މި މަހުގެ ހަތަރު ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ތެލުގޫ ފިލްމު "ޕެއްޑީ"އަށް މިހާތަނަށް 400 ކްރޯޑު ރުޕީސްއާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ދެކުނު އިންޑިއާގެ ކާމިޔާބު އެކްޓަރު ރާމް ޗަރަން އަދި ހިންދީ ސިނަމާގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު މުހިއްމު ރޯލްތަކުން ފެންނަ "ޕެއްޑީ" އަކީ، ބުޗީ ބާބޫ ސަނާ ޑައިރެކްޓްކޮށް ތެލެގޫ ސިނަމާގައި މި އަހަރު މިހާތަނަށް އެންމެ ބޮޑަށް ހިނގާފައިވާ އެއް ފިލްމެވެ.
ފިލްމު އުފެއްދި ޓީމުން ހާމަކުރި ގޮތުގައި، ރިލީޒްކުރިތާ އެންމެ 14 ދުވަހުގެ ތެރޭގައި މި ފިލްމު ވަނީ ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި އާ ރެކޯޑެއް ގާއިމުކޮށްފައެވެ.
ރާމްގެ ފަހުގެ ކެރިއަރަށް ބަލާއިރު، "ޕެއްޑީ" އަކީ އެކްޓަރަށް ވަރަށް މުހިންމު ކާމިޔާބީއެކެވެ. ރާމްގެ ކުރީގެ ފިލްމު "ގޭމް ޗޭންޖަ"އަށް ބޮކްސް އޮފީހުގައި ލިބުނު ފިނި ތަރުހީބަށް ފަހު، "ޕެއްޑީ" ވެފައި ވަނީ އެކްޓަރުގެ މަގުބޫލުކަން އަލުން އިއާދަކޮށްދިން ފިލްމަކަށެވެ.

ބަތަލާ ޖާންވީ ކަޕޫރު ފިލްމު "ޕެއްޑީ"ގައި ކުޅޭ ކެރެކްޓާ ދައްކުވައިދޭ ޕޯސްޓަރުތަކެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އިންޑިއާގެ މާކެޓުގައި "ގޭމް ޗޭންޖަ"އަށް މުޅި ޖުމްލަ ލިބުނު 131.20 ކްރޯޑް ރުޕީސްގެ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް "ޕެއްޑީ"އިން ވަނީ އެންމެ ފަސް ދުވަހުގެ ތެރޭގައި ހޯދާފައެވެ.
ހަމައެއާއެކު "ޕެއްޑީ" ވެފައިވަނީ ރާމްގެ ކެރިއަރުގައި އިންޑިއާގެ މާކެޓުން 200 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "އާރްއާރްއާރް"އެވެ.
މީގެއިތުރުން ފިލްމު "ޕެއްޑީ" އަކީ ރާމް އެކަނި ލީޑް ރޯލު ކުޅުނު ފިލްމުތަކުގެ ތެރެއިން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފިލްމެވެ. މިއީ ރާމްގެ މަގުބޫލު ފިލްމު "ރަންގަސްތަލަމް"އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ބައިނަލްއަގުވާމީ މާކެޓުގައި ހޯދި ފިލްމެއްގެ ގޮތުގައި މިހާރު ވަނީ ރެކޯޑް ކުރެވިފައެވެ.
އޭއާރް ރަހުމާން މިއުޒިކް ތައްޔާރުކޮށްފައިވާ "ޕެއްޑީ" އަކީ، އަވަށެއްގައި ދިރިއުޅޭ، ހިތްވަރުގަދަ މީހަކު 'ޕެރާ އެތުލީޓަކަށް' ވެ، ކުޅިވަރުގެ ޒަރީއާއިން އޭނާގެ މުޖުތަމައު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު "ޕެއްޑީ" ރިލީޒްކުރުމާ އެކު، ބަތަލާ ޖާންވީ ކަޕޫރު ފެންނަ ބައެއް މަންޒަރުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން މި ފިލްމަށް މާބޮޑޫ ތަރުހީބެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކަށް ހީވިއެވެ. ނަމަވެސް މިކަމާ ގުޅިގެން ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދި، އެ މަންޒަރުތައް ފިލްމުން އުނިކޮށްފައިވާކަން ހާމަކޮށްފައެވެ.