ފީފާ ވޯލްޑް ކަޕުގައި އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ޒަމާންވީ ވާދަވެރިޔާ ލިއޮނަލް މެސީއާ ގުޅުވައި ކުރި ސުވާލަކަށް ޖަވާބުދޭން އޭނާ ދެކޮޅު ހަދައިފިއެވެ.
ނޫސްވެރިޔަކު މެސީގެ ނަން ބޭނުންކޮށްގެން ސުވާލު ފެށުމާއެކު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މޫނު އަނބުރާލައި، އެ ސުވާލަށް ޖަވާބުނުދީ އެހެން ނޫސްވެރިއަކަށް ސުވާލުކުރުމުގެ ފުރުސަތުދީފައެވެ.
މިއީ މެސީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދިތާ 24 ގަޑިއިރުވެސް ނުވަނީސް ހިނގި ކަމެކެވެ.
މިމެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި، ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ދުނިޔޭގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.
ފަހަކަށް އައިސް ރޮނާލްޑޯގެ ފޯމަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ބެހޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، މިއީ ވަރަށް އުނދަގޫ ހަފްތާއެއް ކަމަށާއި، އާންމުންގެ ފާޑުކިޔުންތައް އޭނާއާއި މެނޭޖަރަށް ވަރަށް ބޮޑަށް އަމާޒުވި ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ 23 އަހަރުގެ ކެރިއަރުގައި މިފަދަ ކަންކަމާ ކުރިމަތިލާފައިވާ ކަމަށާއި، ކަންކަން ރަނގަޅުވާއިރު ތައުރީފްކޮށްފައި، ދަށްވާއިރު މުސްކުޅިވެއްޖެ ކަމަށް ބުނުމަކީ އާންމުކަމެއް ކަމަށް ރޮނާލްޑޯ ފާހަގަކުރިއެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރޮނާލްޑޯގެ ހަރަކާތްތަކަކީ ސެންޓަ ފޯވާޑެއްގެ ކިބައިން ފެންނާނެ އެންމެ މޮޅު ކުޅުމެވެ.
ކޮންގޯ އަތުން ހޯދި މޮޅާއެކު ޕޯޗުގަލް މިހާރު އޮތީ ގްރޫޕް ކޭގެ ދެވަނައިގައެވެ.