އިލެކްޝަންސް ކޮމިޝަނުން އޭރު އިސްތިއުފާ ދެއްވީ މިނިވަންކަމާއެކީ މަސައްކަތްކުރެވޭނެ މާހައުލެއް ނެތި، ހިތްހަމަޖެހިވަޑައިނުގަންނަވާ ފަދަ އަޑުތަކެއް އިވުމުން ކަމަށާއި، އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަނެއްކާވެސް އިސްތިއުފާދެއްވާނެ ކަމަށް، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަކީލްގެ ނަން ފޮނުއްވީ މިމަހުގެ ނުވަވަނަ ދުވަހެވެ. ޝަކީލްގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ އޭގެ ހަފުތާއެއް ފަހުން ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވަނީ، ޝަކީލް އިސްތިއުފާދެއްވި ސަބަބު އައްސަވައިފައެވެ.
ޖަވާބުގައި ޝަކީލް ވިދާޅުވީ، އޭނާ އިސްތިއުފާދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނިކޮށް ކޮމިޝަންގެ ތެރެއިން އިވިވަޑައިގެންނެވި ހިތްހަމަނުޖެހޭ، އަދި މިނިވަންކަމާއެކީ މަސައްކަތްކުރަން ދަތިވާނެ ފަދަ ބައެއް އަޑުތަކުގެ ސަބަބުން ކަމަށެވެ.
އޭގެ އިތުރުން، އެފަދަ މާހައުލެއްގައި، އޭނާއަށް މަތިކޮށްފައިވާ ޒިންމާތައް މިނިވަންކަމާއެކީ އަދާކުރެވޭނެ ކަމަށް އޭނާގެ ޟަމީރު ގަބޫލުނުކުރާތީ އިސްތިއުފާދެއްވީ ކަމަށް، ޝަކީލް ވިދާޅުވިއެވެ.
"މިހާރުވެސް ހަމަ ކުރިއަށް އޮތް ތަނުގައިވެސް، އެފަދަ ހާލަތެއް އައިސްފިއްޔާ އަޅުގަނޑު މަސައްކަތުން އެއްފަރާތްވެ އިސްތިއުފާ ދޭނަން،" އޭނާ ވިދާޅުވިއެވެ.
ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ.
އިލެކްޝަންސް ކޮމިޝަނުން ޝަކީލް އިސްތިއުފާދެއްވުމަށްފަހު ދެން އަދާކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.
މިހާރު އޭނާ ހުންނެވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.