އެޑްވަޓޯރިއަލް: ކުދި ވިޔަފާރިތަކުގެ ދަތުރުގައި އެންމެ މުހިންމު ބައިވެރިއަކަށް އެސްއެމްއީ ޑިޖިޓަލް!

ދިވެހިރާއްޖޭގެ ކޮންމެ ކުދި ވިޔަފާރިއެއްގެ ފަހަތުގައި ވަނީ ސާބިތުކަމުގެ ވާހަކައެކެވެ.

ރަނގަޅު ވަސީލަތަކަށް އިންވެސްޓްކުރާ ދަނޑުވެރިޔާއެވެ. އުފެއްދުންތެރިކަން އިތުރުކޮށް މަސްވެރިކަން ފުޅާކުރާ މަސްވެރިޔާއެވެ. އިރުއެރުމުގެ ކުރިން ކެފޭގެ ދޮރުތައް ހުޅުވާލާ ވިޔަފާރިވެރިޔާއެވެ. އަމިއްލަ އުފެއްދުންތެރިކަން އާމްދަނީ ހޯދާ ވަސީލަތަކަށް ބަދަލުކުރާ ކޮންޓެންޓް ކްރިއޭޓަރެވެ. އާއިލީ ޒިންމާތަކާއެކު ގޭގައި އިނދެގެން ވިޔަފާރި ބިނާކުރާ އަންހެން ވިޔަފާރިވެރިޔާއެވެ.

މިއީ ވަޒީފާގެ ފުރުސަތުތައް އުފައްދައި މުޖުތަމައުތައް ހަރުދަނާކޮށް މުޅި ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ހިއްސާވާ ވިޔަފާރިވެރިންނެވެ.

ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް 2026 ފާހަގަކުރަމުންދާއިރު އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރަނީ ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ކުރިއަށްދަމުންދާ އަދި މުޅި ގައުމުގައި ފުރުސަތުތައް އުފައްދަމުންދާ އެތައް ހާސް މައިކްރޯ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސާބިތުކަމާއި އައު އީޖާދުތަކާއި، ހޯދާފައިވާ ކާމިޔާބީތަކެވެ.

ގިނަ ވިޔަފާރިވެރިންނަށް މި ދަތުރު ފެށެނީ އާދައިގެ ޚިޔާލަކުންނެވެ. އެ ޚިޔާލު ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުމަށްޓަކައި ގިނަ ފަހަރަށް މާލީ އެހީތެރިކަމާއި އިރުޝާދާއި މައުލޫމާތާއި މެދުނުކެނޑި ލިބޭ އެއްބާރުލުން ބޭނުންވެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެސްއެމްއީ ޑިޖިޓަލްއިން މުހިންމު ދައުރެއް އަދާކުރަމުންދާ ދާއިރާއެކެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކުންފުނީގެ މާލީ އެހީތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކޮށްފައެވެ. އެއީ ވިޔަފާރީގެ ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފުރިހަމަ ނިޒާމެކެވެ.

އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

މިއަދު ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމުން ފެށިގެން ފުޅާކުރުމާ ހަމައަށް ބޭނުންވާ މާލީ އެހީތެރިކަމުގެ ފުރިހަމަ ޕެކޭޖުތަކެއް ލިބެން އެބަހުއްޓެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި ނިޒާމުގެ ސަބަބުން ވިޔަފާރިތައް ތަރައްގީވަމުންދާ ވަރަކަށް މެދުނުކެނޑި އެހީތެރިކަން ލިބި ވިޔަފާރި ގާއިމުކުރުމަށާއި ދެމެހެއްޓުމުގެ އިތުރުން ސިންދަފާތުކުރުމަށާއި ފުޅާކުރުމަށް މަގުފަހިވެގެންދެއެވެ. މިއީ ރަށު ފެންވަރުގައި އިގްތިސާދީ ތަރައްގީއަށް ލިބޭ ބޮޑު ބާރެކެވެ.

އެމްއެސްއެމްއީ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވަނީ ކުދި ވިޔަފާރިވެރިންނަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި މުޖުތަމައުގެ އިތުރުން އަޅުގަނޑުމެންގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ބަދުރުއްދީން ވަނީ ވިދާޅުވެފައެވެ.

އެމްއެސްއެމްއީ ދުވަހު ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ކުރައްވާ ބުރަ މަސައްކަތަށާއި ދައްކަވާ ސާބިތުކަމަށާއި ގައުމު ބިނާކުރުމަށް ދެއްވާ ހިއްސާއަށްޓަކައި މަރުހަބާ ދަންނަވަން. އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ވިޔަފާރިވެރިންނަށް ކާމިޔާބު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތަކުގެ ކުރިއެރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީ ދިވެހިރާއްޖޭގެ ހުރިހާ ކުދި ވިޔަފާރިތަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބުން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން

މި އަހަރު ޖޫން މަހުގެ ނިޔަލަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާ ބައްދަލުކޮށްފައިއެވެ. އޭގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި މައުލޫމާތު ސެޝަންތަކާއި ވިޔަފާރި މަޝްވަރާތަކުގެ އިތުރުން މުޖުތަމައުތަކާ ގުޅިގެން ހިންގުނު ތަފާތު ހަރަކާތްތައް ހިމެނެއެވެ.

