ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ނުރައްކާތެރި މެލްވެއާ ހަމަލާތަކެއް ދެމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ކެސްޕާސްކީ އިން ބުނީ ވަޓްސްއެޕް ވެބް އަދި ޑެސްކްޓޮޕް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފަތުރަމުންދާ ނުރައްކާތެރި މެލްވެއާ ކެމްޕޭނެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަމަލާތަކުގައި ހެކަރުން ދަނީ މީގެ ކުރިން ހެކްކޮށްފައިވާ ވަޓްސްއެޕް އެކައުންޓްތައް ބޭނުންކޮށްގެން، އެ މީހުންގެ ކޮންޓެކްޓްސްގައި ތިބި ފަރާތްތަކަށް ނުރައްކާތެރި ފައިލްތަކެއް ފޮނުވަމުންނެވެ.

ހެކަރުން ފޮނުވާ ގިނައިލްތައް ހުންނަނީ އިންވޮއިސްތަކެއްގެ ގޮތުގައި ---
މިގޮތަށް ފޮނުވާ ފައިލްތައް ހުންނަނީ އާންމު ވިޔަފާރީގެ ލިޔެކިޔުންތައް ކަމަށްވާ އިންވޮއިސް، ބޭންކް ސްޓޭޓްމަންޓް ނުވަތަ ދަރަނީގެ ނޯޓިސްތަކުގެ ނަމުގައެވެ. މި ފައިލްތައް ހުޅުވައިލުމާއެކު، ސިއްރުން ކޮމްޕިއުޓަރަށް އިތުރު ވައިރަސްތައް ޑައުންލޯޑުވެ، ހެކަރުންނަށް އެ ކޮމްޕިއުޓަރެއް ރިމޯޓްކޮށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ކެސްޕާސްކީގެ ގްލޯބަލް ރިސާޗް އެންޑް އެނަލިސިސް ޓީމުން ހާމަކުރި ގޮތުގައި، މި ހަމަލާތައް މިހާތަނަށް އެންމެ ބޮޑަށް އަމާޒުވެފައިވަނީ މެލޭޝިއާ، ބްރެޒިލް، ސިންގަޕޫރު، ތައިވާން އަދި ވިއެޓްނާމް ފަދަ ގައުމުތަކަށެވެ. މީގެ އިތުރުން ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށްވެސް މި ހަމަލާތައް ފެތުރެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، ދަންނަ މީހެއްގެ ފަރާތުން އައި ނަމަވެސް، ގޮތްނޭންގޭ ފައިލްތަކާއި އެޓޭޗްމަންޓްތައް ހުޅުވުމުގައި ސަމާލުވުމަށް ކެސްޕާސްކީއިން އިރުޝާދުދެއެވެ. ޚާއްސަކޮށް .vbs، .exe، .bat، ނުވަތަ .js ފަދަ ފޯމެޓްތަކުގެ ފައިލްތައް ހުޅުވުމުގެ ކުރިން އެއީ ރައްކާތެރި ފައިލްތަކެއްތޯ ޔަގީންކުރުމަށާއި، ކޮމްޕިއުޓަރުތަކުގައި ވަރުގަދަ އެންޓިވައިރަސް ސޮފްޓްވެއާއެއް ބޭނުންކުރުމަށް ސައިބަރ ސެކިއުރިޓީ މާހިރުން ބާރުއަޅުއްވައެވެ.
ސައިބަރ ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ މާހިރުން ފާހަގަކުރާ ގޮތުގައި، ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިންގް އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕްއަކީ މިފަދަ ހެކިންގް ހަމަލާތަކަށް އާންމުކޮށް ހެކަރުން ބޭނުންކުރާ ވަސީލަތެކެވެ. މީގެ ކުރިންވެސް ވަޓްސްއެޕްގެ ސެކިއުރިޓީ ސިސްޓަމްތަކުގައި ހުންނަ ބަގްތައް ނުވަތަ ބަލިކަށިކަންކަން ބޭނުންކޮށްގެން ޔޫޒަރުންގެ ޑޭޓާ ވަގަށް ނެގުމާއި، އެކައުންޓްތަކުގެ ކޮންޓްރޯލް އަތުލުމުގެ އެކި ހާދިސާތައް ދުނިޔޭގެ އެކި ކޮޅުތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ޚާއްސަކޮށް ފޯނާ ވަކިން ކޮމްޕިއުޓަރުގައި ބޭނުންކުރާ ވަޓްސްއެޕް ވެބް ނުވަތަ ޑެސްކްޓޮޕް އެޕްލިކޭޝަންތަކަކީ، ބްރައުޒާގެ ސެކިއުރިޓީއާއި ކޮމްޕިއުޓަރުގެ ސޮފްޓްވެއާ އަޕްޑޭޓްތަކަށް ބިނާވެފައިވާ އެއްޗަކަށްވާތީ، މޯބައިލް އެޕަށްވުރެ ބޮޑަށް ލެޕްޓޮޕްތަކާއި ޕީސީތަކަށް މެލްވެއާ ފޮނުވުމަށް އެފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ހެކަރުން ހިފުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.