އިސްރާއީލާއި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފި

ޓްރަމްޕް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން: އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެފައިި --

އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ހެދި އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އީރާނުން އަނެއްކާވެސް ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފިއެވެ.

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ)ގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ވަނީ، ހަނގުރާމަ ހުއްޓާލުމަށް ހެދި އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބުނާނަށް ހަމަލާ ދެމުން އަންނަ ކަމަށެވެ. އަދި އެމެރިކާއިން އެ ހަމަލާތައް ހުއްޓުވައިފައި ނުވުމުން، ދެ ގައުމުން ވެސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެއެވެ.

އެމެރިކާއާއި މެދުއިރުމަތީގެ އޮފިޝަލުން އިއްޔެ ވަނީ، 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ގައުމުން އަމަލުކުރަން ފަށައިފައިވާ ކަމަށް އިއުލާންކޮށްފައެވެ. އެ އެއްބަސްވުމުގައި ހިމެނުނު މުހިންމު ޝަރުތުތަކުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި ވަގުތުން ހުޅުވުމާއި އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލުން ހިމެނެއެވެ.

ހުރުމުޒު ކަނޑުއޮޅި -- ފޮޓޯ/ ރޮއިޓާސް

އެ އެއްބަސްވުމާއެކު އީރާނުން ހުރުމުޒު ހުޅުވިއެވެ. ނަމަވެސް އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މާ ގިނައިރެއް ނުވެ އިސްރާއީލުން ލުބުނާނަށް ވައިގެ ހަމަލާތަކެއް ދިނެވެ. ލުބުނާނުގެ ސިވިލް ޑިފެންސް އޭޖެންސީން މިއަދު ބުނި ގޮތުގައި އެ ހަމަލާތަކުގައި 16 މީހުން މަރުވެ، 12 މީހަކަށް ވަނީ އަނިޔާވެފައެވެ.

އެ ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އެ ގައުމުން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް ބުނެފައެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް ބަޔަކު ކަނޑުއޮޅިއާ ގާތަށް ނުދިޔުމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ.

އެ މައްސަލަ ދިމާވެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް ހަދަން އެމެރިކާއާއި އީރާނުން ސްވިޒަލެންޑުގައި ބައްދަލުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އެއާއެކު އީރާނުން މަޝްވަރާތަކުގައި ބައިވެރިނުވެދާނެ ކަމުގެ ކަންބޮޑުވުން އުފެދުނު ނަމަވެސް، ބައެއް ރިޕޯޓުތަކުގައި ވަނީ އީރާނުން ޑެލިގޭޝަނެއް ފޮނުވާނެ ކަމަށް ބުނެފައެވެ.

ހުރުމުޒު ކަނޑުއޮޅަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ އުފުލުމަށް މުހިންމު ސަރަހައްދެކެވެ. އެގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ)ގެ ގިނަ ޝިޕްމެންޓުތަކާއި 20 ޕަސެންޓް ޕެޓްރޯލިއަމް ކޮންމެ ދުވަހަކު ވެސް އުފުލަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ.

އެމެރިކާއިން ފެބްރުވަރީ 28ގައި އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ފެށި ހަނގުރާމައިގެ ސަބަބުން އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެމެރިކާއާއި އިސްރާއީލުން ވެފައިވާ ފަސްދޮޅަސް ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އީރާނުގެ ކަނޑުގެ ސިފައިން ވަނީ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ، އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާތަކެއްގައި ސޯޅަ މީހުން މަރުވުމާ ގުޅިގެންނެވެ. އެމެރިކާއިން އިސްރާއީލުގެ ހަމަލާތައް ހުއްޓުވައިފައި ނުވުމަކީ، އެއްބަސްވުން މުގުރާލުން ކަމުގައި އީރާނުން ދެކެއެވެ.

  • ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތަށް އިސްރާއީލުގެ ހަމަލާތައް އެމެރިކާއަށް ހުއްޓުވިފައިނުވާކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.
  • ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އީރާނުން އެޅި ފުރަތަމަ ފިޔަވަޅު ކަމަށް އެ ގައުމުން ވަނީ އިއުލާނުކޮށްފައެވެ.
  • މި މައްސަލަ އުފެދިފައިވަނީ ދާއިމީ ސުލްހައިގެ މަޝްވަރާތަކަށް ސްވިޒަލެންޑުގައި ބައްދަލުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
  • ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ.
  • މީގެ ކުރިންވެސް އީރާނުން މި ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
  • އެއްބަސްވުމާ ޚިލާފުވުން: އިސްރާއީލުން ލުބުނާނަށް ދިން ނުރައްކާތެރި ހަމަލާތައް.
  • އީރާނުގެ ރައްދު: ހުރުމުޒު ކަނޑުއޮޅި ވަގުތުން ބަންދުކޮށް އިންޒާރުދިނުން.
  • އިގުތިސާދީ އަސަރު: ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ކުރިމަތިވާނެ ބޮޑު ހީނަރުކަން.
comment ކޮމެންޓް