ކަނޑަށް ވެއްޓުނު ހުސް 4 ކޮންޓެއިނަރުގެ ތެރެއިން 2 ކޮންޓެއިނަރު ހޯދައިފި

އެމްޕީއެލް ސަރަހައްދު: ކަނޑަށް ވެއްޓުނު ހުސް 4 ކޮންޓެއިނަރުގެ ތެރެއިން 2 ކޮންޓެއިނަރު ހޯދައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި (އެމްޕީއެލް)ގެ ބާޖަކުން ރޭ ވެއްޓުނު ހަތަރު ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ ދެ ކޮންޓެއިނަރު ކަމަށް، ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ކުރި ޕޯސްޓެއްގައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅައިފައި އޮތް އެމްޕީއެލްގެ ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 11:10 ހާއިރު ކަމަށެވެ.

އެ ކޮންޓެއިނަރުތައް ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން އޮޔާދާނެ ކަމަށް ފުލުހުން ލަފާކުރެއެވެ. އެހެންކަމަށް އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، މޫދަށް ވެއްޓިފައި ވަނީ ހަތަރު ކޮންޓެއިނަރު ކަމަށެވެ. އަދި މިއަދު ފުލުހުން ބުނީ، އޭގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިފައިވާ ކަމަށެވެ.

އެމްޕީއެލުން 'ސަން'އަށް ބުނި ގޮތުގައި، ކަނޑަށް ވެއްޓިފައި ވަނީ ހުސް ކޮންޓެއިނަރުތަކެކެވެ.

ފާހަގަކުރެވޭ ގޮތުގައި ރޭ އެ ހާދިސާ ހިނގިއިރު މާލެއަށް މޫސުން ވަރަށް ގޯހެވެ. އެގޮތުން މާލެއަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ރޭ އެކި ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އިއްޔެ ހެނދުނު 8:00އާއި މިއަދު ހެނދުނު 8:00އާ ދެމެދު މާލެއަށް 51.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހުޅުލެއަށް 53.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި އޮތް އެމްޕީއެލްގެ ބާޖަކުން ރޭގެ ވަގުތެއްގައި ހަތަރު ކޮންޓެއިނަރު ކަނޑަށް ވެއްޓިފައިވާއިރު، އޭގެ ތެރެއިން ދެ ކޮންޓެއިނަރު މިހާރު ވަނީ ހޯދާފައެވެ. މޫސުން ގޯސްވެ، ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ ހުސް ކޮންޓެއިނަރުތަކެކެވެ. ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވެއެވެ.

  • ރޭ 11:10 ހާއިރު އެމްޕީއެލްގެ ބާޖަކުން 4 ހުސް ކޮންޓެއިނަރު ކަނޑަށް ވެއްޓުނެވެ.
  • އޭގެ ތެރެއިން 2 ކޮންޓެއިނަރު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން މިހާރު ވަނީ ހޯދާފައެވެ.
  • ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދުން ދަތުރުކުރާ ފަރާތްތަކުން އޮޔާދާ ކޮންޓެއިނަރުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
  • މި ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ފެންބޮޑުވެފައިވާ ވަގުތެއްގައެވެ.
comment ކޮމެންޓް