ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ ބަލައިގަންނަން ހައިކޯޓުން ނިންމައިފި

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ ބަލައިގަންނަން ހައިކޯޓުން ނިންމައިފި -- ފޮޓޯ/ މުހައްމަދު ސިނީން

ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިއެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައި ވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމާއެކު ބޭރުކޮށްލީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ. ދެވަނަ ފަހަރަށް ބޭރުކޮށްލީ މިދިޔަ އޭޕްރީލް މަހެވެ.

https://sun.mv/220714

ފުރަތަމަ ފަހަރު މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފައެވެ. ދެވަނަ ފަހަރު ބޭރުކޮށްލީ، މައްސަލައިގެ ތަފުސީލު ނެތް ކަމަށް ބުނެއެވެ. ދެ ފަހަރުވެސް ބޭރުކޮށްލީ ރަޖިސްޓްރޭޝަން މަރުހަލާއިންނެވެ.

އެކަމަކު، ރަޖިސްޓްރާގެ ނިންމުން ރިވިޔު ކުރަން ހުށަހެޅުމުން، ހައިކޯޓުގައި އެ ނިންމުން ރިވިއު ކުރި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މައްސަލަ ހައިކޯޓަށް ބަލައިގަންނާށެވެ.

ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ ބުނެފައެވެ. އަދި، ކަށިމިޔަރު މަސްވެރިކަން ކުރެވޭނީ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށާއި ލައިސަންސް ދޭ އުޅަނދުތަކުގައި ލޮކޭޓިން ޑިވައިސްއެއް ހަރުކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއީ, ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓުވީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާ އެކުގައެވެ. އެހެންނަމަވެސް, ފަހަކަށް އައިސް މަސްވެރިން ވަނީ މިޔަރު ގިނަވުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ކަށިމިޔަރު މަސްވެރިކަމުން ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެކަމަކު، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެއެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސްގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި، އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނަން ވަނީ ނިންމާފައެވެ.

ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ކުރުމަށް ސަރުކާރުން ދީފައިވާ ހުއްދަ ބާތިލުކުރުމަށް އެދި ސޭވް މޯލްޑިވްސް ކެމްޕެއިނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިހާރު ވަނީ ބަލައިގަނެފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯޓުގެ ރަޖިސްޓްރީ މަރުހަލާއިން މި މައްސަލަ ބޭރުކޮށްލާފައިވީ ނަމަވެސް، ރަޖިސްޓްރާގެ ނިންމުން ރިވިއުކުރުމަށްފަހު ފަނޑިޔާރުން ވަނީ މި މައްސަލަ ކުރިއަށްގެންދިއުމަށް ނިންމަވާފައެވެ. މި މަސްވެރިކަމަށް 40 ދޯންޏަކަށް ލައިސަންސް ދިނުމަށް ވުޒާރާއިން ނިންމާފައިވީ ނަމަވެސް، މިއީ ތިމާވެއްޓާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

  • ސަރުކާރުން ކަށިމިޔަރު މަސްވެރިކަމަށް ހުއްދަދިން ނިންމުން ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅީ ސޭވް މޯލްޑިވްސްގެ ފަރާތުންނެވެ.
  • ކޯޓުގެ ރަޖިސްޓްރާ ދެ ފަހަރަކު މައްސަލަ ބޭރުކޮށްލި ނަމަވެސް، ފަނޑިޔާރުން ވަނީ މައްސަލަ ބަލައިގަތުމަށް އިއްތިފާގުވެފައެވެ.
  • ސަރުކާރުން ނިންމާފައިވަނީ 40 ދޯންޏަކަށް ލައިސަންސް ދީ، ޑިސެންބަރުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މި މަސްވެރިކަން ކުރުމަށެވެ.
  • ކަށިމިޔަރަކީ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދިރޭތަކެއްޗެވެ.
  • މި މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓަށް ގެއްލުންވެދާނެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
comment ކޮމެންޓް