އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު "ލަގްޒަރީ" މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ޔޫކޭގެ ފުންނާބުއުސް ޓުއާ އޮޕަރޭޓަރެއް ކަމަށްވާ "ގޯލްޑް މެޑަލް" އާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ސްޓްރެޓީޖިކް މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.
މި އަހަރުގެ މެއި 29ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ފެށި މި ކެމްޕޭން، މި އަހަރުގެ 31 ޖުލައިގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވީއެމްސީން ބުނެއެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ޔޫކޭގެ ޓްރެވަލް އޭޖެންޓުންނާއި ރީޓެއިލް ނެޓްވޯކްތަކާ ސީދާ ގުޅުން ގާއިމުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިކުރުމެވެ. މި މަސައްކަތް މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ބައިގައި އިސްކަންދީފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ވިޔަފާރީގެ ހަރަކާތްތަކަށެވެ. މީގެ ދަށުން ޔޫކޭގެ ބޮޑެތި ފިހާރަތަކުގައާއި ދަތުރުފަތުރާ ބެހޭ މަޝްހޫރު މަޖައްލާތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް އިޝްތިހާރު ކުރުން ހިމެނެއެވެ. އަދި ޑިޖިޓަލް މީޑިއާގެ ދާއިރާއިން، ޚާއްސަ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާގެ އިތުރުން އެއްހާހަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުންނަށް އަމާޒުކޮށްގެން އީމެއިލް މާކެޓިން ހަރަކާތްތައް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ކަސްޓަމަރުންގެ ސުވާލުތަކަށް ފުރިހަމަ މައުލޫމާތު ދިނުމަށްޓަކައި ކޯލް ސެންޓަރުތަކުގެ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ދަނީ ހިންގަމުންނެވެ.
ކެމްޕޭންގެ ދެވަނަ ބައި އަމާޒުކޮށްފައިވަނީ ރާއްޖޭގެ މުއްސަނދި ގޮނޑުދޮށްތަކާއި ރަށްތައް އިޝްތިހާރުކޮށް، ލަގްޒަރީ ފަތުރުވެރިކަން ދިގުމުއްދަތަކަށް ކުރިއެރުވުމަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން، މަތީ ފަންތީގެ ޓްރެވަލް އެޖެންސީތަކުގައި ރާއްޖޭގެ ބްރޯޝަރުތައް އަހަރު ދުވަހުގެ މުއްދަތަށް ބެހެއްޓުމާއި، ލަގްޒަރީ ފަތުރުވެރިކަމަށް ޚާއްސަ ވެބްސައިޓެއް ގާއިމުކުރުން ހިމެނެއެވެ. ހަމައެއާއެކު، ޓްރެވަލް އޭޖެންޓުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި ބުކިންގްސް ހަދާ ފަރާތްތަކަށް އިނާމު ދޭ ޕްރޮގްރާމެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
މި ކެމްޕޭނަކީ ދެ ފަރާތުންވެސް އެއްވަރަކަށް ޚަރަދުކޮށްގެން، ޒިންމާތައް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ގޯލްޑް މެޑަލްގެ ފަރާތުން ކެމްޕޭންގެ ފަރުމާތަކާއި، ޑިޖިޓަލް އަދި ރީޓެއިލް މާކެޓިންގެ ހުރިހާ އޮޕަރޭޝަނެއް ބަލަހައްޓާއިރު، ވީއެމްސީން މުޅި ކެމްޕޭންގެ ސްޓްރެޓެޖީ ބަލަހައްޓައި، ބޭނުންކުރާ ހުރިހާ މެޓީރިއަލްތަކަކީ ރާއްޖޭގެ ބްރޭންޑް މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރު ކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. މިއީ ހަމައެކަނި އިޝްތިހާރު ކުރުމުގެ ބަދަލުގައި، ނަތީޖާއަށް ބުރަވެ ހިންގާ ހަރަކާތަކަށް ވުމާއެކު، ކެމްޕޭންގެ ތެރެއިން ލިބޭ ބުކިންގްސްތަކުގެ ތަފާސްހިސާބު ބަލައި، ކުރާ ޚަރަދާ އަޅައިބަލާއިރު ލިބޭ މަންފާ ދެނެގަނެވޭނެ ކަމަށް ވެސް ބުންޏެވެ.
ޔޫކޭއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ.މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު އެ ގައުމުން 80,881 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 8.7 އިންސައްތައެވެ. މިފަދަ ދަނޑިވަޅެއްގައި ފެށުނު މި ކެމްޕޭނުގެ ސަބަބުން، ޔޫކޭ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ބުކިންގްސްތައް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.