ކޮފީ ބިލު ނުދައްކައިގެން ހުތުރު ނަން ލިބޭ މީހާއަށް ނުވާށެވެ! އެންމެ ހެޔޮ މީހާ ކަމުގެ ނަން ހޯދާށެވެ! އަޅުގަނޑަށް ވިސްނެނީ ކޮންމެ މީހަކު ވެސް ބޭނުން ވާނީ އެންމެ ހެޔޮ ރަނގަޅު މީހާ ކަމުގައި ވާން ކަމެވެ.
އަޅުގަނޑުމެން މުސްލިމުން ހެޔޮނުބައި މިންކުރާނީ އިސްލާމީ ނަޒަރުންނެވެ. ﷲގެ ޙުކުމްފުޅުންނެވެ. ނަބަވީ އިރުޝާދުންނެވެ. އެހެންކަމުން އެންމެ ހެޔޮ މީހުންގެ މިން ވެސް އެ މަސްދަރުތަކުން ފެންނާން އޮތްތޯ ބަލަމާ ހިނގާށެވެ!
އިސްލާމީ ނަޒަރިއްޔާއިން ބަލާއިރު، އެންމެ ހެޔޮ މީހުންގެ ސިފަ ވަރަށް ގިނަ ކަންކަމާ ގުޅުވައިގެން އެނގެން އެބަ އޮތެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަރަށް ގިނަ ކަންކަމާއި ހާލަތްތަކާ ގުޅުވައިގެން ހެޔޮ މީހުން ސިފަކޮށްދެއްވައިފައި އެބަހުށްޓެވެ. އޭގެތެރެއިން އެއް ސިފައަކީ ކީރިތި ޤުރުއާން އުނގެނި، އެހެން މީހުންނަށް ޤުރުއާން އުނގަންނައި ދިނުމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» (البخاري). މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ."
ކީރިތި ޤުރުއާން ކިޔެވުމަކީ މާތް ކަމެކެވެ. ޤުރުއާން އުނގެނިގެން ކިޔެވުމަކީ އެއްއަށްވުރެ މާ މާތް ކަމެކެވެ. އަދި ޤުރުއާން އުނގެނިގެން ތިއްބަވާ ބޭފުޅުންގެ ތެރޭގައި ތިއްބަވާ މުދައްރިސުން ނަކީ އެންމެ ހެޔޮ ބޭކަލުންނެވެ.
ޚުލުޤު ހެޔޮވުމަކީ ވެސް މާތްކަން ލިބޭ ކަމެކެވެ. އަޚުލާޤު ރަނގަޅު މީހުންނާ މެދު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا» (البخاري). މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚުލާޤު ރަނގަޅު މީހާއެވެ."
ޒިންމާދާރު ކަންކަމަށް މީހުން ހޯދާއިރު އަބަދުވެސް އަޅުގަނޑުމެންނަށް ބެލެނީ އަޚުލާޤު ރަނގަޅު މީހުން ލިބޭތޯއެވެ. އެއީ އިންސާނީ ޠަބީޢަތް އެ ގޮތަށް އޭނާއަށް ވިސްނައިދޭތީއެވެ. އަޙުލާޤު ގޯސް މީހަކާ ޒިންމާ ހަވާލުކުރާކަށް އެކަކު ވެސް ބޭނުން ނުވާނެއެވެ. އެއީ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އެ މީހުންގެ ކިބައިން ހެވެއް ނުފެންނާނެތީއެވެ. އެހެންކަމުން މީސްތަކުން، ހެޔޮ ރަނގަޅު މީހުންނަށް ލޯބިކޮށް މާތް ކުރެއެވެ. އޭގެތެރެއިން ވެސް އަޚުލާޤު ރަނގަޅު މީހާ ވާހުށީ އެންމެ ރަނގަޅު މީހާ ކަމުގައެވެ.
ދިރިއުޅުމުގައި އެންމެ ގިނައިން ބައްދަލުވާނެ ބަޔަކީ، އަޅުގަނޑުމެންގެ ގޯތިގެދޮރުގައި ދިރިއުޅޭ އަޅުގަނޑުމެންގެ އަހުލުވެރިން ނޫންތޯއެވެ؟ ގޭގައި ތިބޭ އަހުލުވެރިންނަށް ހެޔޮކޮށް ހިތުމަކީ، އެންމެ ހެޔޮ މީހާގެ ލަޤަބު ލިބި، އެ ކަމުގެ މާތްކަން ހޯދޭނޭ ކަމެކެވެ. މި އުންމަތުގެ މާތް ސާހިބާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވެވަޑައިގެންނެވީ އަހުލުންނަށް އެންމެ ހެޔޮފުޅު ކަލޭގެފާނު ކަމުގައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي» (صحيح الجامع). މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެ މީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިމަންކަލޭގެފާނީ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ."
