އިންޑިއާގެ ލަކްނޯގެ އަލީގަންޖް ސަރަހައްދުގައި ހުންނަ ކޯޗިން ސެންޓަރެއްގައި މިއަދުގެ މެންދުރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ގިނަ މީހުން މަރުވެފައި ވަނީ، ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށް 'ކިންގް ޖޯޖް މެޑިކަލް ޔުނިވަސިޓީ (ކޭޖީއެމްޔޫ) ޓްރޯމާ ސެންޓަރުގެ ޑޮކްޓަރަކު ވިދާޅުވެއްޖެއެވެ.
ކިންގް ޖޯޖް މެޑިކަލް ޔުނިވަސިޓީގެ މޯޗަރީ ބޭރުގައި ތިބި އާއިލާތަކުން ވަނީ، މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި އެމީހުންގެ ލޯބިވާ ކުދިންނާއި ތިމާގެ މީހުން، ސަލާމަތްކޮށްދިނުމަށް އެދި އެންމެ ފަހު ވަގުތު ކުރި ފޯނު ކޯލުތަކުގެ ހިތާމަވެރި ހަނދާންތައް އާކޮށްފައެވެ.
މި ހާދިސާގައި މަރުވި އެކަކީ އިމާރާތުގެ ދެވަނަ ބުރީގައި ހުންނަ ގްރެފިކްސް އެނިމޭޝަން ސެންޓަރެއްގައި ކިޔަވައިދެމުންދިޔަ، އުމުރުން 23 އަހަރުގެ ގޭމް ޑިޒައިނަރެއް ކަމަށްވާ ސުޚްމަނީ ސިންގްއެވެ.
އޭނާގެ ބައްޕަ ޕްރަބްޖޯތު ސިންގް ރޮމުން ކިޔައިދިން ގޮތުގައި، މެންދުރުފަހު 2 ޖަހާކަންހާއިރު ސުޚްމަނީ ގުޅާފައި، "ބައްޕާ، އަޅުގަނޑު ސަލާމަތްކޮށްދޭށޭ" ބުނެ އާދޭސްކުރިއެވެ. އަދި ބޭރަށް ނުކުމެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ސުޚްމަނީ ސިންގް ބުނި ކަމަށް އޭނާގެ ބައްޕަ ވަނީ ކިޔައިދީފައެވެ.

ލަކްނޯގައި މިއަދު ހިނގި އަލިނާފުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް ނެރެނީ -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް
މި ހާދިސާގައި މަރުވި އުމުރުން 27 އަހަރުގެ ޖޯއިނީލް ޗަކްރަވޯޓީ ވެސް މަސައްކަތް ކުރަމުންދިޔައީ އެ ސެންޓަރުގައެވެ. އޭނާގެ ތިމާގެ މީހެއް ކަމަށްވާ ވިޝްވަނާތު ސަރުކާރު ބުނި ގޮތުގައި، ޖޯއިނީލް ވަރަށް ބޮޑަށް ބިރުގެންފައި ހުރެ އޭނާގެ ބޮޑުދައިތައަށް ގުޅައި، އެމީހުން ތިބީ ތާށިވެފައި ކަމަށާއި ކޮންމެވެސް ގޮތަކުން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރިއެވެ.
އާއިލާގެ މީހުން ބުނާ ގޮތުގައި އެމީހުންނަށް އެ ސަރަހައްދަށް ދެވުނީ މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށެވެ. އަދި އިމާރާތުގެ ފާރު ތަޅާލައިގެން އެތެރެއަށް ވަނުމުގެ ނިންމުން މާ ކުރިން ނިންމި ނަމަ، ގިނަ ފުރާނަތަކެއް ސަލާމަތް ކުރެވުނީސް ކަމަށް އެމީހުން ގަބޫލުކުރެއެވެ.
ކޭޖީއެމްޔޫގެ ވައިސް ޗާންސެލަރު ސޯނިއާ ނިތްޔާނަންދު 'ދަ އިންޑިއަން އެކްސްޕްރެސް'އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ހޮސްޕިޓަލަށް 24 މީހަކު ގެނެވުނުއިރު، އޭގެ ތެރެއިން 15 މީހަކު ވަނީ ގެނައިއިރު ވެސް މަރުވެފައެވެ.
"އެމީހުންގެ ހަށިގަނޑުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް. އެ އެންމެންވެސް މަރުވީ ނޭވާ ހާސްވެގެން. މިހާރު ދަނީ އޮޓޯޕްސީ (ޕޯސްޓްމޯޓަމް) ހަދަމުން،" ސޯނިއާ ނިތްޔާނަންދު ވިދާޅުވެފައިވެއެވެ.
މި ހާދިސާ ފެނުނު މީހެއް ކަމަށްވާ، އަދި މަރުވި އުމުރުން 25 އަހަރުގެ އަދިތްޔާ ސްރިވަސްތަވާގެ މަންމަ ކަލްޕަނާ ސްރިވަސްތަވާ ބުނި ގޮތުގައި، އިމާރާތުގެ ބޭރުގައި ހުރި ފެން ހިންދާ ހޮޅިތަކުގައި އެލިގަނެގެން ބައެއް އަންހެން ކުދިންނާއި ފިރިހެން ކުދިން ސަލާމަތްވާން މަސައްކަތް ކުރަނިކޮށް އޭނާއަށް ފެނުނެވެ.
"މަގޭ ދަރިފުޅުގެ ރައްޓެހިން ފުންމާލައިގެން ސަލާމަތްވި، އެކަމަކު އޭނާއަކަށް ނުނިކުމެވުނު. އޭނާއާ އެންމެ ފަހުން ވާހަކަ ދެކެވުނީ މިއަދު މެންދުރު އެކެއް ޖަހާކަންހާއިރު" ކަލްޕަނާ ސްރިވަސްތަވާ ކިޔައިދީފައިވެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އަދިތްޔާ އެ އެނިމޭޝަން ސެންޓަރުގައި ވަޒީފާ އަދާކުރަން ފެށީ މީގެ މަސްދުވަސް ކުރިންނެވެ. އެތަނުގައި ވައި ދައުރުވާނެ ގޮތެއް ނެތް ކަމަށާއި އަލިފާނުގެ ހާދިސާފަދަ ކުއްލި ހާލަތެއްގައި އެތަނުން ނުކުމެވޭނެ އެއްވެސް މަގެއް ފެންނަން ނެތްއިރު އެފަދަ ތަނެއް ހިންގަން ލައިސަންސް ލިބުނު ގޮތާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އަލިފާނުގެ މި ހިތާމަވެރި ހާދިސާއާ ގުޅިގެން ލަކްނޯގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕާތަކް ވަނީ އެ ހާދިސާގެ ތަހުގީގު އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދަން ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރި ސަބަބު އެނގުނުހާ އަވަހަކަށް އިހުމާލުވާ ފަރާތްތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕާތަކް ވަނީ އާއިލާތަކަށް ދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބޮޑުވަޒީރުގެ ނޭޝަނަލް ރިލީފް ފަންޑުން ދެ ލައްކަ ރުޕީސް، އަދި އަނިޔާވި ކޮންމެ މީހަކަށް 50،000 ރުޕީސް ދިނުމަށް ނިންމަވާފައެވެ.