މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ނުވަ ޕަސެންޓް އިތުރުވެ، 8.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 40.4 ބިލިއަން ރުފިޔާގެ ތެރެއިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 19.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ތަފާތު ޓެކްސްތަކުން ލިބުނު 14.8 ބިލިއަން ރުފިޔާ ހިމެނެއެވެ.
ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ 708 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެ ޖީއެސްޓީގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުން ލިބޭ ޓީޖީއެސްޓީ އާއި އެހެން ދާއިރާތަކުން ލިބޭ ޖީޖީއެސްޓީއެވެ.
ރާއްޖެއަށް ޓީޖީއެސްޓީން ލިބުނު އާމްދަނީ ވެސް، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އިތުރުވެ، ވަނީ 6.02 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ޖީޖީއެސްޓީގެ ގޮތުގައި މިދިޔަ އަަހަރުގެ މި މުއްދަތުގައި ލިބުނީ 2.2 ބިލިއަން ރުފިޔާ ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފަތުރުވެރިން މާލޭގައި: އަހަރުގެ މިހާތަނަށް ޓީޖީއެސްޓީ އާމްދަނީ ވަނީ އިތުރުވެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްވާން
މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ ރޭޓު 16 ޕަސެންޓުން 17 ޕަސެންޓަށް އިތުރުކޮށް، ބަޖެޓުގައި ލަފާކޮށްފައި ވަނީ މި އަހަރު ޓީޖީއެސްޓީ އާމްދަނީއަށް 11.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެއީ މި އަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒާއެކުގައެވެ.
އެހެންނަމަވެސް، މި އަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މާރިޗް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އަދި އޭޕްރިލް މަހު އައި އަދަދު ވަނީ 24.4 ޕަސެންޓް ދަށްވެފައެވެ.
އެ ދެ މަހަށް ފަހު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން، މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 1.7 ޕަސެންޓް ދަށްވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއެކު، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި މުދަލުގެ އަގުތައް ވަނީ އުފުލިފައެވެ.