ހެކަރެއްގެ ހަމަލާއަކާ ގުޅިގެން ޓާމް ފައިނޭންސަށް 8.5 މިލިއަން ޑޮލަރުގެ ގެއްލުމެއް

ހެކިންގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކްރިޕްޓޯ ކަރަންސީ ދަނީ ފޭރެމުން ---

ޑީސެންޓްރަލައިޒްޑް ފައިނޭންސް (ޑީފައި) ލެންޑިން ޕްލެޓްފޯމެއް ކަމަށްވާ ޓާމް ފައިނޭންސްގެ ސްޓްރެޓެޖީ ވޯލްޓްތަކުގެ ގަވަނަންސް ކޮންޓްރޯލަށް ހެކަރަކު ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 8.5 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ބްލޮކްޗެއިން ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޕެކްޝީލްޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެކަރު ވަނީ 6.87 މިލިއަން ޑޮލަރުގެ އަގުހުރި 2،843 އީތާ އަދި 1.68 މިލިއަން ޔޫއެސްޑީސީ ވަގަށް ނަގައި، އާދީއްތަ ދުވަހު އެ ފައިސާ 1.68 މިލިއަން ޑާއީ އަށް ބަދަލުކޮށްފައެވެ. ސެކިއުރިޓީ ކުންފުނި ސާޓިކް އިން ވެސް ލަފާކޮށްފައިވަނީ ގެއްލުމުގެ އަދަދު އުޅެނީ ގާތްގަނޑަކަށް 8.5 މިލިއަން ޑޮލަރުގައި ކަމަށެވެ.

މި ހާދިސާ ހިނގުމުގެ ކުރިން ޓާމް ފައިނޭންސްގެ ވޯލްޓްތަކުގައި ހުރި ޖުމްލަ 12.45 މިލިއަން ޑޮލަރުގެ ތެރެއިން ގާތްގަނޑަކަށް 68 އިންސައްތަ ފައިސާ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި އެ ޕްލެޓްފޯމުގައި ހުރި ގާތްގަނޑަކަށް 8.8 މިލިއަން ޑޮލަރުގެ އީތީރިއަމް އެސެޓްތައް އެއްކޮށް ހެން ހިމެނެއެވެ.

https://sun.mv/173618

މި ހާދިސާއާ ގުޅިގެން ޓާމް ލެބްސް އިން ވަނީ ޓާމް މެޓާ ވޯލްޓްތަކުގެ ހުރިހާ މަސައްކަތެއް ދާއިމީކޮށް ހުއްޓާލައި، އެ ވޯލްޓްތަކުގެ ޑާއޯ ގަވަނަންސް އިމްތިޔާޒުތައް އުވާލާފައެވެ. މީގެ ސަބަބުން އަލަށް ފައިސާ ޖަމާކުރުން ހުއްޓުނު ނަމަވެސް، ކުރިން ޖަމާކޮށްފައިވާ ފައިސާ އަނބުރާ ނެގުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ވަނީ ދީފައެވެ.

ތަހުގީގުގެ ފުރަތަމަ މަރުހަލާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ޓާމް ޕްރޮޓޮކޯލްގެ އަސްލު ނިޒާމަށާއި އެތަނުގެ ލެންޑިން އަދި ބޮރޮވިން މާކެޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އޮންޗެއިން މޮނިޓަރިން ޕްލެޓްފޯމެއް ކަމަށްވާ ޑެފިމޮން އިން ފާހަގަކުރި ގޮތުގައި، ހެކަރު މި ހަމަލާ ދީފައިވަނީ ގަވަނަންސް ވޯޓުލުމުގައި އާންމުން ބައިވެރިވި މިންވަރު މަދުވުމުގެ ފައިދާ ނަގައި، ގިނަ އަދަދެއްގެ ގަވަނަންސް ޓޯކަންތަކުގެ ކޮންޓްރޯލް ހޯދައިގެންނެވެ. އެއަށްފަހު ޕްރޮޕޯސަލްތައް ފާސްކޮށް ވޯލްޓްތަކުގެ ކޮންޓްރޯލް އޭނާގެ އަތްދަށަށް ގެންދިޔައީއެވެ. ނަމަވެސް، ހެކަރު އެ ވޯޓިން ބާރު ހޯދި ސީދާ ގޮތެއް ޓާމް ފައިނޭންސުން އަދި ހާމައެއް ނުކުރެއެވެ.

މި ވޯލްޓްތަކުގައި ބޭނުންކުރަނީ ޔާން ވީ3 ގެ އިންފްރާސްޓްރަކްޗާ ކަމަށް ވިޔަސް، ހަމަލާ ދީފައިވަނީ ވަކިން ހަދާފައިވާ ގަވަނަންސް ރެޕާއެއް މެދުވެރިކޮށް ކަމަށްވާތީ، ޔާންގެ އަމިއްލަ ވޯލްޓްތަކަށް މިފަދަ ހަމަލާއެއް ނުދެވޭނެ ކަމަށް ޔާން އިން ވަނީ ބުނެފައެވެ.

ގެއްލުނު އެސެޓްތައް އަނބުރާ ހޯދުމަށާއި މައްސަލަ ހައްލުކުރުމަށް ބޭރުގެ ސެކިއުރިޓީ މާހިރުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ލިބުނު އުނިކަން ފޫބެއްދުމަށް ހުރި މަގުތައް ބަލަމުންދާ ކަމަށް ޓާމް ފައިނޭންސުން ބުނެއެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވެސް އޮރަކަލް އެރާއެއްގެ ސަބަބުން ގަސްތަކާ ނުލައި 918 އީތާ ލިކުއިޑޭޓްވި ހާދިސާއެއް ހިނގާފައިވާއިރު، އޭރު 556 އީތާ އަނބުރާ ހޯދައި، ގެއްލުން 362 އީތާއަށް ކުޑަކޮށް އަދި ގެއްލުންވި ފަރާތްތަކަށް ބަދަލު ދީފައިވެއެވެ.

އެ ހާދިސާއަށްފަހު ބޮޑެތި އަޕްގްރޭޑްތައް ތިންވަނަ ފަރާތަކުން ވެރިފައިކުރުމަށާއި ގަވަނަންސްގެ ދެފުށް ފެންނަ މިންވަރު އިތުރުކުރަން އެ ކުންފުނިން ވައުދުވެފައިވެއެވެ.

މިދިޔަ ހަފުތާގެ އޮގަސްޓް 21 ގައި މަންތްރާ ޗެއިން ނެޓްވޯކުން ވެސް ވަކި ސަބަބެއް ހާމަނުކުރާ ހާދިސާއެއް ތަހުގީގު ކުރުމަށްޓަކައި އެ ނެޓްވޯކުގެ ހުރިހާ މުއާމަލާތްތަކާއި އެސެޓްތައް ދައުރުވުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން ފާހަގަކުރެވެއެވެ. އެ ހާދިސާގައި ވެލިޑޭޓަރުންނާއި، ޕަބްލިކް ބްލޮކްޗެއިން ނޯޑްތަކާއި، މަންތްރާ ބްރިޖް އަދި އިންޓަ ބްލޮކްޗެއިން ކޮމިއުނިކޭޝަން ރިލޭތަކަށް އަސަރުކޮށްފައިވެއެވެ.

comment ކޮމެންޓް