ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ"ގެ ސެޓުގައި މަސައްކަތް ކުރަމުންދިޔަ ކްރޫ މެންބަރަކު މަރުވި ހާދިސާއާ ގުޅިގެން، ސަންޖޭއާ ދެކޮޅަށް ރަސްމީކޮށް މައްސަލަ ހުށަހަޅައި (އެފްއައިއާރް)އެއް ނެރުމަށް "އޯލް އިންޑިއަން ސިނޭ ވާކާސް އެސޯސިއޭޝަން" (އޭއައިސީޑަބްލިއުއޭ)އިން ގޮވާލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މުމްބާއީގެ ފިލްމު ސިޓީ ކައިރީގައި ހުންނަ ރޯޔަލް ޕަންޕް ސްޓޫޑިއޯގައި މި މަހުގެ 17 ވީ ބުދަ ދުވަހުއެވެ. މި ހާދިސާގައި މަރުވެފައި ވަނީ އެ ފިލްމުގެ ސެޓުގައި ވަޑާންކުރަން އުޅުނު އުމުރުން 42 އަހަރުގެ ޗަންދުރަދާރީ ސިންގް ޔާދަވް ނަމަކަށްކިޔާ މީހެކެވެ.
މި މަރާ ގުޅޭގޮތުން "ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސް" (އެފްޑަބްލިއުއައިސީއީ)އިން ބުނެފައިވަނީ ޔާދަވް މަރުވީ ކަރަންޓުގައި ޖެހިގެން ކަމަށެވެ.
ނަމަވެސް، (އޭއައިސީޑަބްލިއުއޭ)ގެ ރައީސް ސުރޭޝް ޝާމްލާލް ގުޕްތާ އެކަން ދޮގުކުރައްވައި ވިދާޅުވީ، އޭނާ މަރުވީ ސެޓުގައި ހަދާފައި ހުރި އޮނިގަނޑެއްގެ ބައެއް ވެއްޓި އޭގެ ދަށުވެގެން ކަމަށެވެ.

ސަންޖޭ އުފެއްދި ކެރިއަރުގެ ފުރަތަ ވެބް ސީރީސް "ހީރާމަންޑީ"ގެ ސެޓުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވޭންދުރަ ފަދުނަވިސްއަށް ފޮނުއްވި ސިޓީއެއްގައި (އޭއައިސީޑަބްލިއުއޭ)އިން ވަނީ، މަރުވި މީހާގެ އާއިލާއަށް އެކަށީގެންވާ ބަދަލެއް ހޯދައިދިނުމަށާއި، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެދިފައެވެ.
އެ އެސޯސިއޭޝަނުން ސޯޝަލް މީޑީއާ މެދުވެރިކޮށް އާންމުކުރި ސިޓީގައި ބުނެފައި ވަނީ، ފިލްމު ކުޅޭ ސެޓުތަކުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު މި ހާދިސާގެ ސަބަބުން ސުވާލު އުފެދިފައިވާ ކަމަށެވެ.
ފިލްމު "ލަވް އެންޑް ވޯ" އަކީ ރަންބީރު ކަޕޫރު، ވިކީ ކޯޝަލް އަދި އާލިއާ ބަޓް ފަދަ ބޮޑެތި ތަރިން ހިމެނޭ ބޮޑު ބަޖެޓު ފިލްމަކަށް ވީއިރު، ސެޓުގައި ކޮންމެހެން ހުރުން މަޖުބޫރު ސަލާމަތީ މިންގަނޑުތަކަށް އަމަލުކޮށްފައި ނުވާ ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. އަދި މި ފިޔަވަޅުތައް އެޅިނަމަ، މި ހިތާމަވެރި ހާދިސާ ހިނގުން ހުއްޓުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައިވެއެވެ.
މަރުވި ޔާދަވްގެ އާއިލާގައި އޭނާގެ އަންހެނުންނާއި ކުޑަ ދެ އަންހެން ކުދިން ތިބިއިރު، އޭނާ އަކީ އެ އާއިލާއަށް އާމްދަނީ ހޯދައިދޭ ހަމައެކަނި މީހާއެވެ. އޭނާގެ މަރާ އެކު އެ އާއިލާގެ ދިރިއުޅުން ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
އެފްޑަބްލިއުއައިސީއީއިން މީގެކުރިންވެސް ވަނީ، އެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެ މަސައްކަތްތެރިޔާގެ ދެ ކުދިންގެ ތައުލީމީ ހަރަދުތައް ހަމަޖައްސައިދިނުމަށް އެދިފައެވެ. މީގެއިތުރުން މަރުގެ ބަދަލުގެ ގޮތުގައި 50 ލައްކަ ރުޕީސް އެ އާއިލާއަށް ދިނުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ސަންޖޭގެ ކިބައިން އެދިފައެވެ.
ބަންސާލީ ޕްރޮޑަކްޝަނުން އުފައްދާ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.