އުތުރު އެމެރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ގަތަރަށް ތާރީޚީ ނަތީޖާއެއް ހޯދައިދިން ލަނޑު ޖެހި ކެޕްޓަން ބޫއަލެމް ކޫކީއަށް އެ ގައުމުގެ ސަރުކާރުން ބޮޑު ސަޕްރައިޒް އިނާމެއް ދޭން ނިންމައިފިއެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ގަތަރުގެ ސަރުކާރުން ވަނީ ކޫކީގެ އަގުވަޒަންކުރުމަށް ބޮޑެތި ހަދިޔާތަކެއް ކަނޑައަޅާފައެވެ.
ގަތަރުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން އިއުލާންކޮށްފައިވާ ގޮތުގައި، މެޗު އެއްވަރުކޮށްދިން ލަނޑާއެކު އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ތިން މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 550,000 ޑޮލަރުގެ އަގުހުރި އެންމެ ފަހުގެ ރޯލްސް ރޮއިސް ފެންޓަމް މަރުކާގެ ކާރެއްވެސް އޭނާއަށް ހަދިޔާކުރާނެއެވެ.
ރޭ ދަންވަރު ރާއްޖެ ގަޑިން 12:00 ގައި ކުޅެވުނު ފޯރިގަދަ މި މެޗުގައި ސްވިޒަލޭންޑުން ލަނޑެއް ޖަހާ ކުރިހޯދާފައިވަނިކޮށް، ގަތަރުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެ ފަހު މިނެޓުކޮޅުގެ ތެރޭގައެވެ.

ގަތަރުގެ ތާރީޚީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ--
މެޗުގެ 94 ވަނަ މިނެޓުގައި އަކްރަމް އަފީފް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ކޫކީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މުޅި ގަތަރު ޓީމަށް ބޮޑު އުފާވެރިކަމެއް ހޯދައިދީފައެވެ. މި ލަނޑާއެކު ގަތަރުން ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެގައުމަށް ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މިއީ ވޯލްޑް ކަޕް މުބާރާތެއްގެ ތާރީޚުގައި ގަތަރުން ކާމިޔާބުކުރި ދެވަނަ ލަނޑެވެ. މީގެ ކުރިން 2022 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ހުރިހާ މެޗަކުން އެ ގައުމު ބަލިވިއިރު، މުޅި މުބާރާތުގައިވެސް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
އެހެންކަމުން މި މެޗުން ލިބުނު ޕޮއިންޓާއި ކޫކީ ޖަހައިދިން ތާރީޚީ ލަނޑަކީ އެ ގައުމުގެ ފުޓްބޯޅައިގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވޭ ކާމިޔާބީއެކެވެ. މި ނަތީޖާއާއެކު ގަތަރުގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ބޮޑު އުފާފާޅުކުރުންތަކެއް ބާއްވަމުންނެވެ.