ޢާއިލާގެ މީހުންނަށް އެހީތެރިވެ އަޅާލައި އުޅުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ. އެ ކަމަށް ހިތް ރުހުން އެއީ، އެކަން ކުރުމުގެ ތަޅުދަނޑިއެވެ. ތިމާގެ އަހުލުވެރިންނަކީ ތިމާގެ ޒިންމާގައި ތިބި މީހުން ކަމުގައި ދެކޭށެވެ! އެއީ ތުރާލެއް ކަމަށް ނުބަލާށެވެ. އެ މީހުންދެކެ ލޯބިވާށެވެ! އޭރުން އެ މީހުންނާމެދު ހެޔޮކޮށް ކަންތައް ކުރެވޭނެއެވެ. އޭރުން އެންމެ ހެޔޮ މީހުންގެ ތެރެއިން ވާހުށްޓެވެ.
އަޅުގަނޑުމެން ދިރިއުޅޭ އާންމު އިޖްތިމާޢީ މާޙައުލަކީ ވެސް، ހެޔޮ ކަމުގެ ރޭހުގައި ކުރިއަރާ ދެވެން އޮތް މައިދާނެކެވެ. އިޖްތިމާޢީ މިންގަނޑުތަކުން ބަލާއިރު އެންމެ ހޮޔޮ މީހާ ސަލާމަށް ރައްދު ދޭނެއެވެ. މީސްތަކުންނަށް ކާންދޭނެއެވެ. އެ ކަމަށް އިޝާރާތްކުރައްވައި ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «خيرُكُمْ مَنْ أَطْعَمَ الطَعَامَ، وَرَدَّ السَّلاَمَ» (صحيح الجامع) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، މީސްތަކުންނަށް ކާންދޭ މީހާއެވެ. އަދި ސަލާމަށް ރައްދުދޭ މީހާއެވެ."
އަޅުގަނޑުމެންގެ ތެރޭ ކޮފީ މޭޒުތަކުން ބައްދަލުވާ ރަހުމަތްތެރިންނާމެދު ވެސް ބުނެވޭ ވާހަކައެއް އޮންނާނެއެވެ. އެއީ ބައެއް މީހުން އެއްގޮތަކަށް ވެސް ބިލު ނުދައްކާ ވާހަކައެވެ. އެއްބަޔަކު އަބަދުވެސް އެހެންމީހުން އަތުން ކޮފީ ބޮއެގެން އުޅޭ ވާހަކައެވެ. އެ މީހާއަށް ލިބެމުން އެ ދަނީ ހުތުރު ނަމެކެވެ. ހަޑި ނަޒަރިއްޔާއެކެވެ. އޭނާއާ މެދު މީހުން ދެކޭގޮތް ތަފާތުވަނީއެވެ. ކޮންމެ ފަހަރަކު ނޫނަސް ކޮންމެވެސް ވަރަކަށް ކޮފީ ބިލުތައް ވެސް ދައްކަން ވާނެއެވެ. އެހެން މީހުންނަށް ކާންދީ ސަލާންކޮށް އުޅެން ވާނެއެވެ. އޭރުން އެންމެ ހެޔޮ މީހުންގެ ތެރޭގައި ހިމެނޭނެއެވެ.
މީސްތަކުންނަށް އުނދަގޫނުކުރުމާއި، ހެޔޮކޮށް ހިތުމާއި، އެހެން މީހުންނަށް ތިމާގެ ފުށުން ފައިދާވުން ވެސް އެއީ އެންމެ ހެޔޮ މީހުންގެ ލިސްޓުގައި ހިމެނޭ ކަންކަމެވެ. صحيح الترمذيގައި ރިވާވެގެން ވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެ މީހާގެ ކިބައިން ހެވަށް އުންމީދު ކުރެވޭ މީހާއެވެ. އަދި އޭނާގެ ނުބައިކަމުން އެހެން މީހުން ރައްކާތެރިވެގެންވާ މީހާއެވެ." އެހެން ޙަދީޘެއްގައި ވެއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެ މީހުންގެ ތެރެއިން، މީސްތަކުންނަށް އެންމެ ފައިދާ ބޮޑު މީހާއެވެ." (صحيح الجامع)
ހެޔޮ މީހުންގެ ތެރެއިން ވުމަށް މި އޮތީ ކިހާ ބައިވަރު ފުރުޞަތެއް ތޯއެވެ؟ ޙަޔާތުގައި ދިމާވާ އެކިއެކި ހާލަތާ ގުޅޭ ގޮތުން، އެ ވަގުތުގައި އެންމެ ހެޔޮ މީހާއަށް ވެވޭތޯ ބަލާށެވެ! އެ ގޮތުގެ މަތީ އުޑުތަކުގައި ތިބާގެ ނަން މަޝްހޫރުވުން ކިހާ ހިތްގައިމުކަމަކަށް ވާނެ ނޫންތޯއެވެ؟ ﷲގެ ޙަޟުރަތުގައި ހެޔޮކަން ބޮޑު ގޮތަކީ އެއީއެވެ. ކުޑަ ހިތްވަރެއްލާމާ ހިނގާށެވެ! ތިބާއަށް އެންމެ ހެޔޮ މީހާއަށް ވެވޭނެއެވެ. ކޮފީ ބިލު ނުދައްކައިގެން ހުތުރު ނަން ނުހޯދާށެވެ!