ޑޮލަރުން އަނބުރާ ދައްކާގޮތަށް ކުޑަ ރޭޓެއްގައި އެސްއެމްއީ ޑިޖިޓަލް އިން ގެސްޓްހައުސް ފައިނޭންސިންގް ތައާރަފުކޮށްފި

ގެސްޓްހައުސްއެއް--

ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިންގް ޚިދުމަތްތައް އިތުރުކުރުމަށާއި ވަކިން ޚާއްސަކޮށް ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާގޮތަށް ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގް"، އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފްކޮށްފިއެވެ.

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިންގް ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއެކު އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.

ޔޫއެސް ޑޮލަރުން ފެސިލިޓީއަށް ފައިސާ އަނބުރާ ދައްކާގޮތަށް ތައާރަފްކޮށްފައިވާ މި ފެސިލިޓީއަށް ކަނޑައެޅިފައިވަނީ 7.5 ޕަސެންޓްގެ ކުޑަ ފައިދާ ރޭޓެއްކަމުން މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފައިނޭންސިންގް ފުރުސަތެއްކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ.

ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގް މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

އައު ގެސްޓްހައުސްތައް އިމާރާތްކުރުމުގެ އިތުރުން މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމަށާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި، ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ޚިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގް ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް މި ފައިނޭންސިންގް ބޭނުންކުރެވޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި މި ފުރުސަތަކީ ގެސްޓްހައުސް ތަރައްގީކުރުމަށް ވާދަވެރި ފައިދާ ރޭޓެއްގައި ފައިނޭންސިންގް ފޯރުކޮށްދީ، ލޯކަލް ޓުއަރިޒަމް ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލްއިން ދޭ މާލީ ހިދުމަތްތައް އިތުރުކުރެވިގެންދާނެކަމެކެވެ.

ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

comment ކޮމެންޓް