ ބޭންކު ބީއެމްއެލުން ޑޮލަރު ދޫކުރާ ކަމަށާއި، ރައްޔިތުން މިއަދު ތިބީ "ހެޕީ"ކޮށް ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، މި ސަރުކާރުން ހުށަހެޅި ގޮތަށް، ސަރުކާރުން ބޮޑުކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން ފާސްކޮށްފައެވެ. ޖަލްސާއަށް ހާޒިރުވި އެމްޑީޕީގެ ފަސް މެންބަރަކު ހިމެނޭހެން، 68 މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ މި ބިލު ފާސްކޮށްފައެވެ.

ބިލު ދިރާސާކޮށް ކޮމިޓީން ނިންމިގޮތަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ، އިދިކޮޅު އެމްޑީޕީއާ ދެ ފަހަރު ވެރިކަން ހަވާލުކުރުމުންވެސް މުޅި ދައުލަތް އެ ޕާޓީން "ދިރުވާލީ" ކަމަށާއި، ވެރިކަމަށް އައިސް ކޮންމެ ފަހަރަކުވެސް ގައުމުގެ ހާލަތު ރަނގަޅުކުރަން ޖެހެނީ ޕީއެންސީއަށް ކަމަށެވެ.

މިއަދު އެ ޕާޓީ ވެރިކަމުގައި އޮތުމުން، އެއްވެސް ވަރަކަށް ކަންބޮޑުވާ ދިވެއްސެއް ނެތް ކަމަށް، ޝުޖާޢު ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، ބޭސް ބަރާބަރަށް އެބަ ލިބޭ ކާޑުގެ ބާވަތްތައް ބަރާބަރަށް އެބަލިބޭ، ރަމަޟާން މަހެއް އައިސިއްޔާ ތަކެތީގެ އަގު މައްޗަކަށް ނުދޭ، އެހެންވީމާ ކޮން ކަމަކާ ހާސްވެގެން؟ ރައްޔިތުން ހާހެއް ނުވޭ، އެންމެން ހެޕީކޮށް ތިބީ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވިގޮތުގައި، ބަލި ހާލު ހުންނަ ގޮތުން، ނުވަތަ ދަރިވަރުންގެ ޓިއުޝަން ފީތަކަށް، ނުވަތަ އާސަންދައިގެ ދަށުން ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ބީއެމްއެލުން ބަރާބަރަށް ޑޮލަރު ދޫކުރެއެވެ.

"ދެން ކޮން ކަމަކަށް ޑޮލަރު ގަންނަން ބޭނުންވަނީ ރާއްޖޭގައި؟ ޓިކެޓުތަކަށް ދެއްކޭ، ހޮސްޕިޓަލުތަކަށް ދެއްކޭ، ބޭސް ފަރުވާ އެބަލިބޭ، ޓީޓީ އެބަ ފޮނުވޭ، ދެން ކޮން ކަމަކާ ހާސްވެގެން މި އުޅެނީ؟" އޭނާ ވިދާޅުވިއެވެ.

ޝުޖާޢު މިހެން ވިދާޅުވިއިރު، އަދިވެސް ބޭސް ލިބުން ދަތިވާ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ. އެގޮތުން އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމުން އަދިވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

މީގެ އިތުރުން، ސަރުކާރަށް ދެ އަހަރު ފުރި ތިން އަހަރާ ގާތްވަމުން އަންނައިރުވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބި، އާންމުން ދަނީ ޑޮލަރު ލިބުން ދަތިވުމުގެ ޝަކުވާ ކުރަމުންނެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއާ ހަމައަށް އުފުލިފައިވެއެވެ.

އަދި އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ބޭހާއި ކާޑުގެ ބާވަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެން ހުރިކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވެމުންދާ ކަމަށާއި، ދިވެހި ރައްޔިތުން މިހާރު ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުން 68 މެންބަރުންގެ ވޯޓާއެކު ދުންފަތުގެ ޑިއުޓީ ކުޑަކުރުމަށް ފާސްކުރި ޖަލްސާގައި ވާހަކަދައްކަވަމުން، ގައުމުގެ ހާލަތު ރަނގަޅުކުރަނީ މިހާރުގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ މި ބަޔާންތަކާ ޚިލާފަށް، އާންމު ރައްޔިތުން ދަނީ އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުންނެވެ. އެގޮތުން، ބޭސް ހޯދުމުގައި އުނދަގޫތަކެއް ހުރުމާއި، އާސަންދައިގެ ދަށުން ނުލިބޭ ބޭސްތަކަށް އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހުން ހިމެނެއެވެ. މީގެ އިތުރުން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވުމާއި، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

  • ބޭހާއި ކާޑުގެ ބާވަތްތައް ފަސޭހައިން ލިބޭކަމަށާއި، ޑޮލަރުގެ ދަތިކަމެއް ނެތްކަމަށް ޕީއެންސީން ހާމަކޮށްފި.
  • ސަރުކާރުން ހުށަހެޅި ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުން ދުންފަތުގެ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި.
  • ކިޔަވާ ކުދިންނަށާއި ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ބޭންކުން ބަރާބަރަށް ޑޮލަރު ދޫކުރާކަމަށް ޝުޖާޢު ވިދާޅުވި.
  • ސަރުކާރުގެ ވާހަކަތަކާ ޚިލާފަށް، ބޭސް ލިބުމުގެ ދަތިކަމާއި ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ އާންމުން ކުރޭ.
  • ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް އުފުލިފައިވުމާއެކު، އިންފްލޭޝަން މަތިވުމުގެ ސަބަބުން ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި.
comment ކޮމެންޓް