އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ލަކްނޯގެ އަލީގަންޖް ސަރަހައްދުގައި ހުންނަ ކޯޗިން ސެންޓަރެއްގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 14 ދަރިވަރުން މަރުވެއްޖެއެވެ.
އެ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕާތަކްއާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، މި ހާދިސާ ހިނގި ވަގުތު ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވެފައި ވާއިރު، ބައެއް ދަރިވަރުން ވަނީ ސަލާމަތްވުމަށްޓަކައި އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ތިރިއަށް ފުންމާލާފައެވެ.
އެއް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އަލިފާންގަނޑު ކޮންޓްރޯލް ނުވެ ރޯވެފައި އޮތުމަށްފަހު، އަލިފާން ނިއްވާލެވުނު އިރު 14 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނަމަވެސް ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 15އަށް ވަނީ އަރާފައެވެ.
ވިޔަފާރި ކުރާ ސަރަހައްދެއްގައި ހުރި މި އިމާރާތަކީ ކޯޗިން ސެންޓަރުގެ އިތުރުން ޕެޓް ކްލިނިކަކާއި ކޮމްޕިއުޓަރު ސާމާނު ވިއްކާ ފިހާރަތައް ވެސް ހުރި ތަނެކެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސެންޓަރުން ގިނަ ބަޔަކު ފުންމާލި އިރު، މީހަކު ސަލާމަތްވާން އުޅުމުގެ ތެރޭގައި ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕާތަކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ ދަ ހިންދޫ
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ މަސައްކަތްކުރީ ތަޅައިގެން ގޮސްފައިވާ ކުޑަދޮރަކުން ބޭރަށް ނުކުމެ، އިމާރާތުގެ ބޭރުގައި ހުރި އައްސޭރިފަށެއްގައި ހިފަހައްޓައިގެން ހުންނާށެވެ.
ނަމަވެސް، ހިފަހައްޓައި ނުލެވިގެން އޭނާ ވެއްޓުނީ ތިރީގައި ހުރި ފެންސެއްގެ މައްޗަށެވެ. އެ ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ ވަގުތުން އޭނާއަށް އެހީތެރިވެ، ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. އެ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އަމާން ނަމަކަށް ކިޔާ މީހަކު އިންޑިއާގެ ނޫޙެއް ކަމަށްވާ އެންޑީޓީވީއަށް މައުލޫމާތު ދެމުން ބުނީ، އިމާރާތުން ބޯ ދުންތައް އަރަމުންދިޔަ މަންޒަރު ފެނުމާ އެކު މީހުން އެ ސަރަހައްދަށް އެއްވި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފަސް ވަރަކަށް ހަ މީހުން ސަލާމަތް ކުރެވުނު. ބިރުން ހުރި މީހަކު އިމާރާތުން ފުންމާލުމުގެ ސަބަބުން އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު. އަދިވެސް ބައެއް މީހުން އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ،" އަމާން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ތިބި މީހުން އެންޑީޓީވީ ނޫހަށް ކިޔައިދިން ގޮތުގައި، ދަރިވަރުން ހިމެނޭހެން ގިނަ ބަޔަކު އިމާރާތުގެ ތެރޭގައި ތާށިވިއެވެ. ނަމަވެސް، ތާށިވި މީހުންގެ ސީދާ އަދަދެއް ރަސްމީ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މަންޒަރު ދުށް މީހަކު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އެއީ ތިން ފަންގިފިލާގެ އިމާރާތެކެވެ. އަލިފާން ރޯވީ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައެވެ. އަދި ވަރަށް އަވަހަށް މުޅި ތަނަށް އަލިފާން ފެތުރިގެން ދިޔައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރެއިން ބައެއް ކުޑަދޮރުތައް ތަޅާލަން ޖެހުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕާތަކް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕާތަކް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަން ކަމާބެހޭ އިދާރާތަކުގައި މިހާރު އެދިފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ޑެޕިއުޓީ ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބޮޑުވަޒީރުގެ ނޭޝަނަލް ރިލީފް ފަންޑުން ދެ ލައްކަ ރުޕީސް، އަދި އަނިޔާވި ކޮންމެ މީހަކަށް 50،000 ރުޕީސް ދިނުމަށް ވަނީ ނިންމަވާފައެވެ.
އިންޑިއާގެ ސިޓީތައް ތަރައްގީވަމުން އަންނަ އިރު، އިމާރާތްތަކުގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް އަމަލު ނުކުރެވޭ މައްސަލަ މި ހާދިސާއާ އެކު އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، ގަވާއިދުތައް ހަރުކަށި ނަމަވެސް، އެކަންކަން ތަންފީޒުކުރުމުގައި ހުރި ދޯހަޅިކަމާއި، އިމާރާތްތަކުގެ ފަރުމާއަށް ގެންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ.