ޖަލަށްލާން އަންގައިފި ކަމަށް ވިދާޅުވެ، ހުކުމުގެ ކުރިން ޝައްމާން ނޫސްވެރިންނާ ބައްދަލުކުރަނީ

ޝައްމާނާއި ރައީސް މުއިއްޒު: އޭނާ ވަނީ ހުކުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރަން ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ޖަލަށްލާން "އަމުރުކޮށްފައިވާ" ކަމަށް ވިދާޅުވެ، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރުމުގެ ކުރީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އޭނާ ނިންމަވައިފިއެވެ.

ޝައްމާނަށް ހުކުމްކުރަން މިއަދު 4:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

ހުކުމުގެ ކުރިން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ، ހުކުމުގެ ކުރިން 15:30 ގައި ނޫސްވެރިން ބޭނުންވާ ބައެއް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގަންނަވާނީ އެއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯޓުން ދެން ގެންދާނީ މާފުއްޓަށް، ޖަލު ހުކުމެއް ކުރުމަށް ވަނީ އަންގާފައި،" އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެ ވާހަކައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އޭނާ ހިއްސާކުރައްވާފައެއް ނުވެއެވެ. މީގެ ކުރިން ޝައްމާންގެ އާއިލާގެ ފަރާތުން ވެސް ވަނީ އޭނާ އަތުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ ވީޑިއޯތަކެއް ހުރި ކަމަށް ބުނެފައެވެ. އަދި، ޝައްމާން "ފްރޭމްކުރީ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް މީގެ ކުރިން ތުހުމަތުކުރައްވާފައިވެއެވެ.

އެކަމަކު، ފުލުހުން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށް ފަހު، މިދިޔަ ޑިސެންބަރު 25 އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ބައެއް ސިޔާސީ ކަންކަމުގައި ވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ވެސް މިނިސްޓަރު އިހުސާން އިސްތިއުފާދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/223061

އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ.

ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެއެވެ.

https://sun.mv/210067

ޝައްމާންގެ އަންހެނުންނާއި މަންމަ އަދި ބައްޕަ، ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝައްމާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި، އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާކަން ސާބިތުކުރުމަށެވެ.

ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެ ތެރެއިން ބައެއް ޝަމްއާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.

ޝައްމާންގެ މައްސަލަ ވެސް ހުކުމާ ހަމައަށް ގޮސްފައިވާއިރު، މި މައްސަލައިގައި ޝައްމާނާ އެކު ކަހަލަ ގޮތަކަށް ހައްޔަރުކުރި ބައެއް މީހުން ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދައި، ލުއި އަދަބު ހޯދާފައެވެ.

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުން މިއަދު ހަވީރު 4:00 އަށް ތާވަލުކޮށްފައިވާއިރު، ކޯޓުން އޭނާ ޖަލަށްލުމަށް ނިންމާފައިވާ ކަމަށް ޝައްމާން ވިދާޅުވެއްޖެއެވެ. ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި މަނީ ލޯންޑަރިންގެ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވީ ނަމަވެސް، ޝައްމާން ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރުކުރައްވާފައެވެ. އަދި މިއީ ސިޔާސީ ގޮތުން އޭނާ ފްރޭމްކުރުމަށް ރާވައިގެން ހިންގާފައިވާ އަމަލެއްކަމަށް އޭނާއާއި އޭނާގެ އާއިލާއިން ތުހުމަތުކުރެއެވެ.

  • ޝައްމާންގެ މައްޗަށް ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
  • ހުކުމުގެ ކުރިން 15:30 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
  • ޝައްމާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމާއި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާއެވެ.
  • ބިދޭސީއެއްގެ އަތުން ފައިސާ ނެގިކަމަށް ކުރެވޭ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވާއިރު، ސްޓޫޑެންޓް ލޯނު ދެއްކީ ބައްޕަ ދިން ފައިސާއިންކަމަށް އާއިލާއިން ހެކިބަސްދީފައިވެއެވެ.
  • ހުކުމް އިއްވުމުގެ ކުރިން ޖަލަށްލާނެކަން އެނގިވަޑައިގަންނަވާކަމަށް ޝައްމާން ވިދާޅުވުން.
  • މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުންތައް ހަދައި ލުއި އަދަބު ހޯދާފައިވުން.
  • ބަންދުން ދޫކޮށްލި ފަހުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދެވުން.
comment ކޮމެންޓް