މިރޭ ފަށާ ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުތައް ކުޅެނީ އުނދަގޫ ގަޑިތަކެއްގައި ކަމަށާއި ހުރިހާ މެޗެއް ބެލުމަށް ދަތި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މުބާރާތުގެ ފޯރި ގަދަވަމުން އަންނަ ދަނޑިވަޅެއްގައި، ސަރުކާރު ޕްރޮމޯޓުކުރާ ސޯޝަލް މީޑިއާ އެކައުންޓަކުން އާންމުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، މިފަހަރުގެ މެޗުތައް ރާއްޖެ ގަޑިން ރޭގަނޑު 9 އަކުން ހެނދުނު 9 އަކަށް، ދަންވަރާއި ފަތިހުގެ އިތުރުން އޮފީސް ގަޑިތަކަށް ދިމާވާތީ ހުރިހާ މެޗެއް ބެއްލެވުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ.
މިއީ ވަޒީފާތަކަށްދާ ގިނަ ރައްޔިތުންގެ ވެސް އޮތް ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ވީ ވަރަކުން ބައެއް މެޗުތައް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
"މިފަހަރު ވަރަށް އުނދަގޫ ގޮތަކަށް މިއޮތީ. ހެނދުނު ވެސް އެބައޮތް. އޮފީހަށް އަންނަ ގަޑީގައި ވެސް އެބައޮތް. ދަންވަރު ވެސް އެބައޮތް. ފަތިހު ވެސް އެބައޮތް." ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ ވީޑިއޯގައި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ކުރެއްވި ސުވާލުތަކަށް ސަމާސާ ރާގަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މުބާރާތުން މޮޅުވާނެ ޓީމެއް ކުރިއާލާ އެނގޭ ނަމަ ކުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އެމަނިކުފާނު އެންމެ ބޮޑަށް ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް ކަމަށާއި، ދެވަނަ ޗޮއިސްއަކީ އިންގްލެންޑް ކަމަށް ވިދާޅުވިއެވެ. އަދި ފްރާންސް ފަދަ ބާރުގަދަ ޓީމުތަކުގެ އިތުރުން، މުބާރާތުގެ ފައިނަލާ ހަމައަށް ގޮސް ތަށި ނުލިބިފައިވާ ނެދަލެންޑްސް ފަދަ ޓީމަކުން ސަޕްރައިޒެއް ދީ، ތަށި ނެގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯލްޑް ކަޕް މެޗުތައް ބެލޭނެ ފަހި އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވުމަށް މިނިސްޓަރު ރާފިއުއަށް އިލްތިމާސްކުރައްވާފައެވެ.
މިފަހަރުގެ މުބާރާތް ހުޅުވުމުގެ މެޗުގައި ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ. އަދި އޭގެ ފަހުން މާދަމާ ހެނދުނު 7 ޖަހާއިރު ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.