އިންޑިއާގެ ބައެއް ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ ޝްވެތާ މެނަން ކެރެލާގެ އޯގަނައިޒޭޝަން އޮފް މަލަޔާޅަމް މޫވީ އާޓިސްޓްސް (އައްމާ)ގެ ރައީސާކަމުން އިސްތިއުފާދީފައިވާކަން އިއުލާނުކޮށްފިއެވެ.
ކެރެލާގެ ފިލްމީ ފަންނާނުންގެ ޖަމިއްޔާއިން އިސްތިއުފާ ދިނުމަށްފަހު، އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ޝްވޭތާ ބުނީ، އެ ނިންމުމަކީ އަމިއްލަ ނަފްސުގެ އިއްޒަތާއި ގަދަރަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޝްވޭތާ ތުހުމަތު ކުރި ގޮތުގައި، ކުރީގެ އިސްވެރިން ހިންގާފައިވާ ކަމަށް ބުނާ ބައެއް ނޭދެވޭ ކަންތައްތައް ތަހުގީގު ކުރުމަށް ބައެއް ނުފޫޒުގަދަ ފަރާތްތަކުން ވަނީ އޭނާއަށް ހުރަސް އަޅާފައެވެ.

ޝްވެތާ އިންޑިއާގެ މަގުބޫލު އެކްޓަރު މޯހަންލާލްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
"އަހަރެންނާ އެކު ތިއްބެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. ނަމަވެސް އަހަރެންގެ ބަސް އާންމުންނާ ހަމައަށް އަމިއްލައަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އަހަރެން ދެކެން. އަހަރެން އިސްތިއުފާ ދިނީ އެއްވެސް މީހަކު ބޭނުންހާ ގޮތަކަށް އަޅުވެތިވެގެން މަސައްކަތްކުރަން ބޭނުން ނުވާތީ،" ޝްވޭތާގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައިވެއެވެ.
ޝްވެތާ އިތުރަށް ބުނި ގޮތުގައި، ފިލްމީ ފަންނާނުންގެ ޖަމިއްޔާގެ އިންތިހާބުގެ ކުރިންވެސް އޭނާއާ ދެކޮޅަށް ދޮގު މައުލޫމާތު ފެތުރުމަށާއި އަގު ވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރިއެވެ.
ނަމަވެސް އެ ހުރިހާ ކަމަކާއެކުވެސް، ޖަމިއްޔާގެ މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އޭނާ އިންތިހާބު ކާމިޔާބު ކުރި ކަމަށާއި، އޭނާ މަސައްކަތް ކުރީ ކުރެވެން އޮތް އެންމެ ފުރިހަމައަށް ކަމަށް ޝްވޭތާ ފާހަގަކުރިއެވެ.
ޝްވޭތާ ވަނީ ޖަމިއްޔާގެ މާލީ ރެކޯޑުތައް، ހާއްސަކޮށް ފާއިތުވި ދެ ދައުރުގެ ހިސާބުތައް ވަރަށް ފުރިހަމައަށް ބަލައި، ފޮރެންސިކް އޮޑިޓެއް ހެދުމަށް ވެސް ގޮވާލާފައެވެ. މިއީ ހާމަކަން ބޮޑު ގޮތެއްގައި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ކުރިން މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި ބަތަލާ ވަނީ ބުނެފައެވެ.
ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން ޝްވޭތާ ބުނީ، އޭނާއަކީ ބީޖޭޕީ ނުވަތަ ވާތު ފިޔަހުގެ ޕާޓީތަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށާއި، އޭނާގެ ނިންމުންތަކަކީ މިނިވަން ނިންމުންތަކެއް ކަމަށެވެ.
ފިލްމީ ފަންނާނުންގެ ޖަމިއްޔާގެ މިހާރުގެ ލީޑަޝިޕް އިންތިހާބު ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. މިއީ އެ ޖަމިއްޔާގެ ތާރީހުގައި އިސް މަގާމުތަކަށް އަންހެނުން އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އެގޮތުން ޝްވޭތާ މެނަން ރައީސާގެ މަގާމަށް އިންތިހާބުވިއިރު، ޖެނެރަލް ސެކްރެޓަރީއަކަށް ހޮވުނީ ކުކޫ ޕަރަމޭޝްވަރަން އެވެ. އަދި އަންސިބާ ހަސަން އާއި ލަކްޝްމީ ޕްރިޔާ ވެސް އިސް މަގާމުތަކަށް ހޮވުނެވެ.
މިދާދި ފަހުން އަންސިބާ ހަސަން ވެސް ވަނީ ޖަމިއްޔާގެ ބައެއް މެންބަރުންނާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދީފައެވެ.