ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކޮރެއާގެ ހަންބޯ ކޮމްޕެނީ ލިމިޓެޑާ އެކު ކޮށްފައިވާ މުޢާމަލާތްތަކުގައި އެޗްޑީސީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ލިޔެކިޔުންތަކެއް ހާމަވެއްޖެއެވެ.
މީގެ ސަބަބުން ހުޅުމާލޭގެ މިކްސްޑް-ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓްގެ މައްސަލައިގައި އެޗްޑީސީގެ ޒިންމާއާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މި ލިޔެކިޔުންތަކުގައި އެޗްޑީސީން ފަރުވާކުޑަކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އޭގެ ތެރޭގައި ޑިވެލޮޕަރުގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރު ނުކުރުމުން ފެށިގެން ގޮސް އެއްބަސްވުމުގައިވާ މުހިންމު ސުންގަޑިތަކަށް އަޅާނުލުން ހިމެނެއެވެ.
ކޭޕާކް މަޝްރޫއު ފެށީ އޮކްޓޫބަރު 9، 2016 ގައެވެ. ހުޅުމާލޭގައި މިކްސްޑް-ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްތަކެއް އެޅުމަށް ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑާ އެކު އެޗްޑީސީން ޑިވެލޮޕްމަންޓް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް، 'ސަން'އަށް ލިބިފައިވާ ގާނޫނީ ދިރާސާއިން ދައްކާ ގޮތުގައި އެޗްޑީސީން ވަނީ އެންމެ އަސާސީ ޑިއު ޑިލިޖެންސް ހެދުމުގައި ވެސް އިހުމާލުވެފައެވެ. މިގޮތުން، އެއްބަސްވުމުގައި ޑިވެލޮޕަރުގެ ނަމެއްގެ ގޮތުގައި "ހަންބޯ ކޮމްޕެނީ ލިމިޓެޑް" އޮތް ނަމަވެސް، އެއްބަސްވުމުގައި ޖަހާފައިވާ ރަސްމީ ތައްގަނޑުގައި އޮތީ "ހަންބޯ ޓެކް ކޯ ލިމިޓެޑް"އެވެ.
މީގެ އިތުރުން، ނޮވެމްބަރު 2017 ގައި ފުރަތަމަ އެއްބަސްވުމަށް ގެނައި އިސްލާހުގައި ސޮއިކުރިއިރު، ކޮރެއާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ސޮއިކުރީ ޙަސަން މަމްދޫޙެވެ. ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮރެއާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން މަމްދޫޙަށް ލިބުނީ ކިހިނެއްކަން އެއް ގޮތަކަށް ވެސް ސާފެއް ނުވެއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ފާތިމަތު ޝިއުނީއެވެ. ނަމަވެސް، އެ ލިޔުމުގައި ސޮއިކުރުމުގެ ގާނޫނީ ބާރު އޭނާއަށް ލިބިދީފައިވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ޕަވާ އޮފް އެޓާނީއެއް ނުވަތަ އޮތޮރައިޒޭޝަން ލިޔުމެއް އެޓޭޗްކޮށްފައެއް ނުވެއެވެ.
އޭގެ ކުރިން 2016 ވަނަ އަހަރު ހެދި އަސްލު އެއްބަސްވުމުގެ ދަށުން، ބޭރުގެ ޑިވެލޮޕަރު ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރިއެއްގެ ގޮތުގައި އަލުން ރަޖިސްޓްރީކުރަން ގާނޫނީ ގޮތުން ލާޒިމުކުރެއެވެ. މިކަން ސާފުކޮށް އޮތް ނަމަވެސް، އިކޮނަމިކް މިނިސްޓްރީގެ ރިކޯޑުތަކުން އެފަދަ ރަޖިސްޓްރީއެއް ފެންނާކަށް ނެތެވެ.
ކުންފުނި ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް އަދި ބޭރުގެ އެޑްރެހެއްގައި ހިންގަމުން ދަނިކޮށް، އެޗްޑީސީން ވަނީ ނޮވެންބަރު 2017 ގައި އެ ކުންފުންޏާ އެކު ޤާނޫނީގޮތުން ބަނދެވޭ އިސްލާހެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގެ ޓައިމްލައިން ބުނާ ގޮތުން 2016 ގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ތަފުސީލީ ކުރެހުންތައް ޑިވެލޮޕަރު ހުށަހަޅަން ޖެހެއެވެ. އަދި، މުޅި ޕްރޮޖެކްޓް 24 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހެއެވެ. ނަމަވެސް، ސޮއިކުރިތާ ފުރިހަމަ އެއް އަހަރު ފަހުން، 2017 ގައި ސޮއިކުރި އިސްލާހީ އެއްބަސްވުމުގައި އެޗްޑީސީއާއި ޑިވެލޮޕަރު އަދިވެސް ދިޔައީ "ލޭންޑް އެންޑް ލޮކޭޝަން މެޕް" ފައިނަލް ކުރަމުންނެވެ. ފުރަތަމަ އެއްބަސްވުމަށް 12 މަސް ފުރުނުއިރު ޕްރޮޖެކްޓްގެ 50 އިންސައްތަ ނިމެންޖެހޭއިރު، އިމާރާތްކުރާ ބިމުގެ ސީދާ ލޮކޭޝަން ވެސް ދެ ފަރާތަށް ރަސްމީކޮށް ކަށަވަރުކުރެވިފައެއް ނެތެވެ.
އެ މަޝްރޫއު އެހާ ބޮޑަށް ދިގުލައިގެން ދިޔައީ މި މުހިންމު ސުންގަޑިތައް ތަންފީޒުކުރުމުގައި އެޗްޑީސީން މުޅިން އިހުމާލުވުމުން ކަމަށް ލިޔެކިޔުންތަކުގައި ތުހުމަތުކޮށްފައިވެއެވެ.
މި ޕްރޮޖެކްޓަށް ބިން ވިއްކާ އަގުގެ ގޮތުގައި 46.2 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަނޑައެޅިފައިވާއިރު، ފަހުން އެޑެންޑަމްގައި މި އަދަދު ވަނީ 46.9 މިލިއަން ރުފިޔާއަށްވުރެ މައްޗަށް ބަދަލުކޮށްފައެވެ. މި އަގު އެޗްޑީސީއަށް ދެއްކުމަކީ ޑިވެލޮޕަރުގެ މައްޗަށް ލާޒިމު ކަމެކެވެ. ނަމަވެސް, ގާނޫނީ ލިޔުމުން ދައްކާ ގޮތުގައި ޑިވެލޮޕަރުގެ ފަރާތުން މި ބޮޑު މާލީ އިލްތިޒާމު އަދާކޮށްފައެއް ނުވެއެވެ.
ނަމަވެސް، އިމާރާތްކުރުމުގެ މަސައްކަތުގެ އެންމެ 20 އިންސައްތަ ނިމުމާ އެކު، ގަންނަ ފަރާތްތަކާ އެކު ސޭލްސް އެގްރީމެންޓްތައް ހަދައި ސީދާ އެ ފަރާތްތަކުގެ އަތުން ފައިސާ ނެގުމުގެ ހުއްދަ އެޗްޑީސީގެ އެއްބަސްވުމުން ޑިވެލޮޕަރަށް ދީފައިވެއެވެ. ދައުލަތަށް ލިބެންޖެހޭ ބިމުގެ ފައިސާ ފުރަތަމަ ހޯދުމަށް ފޭލިވެ، އަދި ޑިވެލޮޕަރު އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދިޔައިރު އެ ކަމަށް ލޯމަރާލުމުގެ ސަބަބުން، އަސާސީ ގޮތުން މައްސަލަތަކުން ފުރިފައިވާ އަދި މޮނިޓަރު ނުކުރެވޭ ޕްރޮޖެކްޓަކަށް އާންމު ރައްޔިތުން އެ މީހުންގެ ފައިސާ އޮއްސަމުންދިޔަ ހާލަތަކަށް އެޗްޑީސީން ވަނީ ފުރުސަތު ހުޅުވާލަދީފައި ކަމަށް ގާނޫނީ ދިރާސާގައިވެއެވެ.
އެހެންވެ، ކޭޕާކް މައްސަލައިގައި އެޗްޑީސީއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ. މި މައްސަލައިގައި އެޗްޑީސީގެ ބަހެއް ހޯދަން 'ސަން'އިން މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެ ކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރިކަމުގެ ތުހުމަތުކުރެވެނީ ދިވެއްސަކަށް އެ މަސައްކަތުގައި އިސްކޮށް އުޅުނު, ހަސަން މަމްދޫހު (މަންޑޭ) އަށެވެ.
މި މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެންބަރު 31 ގައެވެ. އަދި، މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކޭޕާކް ފުލެޓުތަކުގެ މައްސަލައަށް މިހާރު ނުވަ އަހަރުވެފައިވާއިރު، އެ ފުލެޓުތަކަށް ބޮޑު އަދަދުތަކުން ފައިސާ ދެއްކި މީހުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އެ މީހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ކޭޕާކް ފުލެޓު ގަތް މީހުންނަށް އިންސާފު ލިބޭނެ އަލިމަގެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.