އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމަކީ އަމާންކަން ލިބޭނޭ ކަމެކެވެ. އިސްލާމްދީނުގެ އެންމެ އަސާސީ އެއް މަޤުޞަދަކީ އިންސާނުން އަމާންކަމާ އެކު ދުނިޔޭގައި ދިރިއުޅުމެވެ.
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ތައުފީޤު ދެއްވަނީ މާތް ﷲއެވެ. އެއިލާހުގެ އިރާދަޔާ ނުލައި އެއްވެސް ކަމެއް ނުވާހުށްޓެވެ. އެއިލާހު ކަންކަން އިރާދަކުރައްވަނީ މީސްތަކުން އެބައިމީހުންގެ ޙާލަތު ބަދަލުކުރީމައެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެން ބޭނުން ނަމަ، މިހާރު އަޅުގަނޑުމެންގެ ޙަޔާތުގައި ހުރި އިސްލާމްދީނާ ފުށޫއަރާ ކަންކަން އިޞްލާޙުކުރަން މަސައްކަތް ފަށަންވީއެވެ.
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެވޭނީ މާތް ﷲގެ ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ލޯބިކުރާ މީހުންނަށެވެ. އެ ބައެއްގެ އަމިއްލަ ފަރުދީ ޙަޔާތުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ނަމޫނާ ތަމްސީލުނުކުރާ މީހުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅޭނީ ކިހިނަކުންބާއެވެ؟ އިސްލާމީ ޝަރީޢަތް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި ފަރާތަކީ އެ ލޮބުވެތި ނަބިއްޔާއެވެ. އެއީ ޢަދުލުވެރިކަމާ އެކު ވެރިކަންކުރެއްވި ލީޑަރެވެ. އިންސާފުވެރި ޙާކިމެވެ. އޯގާތެރި ބައްޕައެވެ. ހަހަރުވެތި ފިރިމީހާއެވެ. ހިތްވަރުގަދަ ޤާއިދެވެ. ތަޤުވާވެރި ޢާބިދެވެ. މި ހުރިހާ ސިފަފުޅެއް އިތުރު އެކަލޭގެފާނުގެ ކިބައިގައި ޤާއިމުވެ ފުރިހަމަވީ އިލާހީ ދަރުބާރުގެ ނިޔާއިންނެވެ. އެހެންކަމުން އެ ނަމޫނައިގައި އެއްވެސް އުނިކަމެއް ނުހުންނާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ﴾ (القلم: ٤) މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެވޭނީ ފަރުޟު ފަސް ނަމާދު ޤާއިމުކުރާ މީހަކަށެވެ. ފަރުޟު ފަސް ނަމާދަކީ އިސްލާމްކަމާ ކާފިރުކަމާ ދެމެދުގެ އިންފާރެވެ. އެ ނަމާދުތަކަށް ރައްކާތެރިވެއްޖެ މީހާ އިސްލާމީ ޝަރީޢަތުގެ އެންމެ އަސާސީ މިންގަނޑަށް ރައްކާތެރިވެއްޖެއެވެ. ނިފާޤުކަމުގެ ބަލި ހުރި މީހުންނަށް ނަމާދުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މުނާފިޤުންނަށް އެންމެ އުނދަގޫ ވާނީ "އިޝާނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރުން" ކަމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެން އެދޭ މުސްލިމުންނަށް އޮތީ ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމެވެ.
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެވޭނީ އެ ކަމަށް އެދޭ މުސްލިމުންގެ މުޖުތަމަޢެއްގައެވެ. ކާފިރުންގެ ތެރޭ އ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެން އުނދަގޫވާނެއެވެ. އަދި ހަމައެހެންމެ އިސްލާމްކަން މަތީ، ވިހައި ބޮޑުވާ މީހުންނަށް ވެސް އެ ކަން ކުރެވޭނީ އެ ބަޔަކުގެ ލޮލާއި ބޮލުން އެ ކަމަށް އެދުންވެރި ވެވުނީމައެވެ. ދެވަނަ ދެ ގޮތެއް ބޭނުން ނުވާ ވަރަށް އިސްލާމީ ތަރަހައިގެތެރޭ ދިރިއުޅެން އެދުނީމައެވެ. ޢަދުލު އިންސާފަށް ލޯބިކުރީމައެވެ. ތިމާގެ އަމިއްލަ ނަފުސާ އިދިކޮޅަށް ހެކިބަސް ދެވޭ ވަރަށް ތަޤުވާވެރިވީމައެވެ. މުދަލުގެ ދަހިވެތިކަން ކުޑަވީމައެވެ. ހޭދަކުރުން ގިނަވީމައެވެ. އަމާނާތް އޭގެ އަހުލުވެރިންނަށް ރައްދުކުރީމައެވެ. ފާފަތަކުން ޠާހިރުވީމައެވެ. ކުށަށް އިޢުތިރާފުވެ ތައުބާވުން ގިނަ ކުރީމައެވެ.
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅެވޭނީ އިސްލާމީ ޢިލްމަށް މީސްތަކުން އަހުލުވެރިވީމައެވެ. މި ދީނުގެ ރިވެތި ކަމާއި މި ޝަރީޢަތުގެ ފުރިހަމަކަމަށް މީސްތަކުންގެ ލޯތައް ލޯހުޅުވުނީމައެވެ. ފަރުދީ ގޮތުން