ވޯލްޑް ކަޕް 2026: އުންޑާވްގެ ދެ ގޯލާއެކު 10 އަހަަރުފަހުން ޖަރުމަނު ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް 2026 ގައި އައިވަރީ ކޯސްޓް ކޮޅަށް ދެ ލަނޑު ޖެހި ޖަރުމަނުގެ އުންޑާވް--

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނިޒް އުންޑާވް ޖެހި ދެ ލަނޑާއެކު ޖަރުމަނުން 2-1 އިން އައިވަރީ ކޯސްޓް ބަލިކޮށް، ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގައި ހިމެނޭ ޖަރުމަނުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި 43,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު، މިއީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ޖަރުމަނުން ގްރޫޕް ސްޓޭޖް ފަހަނާއަޅައި ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މެޗު ފެށިގެން ޖަރުމަނުން މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުގެ ގޯލަށް ނުރައްކާ ކުރިއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ ޖަރުމަނުން އުންމީދުކުރި ގޮތަކަށް ނޫނެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޖަރުމަނުގެ އަލެކްސަންޑަ ޕަވްލޮވިޗް ބޮލުން ޖެހި ލަނޑެއް، އައިވަރީ ކޯސްޓުގެ ކީޕަރު ޔަހިއާ ފޮފާނާއަށް ފައުލް ކުރިކަމަށް ބަލައި ރެފްރީ އެ ނިންމުން ބާތިލްކުރިއެވެ.

ފީފާ ވޯލްޑް ކަޕު 2026 ގައި އައިވަރީ ކޯސްޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަރުމަނުން އުފާފާޅުކުރަނީ--

އޭގެ އަށް މިނެޓު ފަހުން، މެޗުގެ 30 ވަނަ މިނެޓުގައި މުޅި ސްޓޭޑިއަމް ސިއްސުވާލުމަށްފަހު އައިވަރީ ކޯސްޓުން ލީޑު ނެގިއެވެ. ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން، އަމާދު ޑިއާލޯ ޖެހި ބޯޅަ ޖަރުމަނުގެ ޑިފެންޑަރު ނަތަނިއަލް ބްރައުން މަތަކުރި ނަމަވެސް، ރީބައުންސްވެގެން އައި ބޯޅަ ކެޕްޓަން ފްރޭންކް ކެސިއޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

އޭގެ ފަހުން 39 ވަނަ މިނެޓުގައި ކައި ހާވާޓްޒް ޖަރުމަނަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން ޖަމާލް މުސިއާލާ ފައުލްކޮށްފައިވުމުން އެ ލަނޑު ބަލައިނުގަތެވެ.

ފުރަތަމަ ހާފު 1-0 އިން އައިވަރީ ކޯސްޓް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ގެނައި ބަދަލުތަކުން މެޗުގެ ނަތީޖާ އަނބުރާލިއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ކުޅެން އެރި ވީއެފްބީ ސްޓުޓްގާޓްގެ ފޯވާޑް އުންޑާވް ވަނީ، އޭގެ އަށް މިނެޓު ފަހުން އެހެން ބަދަލު ކުޅުންތެރިއެއް ކަމަށްވާ ނަދީމް އަމީރީ ނަގައިދިން ހުރަހަކުން ހިތްގައިމު ލަނޑެއް ޖަހައި ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ 1-1 އިން އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، ޖަރުމަނުން ސަޕޯޓަރުން ހިނިތުންވުން ލިބުނީ އިތުރު ވަގުތުގެ 94 ވަނަ މިނެޓުގައެވެ.

ފީލިކްސް އެންމެޗާ ދިން މޮޅު ޕާހަކުން އުންޑާވް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ކޮންޓްރޯލް ކުރުމަށްފަހު އެނބުރިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައި ޖަރުމަނަށް މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މިއީ ފުރަތަމަ މެޗުގައި ކިއުރަސާއޯ އަތުން 7-1 އިން ޖަރުމަނު މޮޅުވި މެޗުގައިވެސް ބެންޗުން ނިކުމެ ލަނޑު ޖެހި އުންޑާވްގެ ހުނަރުވެރިކަން ހާމަބވި މެޗެކެވެ.

މި ގްރޫޕުން ޖަރުމަނު ދެވަނަ ބުރަށް ދަތުރުކުރިއިރު، ފުރަތަމަ މެޗުގައި އިކުއެޑޯ ބަލިކުރި އައިވަރީ ކޯސްޓަށް ދެން ޖެހޭނީ ގްރޫޕްގެ ފަހު މެޗުގައި ވޯލްޑް ކަޕްގެ އަލަށް ވާދަކުރާ ކިއުރަސާއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދާށެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގެ މި މެޗުން ޖަރުމަނު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުގެ ފްރޭންކް ކެސިއޭ ލަނޑެއް ޖަހައި ލީޑު ނަގާފައިވަނިކޮށް، ޖަރުމަނުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ކޯޗު ހޫލިއަން ނާގަލްސްމަން ގެނައި މުހިންމު ބަދަލުތަކާއެކުގައެވެ. މިއީ 2014 ވަނަ އަހަރު ތަށި ހޯދި ފަހުން ޖަރުމަނު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މި މޮޅާއެކު ޖަރުމަނަށް ދެވަނަ ބުރު ޔަގީންވެފައިވާއިރު، އައިވަރީ ކޯސްޓަށް ދެން ޖެހޭނީ ފަހު މެޗުގައި ކިއުރަސާއޯ ބަލިކުރާށެވެ.

  • މެޗުގެ 30 ވަނަ މިނެޓުގައި އައިވަރީ ކޯސްޓްގެ ކެޕްޓަން ފްރޭންކް ކެސިއޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.
  • ފުރަތަމަ ހާފުގައި ޖަރުމަނުގެ ޕަވްލޮވިޗް އަދި ހާވާޓްޒް ޖެހި ދެ ލަނޑެއް ފައުލްގެ ސަބަބުން ރެފްރީ ވަނީ ބާތިލްކޮށްފައެވެ.
  • ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޑެނިޒް އުންޑާވް ވަނީ 68 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
  • މެޗުގެ އިތުރު ވަގުތުގެ ތެރޭގައި 94 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާގެ އެހީތެރިކަމާއެކު އުންޑާވް ޖެހި ދެވަނަ ލަނޑާއެކު ޖަރުމަނުން ވަނީ މެޗުން މޮޅުވެފައެވެ.
  • ޖަރުމަނުން 10 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރުން.
  • ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ޑެނިޒް އުންޑާވް ދެއްކި ތަފާތު މޮޅު ކުޅުން.
  • ދެވަނަ ބުރަށް ދިއުމަށް އައިވަރީ ކޯސްޓަށް ކުރިއަށް އޮތް މެޗުން މޮޅުވުން މަޖުބޫރުވުން.
comment ކޮމެންޓް