އިންޖީނު ހުއްޓުމުގެ ސަބަބުން މާލެ ސަރަހައްދުން ބޭރަށް އޮޔާދިޔަ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބޮޑު ތެޔޮ ޓޭންކަރު "އެމްޓީ ހޯކްސް ގްލޯރީ" އެސްއެސްއެޗްއީ މޯލްޑިވްސް އިން ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ.
ދިހަހާސް ޓަނުގެ މި ބޮޑު އުޅަނދު ސަލާމަތްކޮށް، ކަފުޖަހައިގެން މާލޭގެ ބަނދަރަށް (މާލެ އެންކަރޭޖް) ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޓޭންކަރުގެ އިންޖީނަށް ކުއްލި މައްސަލައެއް ދިމާވެ އިންޖީނު ހުއްޓުމާ ގުޅިގެން، މާލެ ސަރަހައްދާ ދުރަށް އުޅަނދު އޮޔާދާން ފެށިއެވެ.

މިކަމާ ގުޅިގެން ކުއްލި އެހީތެރިކަމަށް އެދުމުން، އެސްއެސްއެޗްއީ މޯލްޑިވްސް އިން ވަނީ ވަގުތުން އެ ކުންފުނީގެ މެރިން ރެސްޕޮންސް ޓީމު ހަރަކާތްތެރިކުރުވައިފައެވެ. އަދި އެ ރޭގެ ގާތްގަނޑަކަށް 22:00 ހާއިރު މީހުން ސަލާމަތްކުރުމާއި އުޅަނދު ކަފުޖެހުމުގެ އޮޕަރޭޝަން ވަނީ ފަށައިފައެވެ.
ކަނޑުމަތީގެ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކެޕްޓަން ސުބްހާން ސަތްރިއާނާގެ ކޮމާންޑުގެ ދަށުންނެވެ. އޭނާގެ އިތުރުން 10 ފަޅުވެރިން ހިމެނޭ މި ޓީމުން ވަނީ، ރައްކާތެރިކަމާއެކު ޓޭންކަރު ކަފުޖަހައި، މާލެ އެންކަރޭޖަށް ގެނެސްފައެވެ.
މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ ޖެހިގެން އައި ދުވަހުއެވެ.

މި ކާމިޔާބު އޮޕަރޭޝަނާއެކު، ކަނޑުމަތީގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމަށާއި، އުޅަނދުފަހަރު ކަފުޖެހުމުގެ އިތުރުން އުޅަނދުފަހަރު ސަލާމަތްކުރުމުގައި އެސްއެސްއެޗްއީ މޯލްޑިވްސްއަށް ލިބިފައިވާ ފަންނީ ތަޖުރިބާއާއި ގާބިލުކަން ވަނީ ހާމަވެފައެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެކެވެ.