އިއްޔެ ބޭއްވި އެމެރިކާ އީރާނުގެ މަޝްވަރާތަކުން އެމެރިކާގެ މަގްސަދު ހާސިލެއްނުވި

އިއްޔެ މަޝްވަރާތަކުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއި ގަތަރުގެ ޚާރިޖީ ވަޒީރު އެމެރިކާގެ ނައިބު ރައީސް އާއެކު

ލުސާން، ސްވިސްޓްޒަލޭންޑް (22 ޖޫން 2026) : ސްވިސްޓްޒަލޭންޑްގެ ލުސާން ލޭކް ރެސޯޓްގައި އިއްޔެ ބޭއްވި އެެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގައި ބައިވެރިވި އީރާނުގެ ސިޔާސީ ވަފްދު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިއްޔެ ބޭއްވި އީރާން އާއި އެމެރިކާގެ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުން ހާސިލްކުރަން އެމެރިކާ އެންމެ ބޮޑަށް ބޭނުންވި ކަމަކީ އީރާނުގެ ނިއުކްލިޔާ ހުރިހާ މަރުކަޒުތަކަށް އދ. ގެ އިނިސްޕެކްޓަރުން ވަދެ އެތަންތަނުގެ ހާލަތު ބެލުމުގެ ހުއްދަ އީރާނުގެ ކިބައިން ހޯދުމެވެ. ނަމަވެސް އީރާނުގެ ވަފްދު އެނބުރި ގައުމަށް ދިޔައީ މިކަން ހާސިލް ކުރުމަށް އާބަސް ނުދީއެވެ.

ވައިޓް ހައުސްގެ މަސްއޫލުވެރިންނާ ހަވާލާދީ "އެކްސިއޮސް" ބުނާގޮތުން ފުރަތަމަ ބުރުން ހާސިލްކުރަން އެމެރިކާ ބޭނުންވާ ކަމަކީ އެމެރިކާއާއި އިސްރާއީލު ބޮންއެޅި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާއި ބޮންއެޅުމުގެ ފުރުސަތު ނުލިބޭ ފަރުބަދަތަކުގެ އަޑީގައިވާ އީރާނުގެ ނިއުކްލިޔާ މަރުކަޒުގެ ހާލަތު އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ އިނިސްޕެކްޓަރުން މެދުވެރިކޮށް ދެނެގަތުމަށެވެ. ނަމަވެސް އިއްޔެ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އެމެރިކާއަށް މިކަން ހާސިލެއް ނުކުރެވުނެވެ.

އިއްޔެ މަޝްވަރާތަކުގައި ބައިވެރިވި އީރާނުގެ ޚާރިޖީ ވަޒީރު ސްވިސްޓްޒަލޭންޑްގެ ޚާރިޖީ ވަޒީރުއާ ބައްދަލުކުރައްވަނީ

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް "އައިއޭއީއޭ" ގެ އިނިސްޕެކްޓަރުން ވެއްދުމުގެ ފުރުސަތު އީރާން ދިނުމުން އެމެރިކާގައި ކުރިއްސުރެ ހިފަހައްޓާފައިވާ އީރާނުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ތެރެއިން ހަތް ބިލިޔަން ޑޮލަރު ވަގުތުން ދޫކުރާނެކަން ފުރަތަމަ ބުރުގެ ވާހަކަތަކުގައި އެމެރިކާގެ ވަފްދުން އީރާނުގެ ވަފްދަށް އަންގާފައިވާ ކަމަށް "އެކްސިއޮސް" ބުނެއެވެ. ނަމަވެސް އިއްޔެ ސްވިސްޓްޒަލޭންޑްގައި ބޭއްވި އެމެރިކާއާއި އީރާނުގެ ފުރަތަމަ ބުރުގެ ވާހަކަތަކުން މިކަން ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.

މި ވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރާ ޕާކިސްތާނާއި ގަތަރު ބުނާގޮތުން އިއްޔެ ގެ ވާހަކަތަކުން އުންމީދީ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އެއްވެސް ކަމެއް ނިންމާލެވިފައެއް ނުވެއެވެ. މިއާއެކު މިއަދުވަނީ ޓެކްނިކަލް ލެވެލް އެއްގައި ދެފަރާތުގެ ޓެކްނިކަލް ކޮމިޓީތަކުން ވާހަތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ.

އިއްޔެގެ މަޝްވަރާތަކަށް އެޅުނު އެންމެ ބޮޑު ހުރަހަކީ އިސްރާއީލުން ލުބްނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާތީ އެއީ އެމްއޯޔޫގެ ފުރަތަމަ ޕޮއިންޓްއާ ޚިލާފުކަމަކަށް ބުނެ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދިމާވި މައްސަލަތަކެވެ. އީރާން އަލުން ހުރުމުޒު ބަންދުކުރުމުން އެމެރިކާގެ ރައީސްވަނީ އީރާން ވުޖޫދުން ފޮހެލާނެކަމަށް ބުނެ އަނެއްކާވެސް ހަރުކަށި ބަޔާނެއް ދީފައެވެ.

މިކަމާގުޅިގެން އީރާންގެ ވަފްދުވަނީ މަޝްވަރާގެ މޭޒު ދޫކޮށް އެނބުރި އެމީހުން ތިބޭ ރެސިޑެންސް ސަރަހައްދަށް ގޮސްފައެވެ. ނަމަވެސް މިމައްސަލާގައި ޓްރަމްޕް އަނެއްކާ މައާފަށް އެދޭގޮތަށް ބަޔާނެއް ދިނުމުން އީރާނުގެ ވަފްދުވަނީ އަލުން އެނބުރި މަޝްވަރާތަކަށް ރުޖޫއަވެފައެވެ. މިކަމާހެދި ގިނަ ވަގުތުތަކެއްވަނީ ގެއްލިގެން ގޮސްފައެވެ.

އިސްރާއީލު މިހާރުވަނީ ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލާފައެވެ. ނަމަވެސް އީރާން އަދި ހުރުމުޒު ކަނޑުއޮޅި ނުހުޅުވައެވެ. އީރާނުގެ މީޑިއާ ބުނާގޮތުން ހުރުމުޒު ހުޅުވާނީ އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލިކަން ޔަގީން ކުރެވޭ ހިސާބަށް ދިޔުމުންނެވެ. އިއްޔެ ހަމަލާތައް ހުއްޓާލުމަށްފަހުވެސް އިސްރާއީލުން ލުބްނާނަށް ދެ ހަމަލާއެއް ދިނެވެ.

އީރާނާއި އެމެރިކާގެ ފަންނީ ވަފްދުތަކުގެ މަޝްވަރާތައް ސްވިސްޓްޒަލޭންޑްގައި މިއަދު ކުރިޔަށްދިޔަނަމަވެސް އީރާނުގެ ސިޔާސީ ވަފްދުގެ ބޭފުޅުން މިއަދު ހެނދުނުވަނީ އެނބުރި އީރާނަށް ވަޑައިގެންފައެވެ. އަދި އެމެރިކާގެ ސިޔާސީ ވަފްދުގެ ބޭފުޅުންވެސް މިއަދު އެނބުރި ވޮޝިންޓަނަށް ވަޑައިގަންނަވާނެކަމަށް ޚަބަރުލިބެއެވެ.

ސްވިޒަލޭންޑްގައި އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުނު މަޝްވަރާތަކުގެ ފުރަތަމަ ބުރު، އެމެރިކާގެ މައިގަނޑު މަގުސަދު ހާސިލުނުވެ ނިމިއްޖެއެވެ. އެމެރިކާއިން ބޭނުންވީ އީރާނުގެ ހިފެހެއްޓިފައިވާ 7 ބިލިއަން ޑޮލަރު ދޫކުރުމުގެ ބަދަލުގައި، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އީރާނުގެ ފަރުބަދަތަކުގެ އަޑީގައިވާ ނިއުކްލިއަރ މަރުކަޒުތައް ބަލައިފާސްކުރުމުގެ ހުއްދަ ހޯދުމަށެވެ. ނަމަވެސް އީރާނުގެ ސިޔާސީ ވަފުދުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ. މި މަޝްވަރާތަކަށް އެންމެ ބޮޑު ހުރަހެއް އެޅުނީ އިސްރާއީލުން ލުބްނާނަށް ދެމުންދިޔަ ހަމަލާތަކާ ގުޅިގެންނެވެ. އެއީ ފުރަތަމަ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ބުނެ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރިއެވެ. މީގެ ރައްދުގައި އެމެރިކާގެ ރައީސް ހަރުކަށި ބަޔާނެއް ދެއްވުމުން އީރާނުގެ ވަފުދު މަޝްވަރާގެ މޭޒު ދޫކޮށްދިޔައެވެ. ނަމަވެސް ފަހުން މައާފަށް އެދުމުން އަލުން މަޝްވަރާތައް ފެށުނެވެ. މިހާރު ސިޔާސީ ވަފުދުތައް ގައުމަށް އެނބުރި ދިޔަ ނަމަވެސް، ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން ފަންނީ ކޮމިޓީތަކުގެ ވާހަކަތައް ކުރިއަށްދާނެއެވެ.

  • އެމެރިކާއިން އެދުނު ގޮތަށް އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ނިއުކްލިއަރ މަރުކަޒުތަކަށް ވަނުމުގެ ހުއްދަ އީރާނުން ނުދިން.
  • ހުއްދަ ދީފިނަމަ ހިފަހައްޓާފައިވާ އީރާނުގެ 7 ބިލިއަން ޑޮލަރު ދޫކުރަން އެމެރިކާއިން ހުށަހެޅި.
  • އިސްރާއީލުން ލުބްނާނަށް ހަމަލާދިނުމުން، އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް މަޝްވަރާތަކަށް ހުރަސްއެޅުނު.
  • އެމެރިކާއާއި އީރާނުގެ ސިޔާސީ ވަފުދުތައް އެނބުރި ގައުމަށް ގޮސްފައިވީ ނަމަވެސް، ފަންނީ ކޮމިޓީތަކުން މަޝްވަރާތައް ކުރިއަށްގެންދާނެ.
comment ކޮމެންޓް