އެ މުއްދަތުގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލްއިން ވަނީ 1,000 އަށްވުރެ ގިނަ ކުދި ވިޔަފާރިވެރިންނާއި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މާލީ އެހީތެރިކަމުގެ ފުރުސަތުތަކާއި ވިޔަފާރި ތަރައްގީކުރުމުގެ އިތުރުން މާލީ ހިންގުމާއި ވިޔަފާރިއާ ގުޅޭގޮތުން އިރުޝާދު ދީފައެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ ހަރަކާތްތަކުގެ ބައެއްގެ ގޮތުން އެސްއެމްއީ ޑިޖިޓަލްއިން ކ. ހުރާއަށް ޒިޔާރަތްކޮށް އެ ރަށުގެ ވިޔަފާރިވެރިންނާއި އާންމުންނާ ބައްދަލުކުރުން ދަނީ ކުރިއަށެވެ. މި ދަތުރުގައި ލިބެން ހުރި މާލީ އެހީތެރިކަމާއި ވިޔަފާރި އެހީތެރިކަމުގެ ޚިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް ވިޔަފާރި ފެށުމަށް ނުވަތަ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚާއްސަ އިރުޝާދުތައް ވަނީ ދީފައެވެ.

މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި މަޝްވަރާ ދިނުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްއިން ދަނީ ވިޔަފާރިވެރިންގެ މާލީ ހިންގުން ހަރުދަނާކުރުމަށާއި ހިސާބުތައް ބެލެހެއްޓުން ރަނގަޅުކުރުމުގެ އިތުރުން ފައިނޭންސިންއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމުގެ އުކުޅުތައް ތަރައްގީކުރުމަށް އެހީތެރިވަމުންނެވެ.

އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

މިއަހަރުގެ އޭޕްރިލް މަހު އެސްއެމްއީ ޑިޖިޓަލްއިން ވަނީ 'އެސްއެމްއީ 360' އިފްތިތާހުކޮށްފައެވެ. އެއީ ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި، ވިޔަފާރީގެ މައުލޫމާތާއި، ބޭނުންތެރި ވަސީލަތްތަކާއި، މާހިރުންގެ އިރުޝާދު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

އެސްއެމްއީ 360 އިން ރަމްޒުކޮށްދެނީ ހަމައެކަނި ފައިސާގެ އެހީގެ އިތުރުން، ވިޔަފާރީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށް މުއައްސަސާއިން ގެންގުޅޭ ތަސައްވުރެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްއިން ވަނީ އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. އޭގެ ސަބަބުން ކަސްޓަމަރުންނަށް އެ ބޭފުޅުންގެ ބީއެމްއެލް އެކައުންޓްތައް މެދުވެރިކޮށް ސީދާ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެއެވެ.

ކުރިއަށް އޮތްތަނުގައި އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ޝަރީއާ ހުއްދަކުރާ ފައިނޭންސިން ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކުރުމާއި ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚިދުމަތްތައް ހޯދުން ފަސޭހަކޮށްދީ، މުޅި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

ދިވެހި އިގްތިސޯދުގެ ކާމިޔާބީ ގުޅިފައި ވަނީ ރާއްޖޭގެ ފަންނުވެރި ކުދި ވިޔަފާރިވެރިންގެ ކާމިޔާބީއާއެވެ. ދުނިޔޭގެ ފެންވަރުގައި އެމްއެސްއެމްއީ ދުވަސް ފާހަގަކުރާއިރު މިއީ ކޮންމެ ކުރިއަރަމުން އަންނަ ވިޔަފާރިއެއްގެ ފަހަތުގައި ވެސް ވިލުންތެރި އަދި އާ ޚިޔާލުތައް ކުރިއަރުވައި މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ފަރުދަކު ހުރިކަން ހަނދާންކޮށްދޭ ކަމެކެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މައްޗަށެވެ. އެސްއެމްއީ ޑިޖިޓަލްއިން ދަނީ މި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ އިރުޝާދު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ވިޔަފާރިވެރިން ހޭލުންތެރިކުރުމަށާއި މާލީ ނިޒާމުތައް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

  • މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1000 އަށްވުރެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް އިރުޝާދު ދީފައިވެއެވެ.
  • ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެސްއެމްއީ 360 އިފްތިތާހުކޮށްފައިވެއެވެ.
  • ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ އޮޓޮމޭޓެޑް ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
  • ކުރިއަށް އޮތް ތަނުގައި ޝަރީއާ ހުއްދަކުރާ ފައިނޭންސިން އިތުރަށް ފުޅާކުރުމަށް ވަނީ އަމާޒުހިފާފައެވެ.
comment ކޮމެންޓް